ދުނިޔެ

ޒަޔަނިސްޓުންނަށް އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދޭ ގައުމަކީ އެމެރިކާ

މެދުއިރުމަތީގައި ޒަޔަނިސްޓް ޔަހޫދީ ސަރުކާރެއް ގާއިމުކޮށް ދެމެހެއްޓުމަކީ އެމެރިކާއާ އިނގިރޭސިވިލާތުގެ ވައުދެކެވެ. މިކަން މިގޮތަށް ދެމެހެއްޓުމަށް -- ޖާނާއި މާލުން އެންމެ ބޮޑަށް ޔަހޫދީންނަށް އެހީތެރިވަނީ ވެސް މި ދެ ގައުމުންނެވެ.

ޣައްޒާ ހަނގުރާމައިގެ ތެރޭގައި ޒަޔަނިސްޓުންނަށް އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދިނީ އެމެރިކާއިންނެވެ. އިނގިރޭސިވިލާތުން ވެސް ހަތިޔާރު ޝިޕްމަންޓްތައް ޒަޔަނިސްޓުނަށް ފޯރުކޮށްދިނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފަލަސްތީންގެ ޣައްޒާއަށް އޮކްޓޯބަރު ހަތަކުން ފެށިގެން ޒަޔަނިސްޓުން ދެމުން ގެންދާ ހަމަލާތައް، އެއްވާނެއްގައި ދެމެހެއްޓުމަށް އެމެރިކާ އިން ވަނީ ވަރަށް ގިނައިން ހަތިޔާރު ފޯރުކޮށްދީފަ އެވެ.

މިގޮތުން 230 މަތިންދާބޯޓާއި 20 އާގުބޯޓު ބަރާކޮށް ހަތިޔާރާއި ވަޒަން އަދި އަސްކަރީ އުޅަނދުތައް އެމެރިކާ އިން ސަޕްލައިކޮށްދިން ކަމަށް ހަބަރުތައް ބުނެ އެވެ.

އެމެރިކާއިން އެންމެ ގިނައިން ސަޕްލައިކޮށްފައި ވަނީ ޒަމާނީ ހަތިޔާރާއި ވަޒަނެވެ. މީގެ އިތުރުން އަސްކަރިއްޔާއަށް ހާއްސަ އާލާތްތަކާއި ސިފައިންގެ ރައްކާތެރިކަމަށް ބޭނުންކުރަން ޖެހޭ އާލާތްތައް ހިމެނެ އެވެ.

ޒަޔަނިސްޓް އަސްކަރިއްޔާ އިން އަންދާޒާކުރާ ގޮތުގައި ޣައްޒާ ހަނގުރާމައަށް މިފަހަރު 17 ބިލިއަން ޑޮލަރު ހަރަދުވާނެ އެވެ. މި ބަޖެޓުގެ އެންމެ ބޮޑު ބައި ހޭދަކުރަނީ ހަތިޔާރު ގަތުމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޣައްޒާ ހަނގުރާމަ ދިގުލައިގެން ހިނގައިދާނެ ކަމަށް ބަލައި އަދި ލުބްނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ އަށް ހަމަލާދޭން ޖެހިދާނެ ކަމަށް ވިސްނައި ޒަޔަނިސްޓުން ވަނީ އެ މީހުންގެ ހަތިޔާރު ގުދަންތައް ބަރާކޮށްފަ އެވެ.

ޔަހޫދީ ނޫސްތައް ބުނާ ގޮތުން އަސްކަރީ ގުދަންތަކުގައި ކުރިން ހުރި ހުރިހާ ހަތިޔާރެހެން މިހާރު ވަނީ ބޭނުންކޮށް ހުސްކޮށްފަ އެވެ. ނަމަވެސް، އެމެރިކާއާއި އިނގިރޭސިންގެ އެހީގައި ހަތިޔާރު ގުދަންތައް ފުރައި އަދި އިތުރު ހަތިޔާރު ގުދަންތައް ވަނީ ބިނާކޮށްފަ އެވެ.

ޒަޔަނިސްޓުންގެ ހަމަލާތަކުގައި ޣައްޒާއިން މިހާތަނަށް 20،674 މީހަކު ވަނީ މަރުވެފަ އެވެ. ޔަހޫދީންގެ ހަމަލާތަކުގައި 54،536 މީހަކު ވަނީ ޒަހަމްވެފަ އެވެ.

ހަމާސްއިން ރައްދުގައި ދިން ހަމަލާތަކުން 1،200 ޔަހޫދީ އަކު މަރުވެފައިވާ ކަމަށް ވެއެވެ. އެކަމަކު މިއީ ކިހާ ސައްހަ އަދަދެއް ކަމެއް ނޭނގެ އެވެ.

ޣައްޒާ ހަނގުރާމައިގައި މިފަހަރަކީ ޔަހޫދީންނަށްވެސް ގެއްލުން ބޮޑު ފަހަރެކެވެ.

ޣަައްޒާއަށް ޒަޔަނިސްޓުން މީގެކުރިން ދިން ހަމަލާތަކުގައި ޔަހޫދީންނަށް ނުލިބޭ ވަރުގެ ބޮޑެތި ގެއްލުން މިފަހަރު ވަނީ ލިބިފަ އެވެ.