އިޒްރޭލް ސިފައިން މަސްޖިދުލް އަގްސޯއަށް ވަދެގަނެ ނަމާދަށް ތިބި މީހުންތައް ފޮޅާލައި މުޅިތަން ސުންނާފަތިކުރި އިރު ވެސް އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އެކައްޗެކޭ ވެސް ވިދާޅެއް ނުވެ އެވެ. ޣައްޒާއަށް ބޮން އަޅައި މިސައިލުން ހަމަލާދީ ކުޑަކުދިންނާއި އަންހެނުން މަރަމުން އަންނައިރު ވެސް ބޮޑުވަޒީރު ހުންނެވީ ހަނެވެ.
މެދުއިރުމަތީގައި މިހާރު ހުޅުހިފައި އަނދަމުން ދާއިރު ބޮރިސްއަށް އެއްޗެކޭ ވިދާޅުވެވެނީ އިނގިރޭސިވިލާތުގައި ކޮވިޑް އޮތް ހާލަތާ މެދު އެވެ. ބޮޑުވަޒީރުގެ ސިކުނޑިފުޅުގައި ދެން އޮތް ފިކުރަކީ އިނގިރޭސި މަސްވެރިންނަށް ފްރާންސުން ކޮށްފާނެ ޖެއްސުމެވެ.
އިނގިރޭސިވިލާތުގައި ސުލްހައަށް ލޯބިކުރާ ޖަމާއަތްތަކުން ޓްވީޓާއަށް ނިކުމެ ބޮޑުވަޒީރު ހޯދާއިރުވެސް، ހެލޯއޭ ވެސް ވިދާޅުނުވެ އެވެ. ޖަމާއަތްތަކުން ބުނާ ގޮތުން ހަނުހުންނެވުމަކީ ހައްލެއް ނޫނެވެ. އެއީ ސުލްހައަށް ލޯބިކުރެއްވުމެއް ވެސް ނޫނެވެ.
ބޮޑުވަޒީރު އެއްވެސް އެއްޗެއް ވިދާޅުނުވި ނަމަވެސް ފޮރިން ސެކްރެޓަރީ ވިދާޅުވީ ހަމާސްއިން އިޒްރޭލަށް ރޮކެޓް ފޮނުވުމަކީ މައްސަލައެއް ކަމަށެވެ. އަދި ވިދާޅުވީ މަސަލަސްވުމަށް ދެފަރާތުން ވެސް މަސައްކަތްކުރަންވާނެ ކަމަށެވެ.
ބާރުގަދަ ގައުމުތަކުގެ ވެރިން އިޒްރޭލު ލޮއްސާހާ ހިނދަކު ފަލަސްތީނަށް އޮތީ ނިކަމެތި ކަމެވެ. އިޒްރޭލުގެ ވަކިތައް ކޮއްޓެއްނުވާނެ އެވެ. ބޮޑަކަމާ ކިބުރުވެރިކަމުގައި އިޒްރޭލަށް އޮތީ ރަސްކަމެވެ.