ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒާއި ރައީސް ވަހީދު ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ގައުމުގެ އިޖުތިމާއީ އަދި ސިޔާސީ ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.

ރައީސް ވަހީދަކީ މިދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ޓިކެޓް ހޯދުމަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ނަމަވެސް ރައީސް މުއިއްޒުއަށް ރިޔާސީ ޓިކެޓް ލިބިވަޑައިގަތުމާ އެކު ރައީސް ވަހީދު ވަނީ ޕީޕީއެމް އިން ހިޔާނަތްތެރިވެއްޖެ ކަމަށް ވިދާޅުވެ އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ. އަދި ރައީސް މުއިއްޒަކީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ޓިކެޓް ނުހައްގުން ހޯއްދަވައިގެން ހުންނެވި ބޭފުޅެއް ކަމުގައިވެސް ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް ވަހީދު ވިދާޅުވެފައިވެ އެވެ.

ރައީސް މުއިއްޒު އިއްޔެގެ ވަގުތެއްގައި ވަނީ ކުރީގެ ރައީސް އަދި އެމްއާރްއެމްގެ ޒައީމު ރައީސް މައުމޫނާވެސް ބައްދަލުކުރައްވާފަ އެވެ.

ރައީސް މުއިއްޒު ވަނީ ނިމިގެންދިޔަ ހަފްތާގެ ތެރޭގައި އެމްއެންޕީ، ޖުމްހޫރީ ޕާޓީ އަދި ދަ ޑިމޮކްރެޓްސްގެ އެންމެ އިސްވެރިންނާވެސް ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ގައުމުގެ އިޖުތިމާއީ އަދި ސިޔާސީ ކަންކަމާ ގުޅޭގޮތުން ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެ އެވެ.

ރައީސް މުއިއްޒު، ކުރީގެ ރައީސުންނާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ ބައްދަލުކުރައްވަމުން މިގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެވ ތެރެއިން ވަޒީރުންނަށް ރުހުން ދިނުން ލަސްވަމުން ދަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ -- އެމްޑީޕީން ބުނީ ވަޒީރުންނަށް ރުހުން ނުދިނުމަށް އެއްވެސް ނިންމުމެއް މިހާތަނަށް ރަސްމީކޮށް ނިންމާފައި ނުވާ ކަމަށެވެ.