ދުނިޔެ

ފަލަސްތީނާ ސުލްހަވުމަށް ނަތަންޔާހޫގެ ތިން ޝަރުތެއް

ޒަޔަނިސްޓް ސަރުކާރުން ކަނޑައަޅާ ތިން ޝަރުތެއް ފުރިހަމަވެއްޖެނަމަ ފަލަސްތީނާ އެކު ސުލްހަ ގާއިމުކުރެވިދާނެ ކަމަށް ޒަޔަނިސްޓް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ މަޝްހޫރު ނޫހެއް ކަމަށްވާ ވޯލް ސްޓްރީޓް ޖާނަލް އަށް ލިޔުއްވި ކޮލަމެއްގައި ނަތަންޔާހޫ ވީދާޅުވީ ފަލަސްްތީނާ އެކު ގާތްގުޅުމެއް އުފެއްދުމަށްޓަކައި ފުރަތަމަ ކުރަންޖެހޭ ކަމަކީ ހަމާސް ޖަމާއަތް މުޅިން ނައްތާލުން ކަމަށެވެ.

ނަތްނަޔާހޫ ދެވަނައަށް ކަނޑައެޅުއްވި ޝަރުތަކީ ޣައްޒާ "ޑިމިލިޓަރައިޒް" ކުރުން -- އަސްކަރީ ބާރުވެރިކަމެއް ނެތް ތަނަކަށް ހެދުމެވެ.

ފަލަސްތީނުގެ މުޖުތަމައު އަކީ ހަރުކަށި ފިކުރު ނައްތާލެވިފައި އޮތް ތަނަކަށް ހެދުމަކީ ނަތަންޔާހޫ ހުށަހެޅުއްވި ތިން ވަނަ ޝަރުތެވެ.

ނަތަންޔާހޫ ވިދާޅުވި ގޮތުގައި ހަމާސް ޖަމާއަތް ނައްތާލުން ފުރަތަމަ ޝަރުތަކަށް ހައްދަވަން ޖެހިވަޑައިގަތީ އެއީ މުޅި ދުނިޔެއަށްވެސް ބޮޑު ނުރައްކަލަކަށް ވާތީ ކަމަށެވެ.

ހަމާސް ނައްތާލަން ރުހޭ ގައުމުތަކުގެ ތެރޭގައި އެމެރިކާ އާއި އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ޖަރުމަނު ހިމެނޭ ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ.

ހަމާސް އަކީ ޒަޔަނިސްޓުން މަރަން ގޮވައި ނަސްލު ނައްތާލާނެ ކަމަށް ގޮވައި ބިރުދައްކާ ބައެއް ކަމަށްވެސް ނަތަންޔާހޫ ވިދާޅުވި އެވެ.

އޮކްޓޯބަރު ހަތެއްގައި ޒަޔަނިސްޓް އާބާދިތަކަށް ދިން ކަހަލަ ކިތަންމެ ހަމަލާއެއް އަދިވެސް ދޭނެ ކަމަށް ހަމާސް ބުނާ ކަމަށްވެސް ނަތަންޔާހޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޣައްޒާގައި އާންމުންނަށް ލިބޭ އަނިޔާތައް މަދުކުރެވޭތޯ ޒަޔަނިސްޓް އަސްކަރިއްޔާ އިން ބަލާނެ އެވެ. އާންމުންނަށް އަނިޔާވި ނަމަވެސް ހަމާސް ނައްތާލުމަށް ޓަކައި ޔަހޫދީން ހިންގަމުން ގެންދާ އޮޕަރޭޝަން ހުއްޓައި ނުލާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ނަތަންޔާހޫ މިހެން ވިދާޅުވި ނަމަވެސް ޣައްޒާގައި އާންމުން މަރުވާ ނިސްބަތް އެއްގޮތަކަށް ވެސް މަދެއް ނުވެ އެވެ. ޔަހޫދީންގެ ހަމަލާތަކުގައި ފަލަސްތީނުން 20،674 މީހަކު މިހާރުވެސް ވަނީ މަރުވެފަ އެވެ.

ފަލަސްތީނާ އިންވެގެން ޒަޔަނިސްޓް އާބާދީތައް އޮތެއް ކަމަކު، ފަލަސްތީންގެ އެއްވެސް އަވަށަކުން ޒަޔަނިސްޓުންނަށް ހަމަލާއެއް އަރައިގެން ނުވާނެ ކަމަށްވެސް ނަތަންޔާހޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަލަސްތީނަކީ ޒަނިސްޓް ދައުލަތަށް އެއްވެސް މާނައެއްގައި ގޯނާކުރާ ބަޔަކަށް ވެގެން ނުވާނެ ކަމަށެވެ.

ފަލަސްތީން ހިންގަން ހަވާލުވާ ބައެއްގެ ސަބަބުން ކުޑަކުދިންގެ ހިތުގައި ޒަޔަނިސްޓުންނަށް ނަރުފަތު އޮވެގެން ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ސްކޫލްތަކުގައި ޒަޔަނިސްޓުންނާ ދެކޮޅަށް އުނގަންނައިދީގެން ނުވާނެ ކަމަށްވެސް ނަތަންޔާހޫ ވިދާޅުވެފައިވެ އެވެ.