އަހުމަދު މޫސާ މުހައްމަދު

އަންމަޓީ ފުރަން ހުއްދަ ދިނުން ރަނގަޅު: ހައިކޯޓު

ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އަންމަޓީ)ގެ ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ކްރިމިނަލް ކޯޓުން ހުއްދަ ދިނީ ރަނގަޅަށް ކަމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ހިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލާފައިވާ އަންމަޓީގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން މާޗް 16، 2022 ގައި އަމުރު ނެރުނީ އޭނާ ފުރައިގެން ހިނގައިދާނެ ކަމަށް ފެންނާތީ އެވެ.

އަންމަޓީގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ މި އަމުރު ބާތިލްކޮށް ފުރަން ހުއްދަ ދިނުމަށް އޭނާ ކްރިމިނަލް ކޯޓަށް ހުށަހެޅި ނަމަވެސް ކޯޓުން މިމަހުގެ ހަވަނަ ދުވަހު ނިންމީ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރެފައިވާ އަމުރު ބާތިލްކުރުމުގެ ބަދަލުގައި ވަގުތީ ގޮތުން އެ އަމުރު ސަސްޕެންޑް ކުރުމަށެވެ.

ކްރިމިނަލް ކޯޓުން އަންމަޓީ ފުރަން ހުއްދަ ދިނުމާ ގުޅިގެން ދައުލަތުން ވަނީ މިމަހުގެ ހަތްވަނަ ދުވަހު އެ އަމުރު އިސްތިއުނާފްކޮށް އަންމަޓީ ފުރުން މަނާކުރުމުގެ އަމުރަކަށް ހައިކޯޓުގައި އެދިފަ އެވެ. ދައުލަތުން އެދުނު ގޮތަށް އިސްތިއުނާފް މައްސަލަ ހައިކޯޓުން ނިމެންދެން އަންމަޓީ ފުރުން މަނާކުރުމަށް މިމަހުގެ 18 ވަނަ ދުވަހު ހައިކޯޓުން ވަގުތީ އަމުރެއް ނެރުނެވެ.

ނަމަވެސް ދައުލަތުން އިސްތިއުނާފް ކުރި މައްސަލަ ނިންމާ ހައިކޯޓުން މިއަދު ވަނީ އަންމަޓީ ފުރަން ކްރިމިނަލް ކޯޓުން ހުއްދަ ދިނީ ރަނގަޅަށް ކަމަށް ހުކުމްކޮށްފަ އެވެ.

ހައިކޯޓުގެ ހުކުމްގައި ބުނެފައިވަނީ އަންމަޓީ ފުރަން ހުއްްދަ ދިނުމުގައި އޭނާ ހޯދަންޖެހޭ ސިއްހީ ފަރުވާއާއި ކޯޓަށް ދީފައިވާ އެއްބާރުލުމަށް ދަށު ކޯޓުން ރިއާޔަތްކޮށްފައިވާ ކަމަށެވެ. އަންމަޓީ ރާއްޖެއިން ބޭރުން ހޯދަން ބޭނުންވާ ފަރުވާއަކީ ރާއްޖެއިން ކުރެވެން ހުރި ފަރުވާއަކަށް ވިޔަސް އެ ސަބަބަށް އެކަނި ރިއާޔަތްކޮށް ފުރަން ހުއްދަ ދިން އަމުރު ބާތިލް ނުކުރެވޭނެ ކަމަށް ހުކުމްގައިވެ އެވެ.

ހައިކޯޓުގައި މިމައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު މުހައްމަދު ޝަނީޒްގެ އަގުލަބިއްޔަތު ރައުޔަށް ނިންމާފައިވާ މައްސަލައިގެ ހުކުމްގައި ބުނެފައިވަނީ ދަށު ކޯޓުގެ އަމުރު ހައިކޯޓުން ބާތިލްކޮށްދޭންޖެހޭ އިސްތިސްނާ ހާލަތެއްވެސް ދައުލަތަށް ބުނެދެވިފައި ނުވާ ކަމަށެވެ.

ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ހަސަން މަޒީދުގެ ރައުޔު މިމައްސަލަ ނިންމުމުގައި ތަފާތުވި އެވެ. ފަނޑިޔާރު މަޒީދުގެ ރައުޔުގައި ވަނީ އަންމަޓީ ފުރަން ކްރިމިނަލް ކޯޓުން ހުއްދަ ދިނީ އަޅަންޖެހޭ ބައެއް ފިޔަވަޅުތައް އެޅުމެއް ނެތި ކަމަށްވާތީ އެ އަމުރު ބާތިލްކުރަންޖެހޭ ކަމަށެވެ.

ދައުލަތުން އަންމަޓީގެ މައްޗަށް އުފުލާފައިވާ 42 ދައުވާ ސާބިތުވެއްޖެނަމަ 65 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވާނެ އެވެ. އަންމަޓީ ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.