އަހުމަދު މޫސާ މުހައްމަދު

އަންމަޓީ ފުރަން ދީފައިވާ ހުއްދަ ސުޕްރީމް ކޯޓުން ބާތިލްކޮށްފި

ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އަންމަޓީ) ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރަން ހުއްދަދީ ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ.

ހިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލާފައިވާ އަންމަޓީގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން މާޗް 16، 2022 ގައި އަމުރެއް ނެރެފައި އޮތީ އޭނާ ފުރައިގެން ހިނގައިދާނެ ކަމަށް ފެންނާތީ އެވެ. އެހެންވެ އަންމަޓީ ރާއްޖެއިން ބޭރަށް ދިއުމަށް ކޯޓުގެ ހުއްދައަށް އެދި ހުށަހެޅީ މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރު ލަފާ ދީފައިވާ ލިޔުމާ އެކު އެވެ. އެކަމަކު ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ ހަވަނަ ދުވަހު ނިންމީ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރެފައިވާ އަމުރު ބާތިލްކުރުމުގެ ބަދަލުގައި ވަގުތީ ގޮތުން އެ އަމުރު ސަސްޕެންޑް ކުރުމަށެވެ.

އަންމަޓީ ރާއްޖެއިން ބޭރަށް ދިއުމަށް ހުއްދަދީ ކްރިމިނަލް ކޯޓުން ނެރުނު އަމުރު ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން މިދިޔަ މަހުގެ 26 ވަނަ ދުވަހު ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށް އަންމަޓީ ފުރަން ހުއްދަ ދިނީ ރަނގަޅަށް ކަމަށް ކަނޑައަޅާފަ އެވެ. އެކަމަކު ހައިކޯޓުގެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ވަނީ ހައިކޯޓުގެ ނިންމުން ބާތިލްކޮށް އަންމަޓީ ފުރަން ދީފައިވާ ހުއްދަވެސް ބާތިލްކޮށްފަ އެވެ.

ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ އަހްމަދު މޫސާ ފުރަން ޕާސްޕޯޓް ދޫކޮށްލުމާއި އޭނާ ކޯޓަށް އެއްބާރުލުން ދިނުމާއި ފިލުމުގެ އިހުތިމާލު ކްރިމިނަލް ކޯޓުން ގުޅުވާފައި ގޮތް ސާފު ނުވާ ކަމަށެވެ. ކުށެއްގެ ތުހުމަތުގައި މީހެއްގެ މައްޗަށް ދައުވާ އުފުލުމަކީ ސީރިއަސް ކަމެއް ކަމަށާއި ޖިނާއީ މައްސަލައެއްގައި ދައުވާ ލިބޭ މީހަކު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސް ފިލައިފިނަމަ ޖިނާއީ އަދުލުގެ ނިޒާމު ވާގިނެތި އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސް އެޅޭނެ ކަމަށްވެސް ހުކުމްގައިވެ އެވެ. އެހެންވެ ޖިނާއީ ދައުވާ އުފުލާ މީހުންގެ ޕާސްޕޯޓް ހިފަހައްޓަން ޖެހޭ ކަމަށްވެސް ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުން މިމައްސަލަ ނިންމީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ
ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. ބެންޗުގައި ތިއްބެވި އަނެއް ދެ ބޭފުޅުންނަކީ ފަނޑިޔާރު ހުސްނުއްސުއޫދު އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު މާޗް 13، 2014 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމަށް ސީލައިފްއާ ހަވާލުކޮށްފައިވެ އެވެ. އެކަމަކު އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަ ނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ދައުލަތުގެ ދައުވާތަކުގައި ތުހުމަތުކޮށްފައިވެ އެވެ.

ދައުލަތުން އަންމަޓީގެ މައްޗަށް އުފުލާފައިވާ 42 ދައުވާ ސާބިތުވެއްޖެނަމަ 65 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވާނެ އެވެ. އަންމަޓީ ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.