އާބަންކޯ

"އެންމެ ބޮޑު އިސްކަމެއް ދޭނީ ސޯލިހްގެ ޖަރީމާތައް ބެލުމަށް"

އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އާބަންކޯ ތެރޭގައި ހިންގާފައިވާ ޖަރީމާތައް ބެލުމަށް އެ ކުންފުނީގެ އާ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އަހްމަދު އިބްރާހީމް (ޕޮކަންޑި) ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އާންމުންގެ މީހަކު ކުރި ޓްވީޓަކަށް ދެއްވި ރައްދު ޖަވާބެއް ގައެވެ.

އަހްމަދު ވިދާޅުވީ ދިވެހި އެންމެހާ ރައްޔިތުންގެ ދިރިއުޅުމާއި ކުރިމަގާ ގުޅިފައިވާ ހުޅުމާލޭގެ ހުރިހާ ބިންތައް އެއްކޮށް ރައީސް ސޯލިހްގެ ވެރިކަން ނިމުމުގެ ކުރިން ކަޅު ފައިސާގެ ދަހިވެތިކަމުގައި ބަހާލުމަކީ ބޮޑު ޖަރީމާއެއް ކަމަށެވެ.

"އަޅުގަނޑު އެންމެ ބޮޑަށް އިސްކަންދޭ ކަންކަމުގެ ތެރޭގައި ފާއިތުވި ފަސް އަހަރު އާބަންކޯ ތެރޭގައި ހިންގި ޖަރީމާތައް ބެލުން އޮންނާނެ،" އަހްމަދު ވިދާޅުވި އެވެ.

އާބަންކޯގެ ސީއީއޯގެ މަގާމަށް އަހްމަދު އައްޔަންކުރަން އެ ކުންފުނީގެ ބޯޑުން ނިންމީ މިދިޔަ ހޯމަ ދުވަހު އެވެ.

އެކްސްގައި އެންމެ ހަރަކާތްތެރި ދިވެހިންގެ ތެރޭގައި ހިމެނޭ އަހްމަދަކީ ނިމިދިޔަ ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކަތައް އެންމެ ގިނައިން ލިޔުނު ނޫސް -- ދިޔަރެސްގެ އެއް ފައުންޑަރެވެ.

އަހްމަދު ދައުލަތުގެ ވަޒީފާއެއްގައި އެންމެ ފަހުން ހުންނެވީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އޮފިސަރެއްގެ ގޮތުގައެވެ.

ކޯޓުގެ ވަޒީފާއިން ނޮވެމްބަރު 2021 ގައި އަހްމަދު ވަކިކުރީ ޖިނާއީ ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ. އެގޮތުން 2017 ވަަނަ އަހަރު ހުޅުމާލެ ކޯޓަށް ހުށަހެޅި މައްސަލައެއްގެ ލިޔުންތަކެއް ބަދަލުކޮށް މައްސަލަ ގެއްލުވާލުމާއި ކޯޓުގެ މުހިއްމު ލިޔެކިޔުންތަކެއް ހިމެނޭ ހާޑު ޑިސްކެއް ގަސްތުގައި ހަލާކުކޮށްލުމުގެ ތުހުމަތު ހިމެނެ އެވެ. ނަމަވެސް އަހްމަދު ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.