ފެނަކަ ކޯޕްރޭޝަން

ފެނަކަ އޮތީ ހުއްޓޭ ހާލަތުގައި: މުއާޒު

ފެނަކަ ކޯޕަރޭޝަން އޮތީ އޮޕަރޭޝަނަށްވެސް ބުރޫ އަރާ ހާލަތުގައި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކުންފުނީގެ ހިންގުމާ ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއާޒު ވިދާޅުވީ ކުންފުނީގެ ދަރަނި 4.1 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

މުއާޒު ވިދާޅުވީ ކުންފުންޏަށް ބޭނުންވާ ވަރަށްވުރެ އިތުރަށް މުވައްޒަފުން ނަގާފައިވާތީ ހަރަދު އިތުރުވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި 2018 ވަނަ އަހަރު ފެނަކައިގައި ތިބީ 2،700 އެއްހާ މުވައްޒަފުންނެވެ. ނަމަވެސް މިއަހަރު އެ އަދަދު 8،100 އަށް އަރާފައިވާ ކަމަށް ވިދާޅުވި އެވެ.

"(މުސާރައަށް) ކުރިން ހޭދަކުރަން ޖެހެނީ 20 މިލިއަން ރުފިޔާ. މިހާރު އެވްރެޖްކޮށް މަހެއްގެ މައްޗަށް ހޭދަކުރަންޖެހޭ 74 މިލިއަން ރުފިޔާ،" މުއާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެންމެ ފަހުން މުސާރަ ދިން އިރު 79 މިލިއަން ރުފިޔާ ހޭދަކުރަން ޖެހުނެވެ.

މުއާޒު ވިދާޅުވީ މުސާރައަށް ކުރާ ހޭދަ -- ޕޭރޯލް ކުޑަނުކޮށް ކުންފުނި ނޯންނާނެ ކަމަށާއި ބައެއް މުވައްޒަފުން ދޫކޮށްލީ މަޖުބޫރުވެގެން ކަމަށެވެ.

ކޮންޓްރެކްޓް ހަމަވުމުން ފެނަކައިން 904 މުވައްޒަފުން ދޫކޮށްލާފައިވާއިރު ޕޭރޯލް އިން 5.3 މިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާ ކަމަށް މުއާޒު ވިދާޅުވި އެވެ.