- ކުންފުނީގެ ބިޒްނަސް އެނާލަސިސްއެއް ދަނީ ހަދަމުން
- އިންވެސްޓް ކުރާނެ ދާއިރާތަކެއް އަދި ނުނިންމާ
- އާއްމު ކުދި ވިޔަފާރިތަކުގައި އިންވެސްޓެއް ނުކުރާނެ
ކަރަންޓުގެ ހިދުމަތުގެ އިތުރުން އެހެން ވިޔަފާރިތަކުގައި އިންވެސްޓް ކުރަން ފެނަކަ ކޯޕަރޭޝަނުން ތައްޔާރުވާން ފަށައިފި އެވެ.
ފެނާއި ކަރަންޓްގެ ހިދުމަތް ދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ އެހެން ވިޔަފާރިތަކުގެ ތެރެއަށް ވަނުމަށް އެ ކުންފުންޏަށް ހުރަހެއް ނެތް ކަމަށާއި، އެހެންކަމުން އެކަން ކުރުމަށް ހުރި ފުރުސަތުތައް ބެލުމަށް ބިޒްނަސް އެނާލަސިސް އެއް ހަދަމުންދާ ކަމަށެވެ.
"ކުންފުނީގެ އެންމެ އިންފެންޓް ސްޓޭޖް [ޅަފަތުގެ ދައުރު] ވަނީ ނިމިފައި. މިހާރު އެކި ދާއިރާތަކުގައި ވަރަށް ހިދުމަތްތެރިކަމާއެކު ކުރިއަށް އެބަދޭ. އެހެންވެ ކުންފުނީގެ މިހާރުގެ މަސައްކަތްތައް ހުރި ގޮތުން މިހާރަކު ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދީގެން ލިބޭ އާމްދަނީ އިން ރައްޔިތުންނަށް އެހެނިހެން ހިދުމަތްތައް ފޯރުކޮށްދިނުމަށް ދަތިވޭ. އެހެންވެ ރައްޔިތުންނަށް ދޭ ހިދުމަތް ފުޅާ ކުރުމަށް ކުންފުނީގެ ވިޔަފާރި ފުޅާކުރަން ޖެހޭ،" ނިމާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުންފުނީގެ ބިޒްނަސް ރީ-އިންޖިނިއަރިންގެ މަސައްކަތް ކުރުމަށް ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށާއި، އެ ކުންފުނިން ކުރިއަށް އޮތް ތިން ހަފުތާގެ ތެރޭގައި ބިޒްނަސް މޮޑިއުލް ހުށަހަޅާނެކަމަށެވެ.
"މީގެ އެންމެ ބޮޑު އެއް ބޭނުމެއް ކުންފުނީގެ ގެޕް އެނާލަސިސްއެއް ހެދުން. ކުންފުންޏާ ރައްޔިތުންނާ ދެމެދު އޮތީ ކިހާވަރެއްގެ ގެޕެއްތޯ ބެލުން. މީގެ އިތުރުން ކޮންކޮން ވިޔަފާރިތަކަށް ވަދެގެންތޯ ކުންފުންޏަށް ވަދެވޭނީ ބެލުން،" ނިމާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުންފުނީގެ އަސާސީ ގަވައިދުގައި އިތުރު ދާއިރާތަކުގައި އިންވެސްޓް ކުރުމަށް ހުރަހެއްނެތް ކަމަށެވެ. ނަމަވެސް އިންވެސްޓް ކުރާނެ ދާއިރާތައް އެނގޭނީ ބިޒްނަސް ޕްލޭން ލިބުމުން ކަމަށް ނިމާލް ވިދާޅުވި އެވެ.
"އެހެންނަމަވެސް އަޅުގަނޑުމެން އާއްމު ރައްޔިތުން ކުރާ ވިޔަފާރިތަކުގެ ތެރެއަކަށް ނުވަންނާނެ. މިސާލަކަށް ބޮޑެތި މަސައްކަތްތައް. އަޅުގަނޑުމެންނަށް ރިއަލް އެސްޓޭޓް، މަގުހެދުމުގެ މަސައްކަތް. މީގެން އަޅުގަނޑުމެންނަށް ފައިދާ ކުރާ ކަމަށްވާނަމަ އެކަމަށް އިންވެސްޓް ކުރެވިދާނެ،" ނިމާލް ވިދާޅުވި އެވެ.