ދުނިޔެ

"ނަތަންޔާހޫގެ ޒަމާން ދަނީ ކަމަށް ހުޅަނގުވެސް ގަބޫލުކުރޭ"

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތްނަޔާހޫ އަކީ ހިޓްލަރަށް ވުރެ ވެސް ނުބައި ނުލަފާ އަދި ނަޖިސް މީހެއް ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެފައި ވަނިކޮށް -- ނަތަންޔާހޫއަށް ދެން މާގިނަ ދުވަސްތަކެއް ނެތް ކަމަށް ހުޅަނގުގައި ތިބި ނަތަންޔާހޫގެ މިތުރުންވެސް ގަބޫލުކުރާ ކަމަށް އުރުދުޣާންގެ ޚާއްސަ މުޝީރު އާކިފް ޗާތާއީ ކްލިޗް ވިދާޅުވެއްޖެ އެވެ.

އާކިފް ވިދާޅުވި ގޮތުގައި ނަތަންޔާހޫ އަކީ ގޮތެއް ނެތް މީހެކެވެ. އޭނާގެ ދެ އަތް ވަނީ ފަލަސްތީންގެ ލެއިން ތަޣައްޔަރުވެފައި ކަމަށް ވިދާޅުވި އެވެ.

ޣައްޒާގައި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ ކުޑަކުދިންނާއި ދުވަސްވީ މީހުން އެބަތިބި ކަމަށް ވިދާޅުވެ މުޝީރު ވިދާޅުވީ އެ މީހުންގެ ބޮލަށް ބޮންއަޅަން އަމުރުކުރުމުން ނަތަންޔާހޫގެ ކިބައިގައި އިންސާނިއްޔަތު ކަމެއް ނެތްކަން އޭނާގެ އެކުވެރި ހުޅަނގަށްވެސް މިހާރު އެނގިއްޖެ ކަމަށެވެ.

އާކިފް ވިދާޅުވީ ނަތަންޔާހޫގެ ދުވަސް ދުއްވާލުމަކީ ހުޅަނގުން ދެކޭ ގޮތުގައި އެ މީހުން ބޮލަށް އެންމެ ފަސޭހަ ގޮތް ކަމަށް ގަބޫލުކުރެވެ އެވެ.

މުޝީރު ވިދާޅުވީ ޣައްޒާއަށް ހައްލެއް އޮތްނަމަ އެ ހައްލަކަށް ވާންޖެހޭނީ ޒަޔަނިސްޓުންގެ ބާރެއް ނުފޫޒެއް ނެތް ދައުލަތެއް ފަލަސްތީންގެ ބިމުގައި އުފެއްދުން ކަމަށެވެ.

ފަލަސްތީނަށް މިނިވަން ދައުލަތެއް ޝަރުތު ނުކޮށް އަދި އެކަމަށް ކުރެވޭ މަޝްވަރާއެއްގައި ނޫނީ ތުރުކީ ބައިވެރިނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މުޝީރު ވިދާޅުވީ ނަތަންޔާހޫ މިހާރު އެ ހުންނެވީ ކޮންމެ އަގެއް ދައްކައިގެން ނަމަވެސް އޭނާގެ ސިޔާސީ ހަޔާތް ހިމާޔަތްކުރެއްވުމަށް ތައްޔާރަށް ކަމަށެވެ. ފަލަސްތީން މީހުންގެ ބޮލަށް ބޮންއަޅައި ހޮސްޕިޓަލުތަކާއި ރެފިއުޖީ ކޭމްޕްތައް ސުންނާފަތި ކުރުމަކީ ނަތަންޔާހޫ ދެކޭ ގޮތުގައި ޒަޔަނިސްޓް ގައުމަށްޓަކައި އޭނާ ކޮށްދެއްވާ މަސައްކަތެކެވެ.

އާކިފް ވިދާޅުވީ ފަލަސްތީންގެ ބިންތައް ފޭރިގަނެ އުފައްދާފައި އޮތް ޣައިރު ގާނޫނީ ސަރުކާރަކީ ހަގީގަތުގައި މުސްލިމުން ބަލައިގަންނަ ސަރުކާރެއްވެސް ނޫން ކަމަށެވެ.

މުޝީރު ވިދާޅުވީ ޒަޔަނިސްޓް ސަރުކާރު ދެމެހެއްޓުމަށް ހުޅަނގުން ކިތަންމެ ވައުދެއްވި ނަމަވެސް ފަލަސްތީން އެ ހާލުގައި އޮއްވައި އެކަންކުރަން ލާހިކު ނޫން ކަމަށެވެ.

ތުރިކީ އަބަދުވެސް އޮންނާނީ ފަލަސްތީނާ އެކު ކަމަށްވެސް އާކިފް ވިދާޅުވި އެވެ. ފަލަސްތީން ރައްޔިތުންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދިނުމަށްޓަކައި ތުރުކީން ކުރަމުން ގެންދާ ވާކާލާތަށް ބަދަލު ނާންނާނެ ކަމުގެ ޔަގީންކަންވެސް ދެއްވި އެވެ.