މެންބަރު ހުސައިން މުހައްމަދު ލަތީފް

ނައިބް ރައީސް ރާއްޖެ ވަޑައިގެންފި

ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް މޮންޓަނޭގްރޯއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ހުސައިން މޮންޓެނޭގްރޯއަށް ވަޑައިގެންނެވީ އެ ގައުމުގެ ޑަންލޮވް-ގްރަޑްގައި ބޭއްވި މޮންޓަނޭގްރޯގެ ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓަނޭގްރޯގައި ބައިވެރިވެވަޑައިގަތުމަށެވެ.

ކޮންގްރެސްގައި ބައިވެރިވެވަޑައިގެން ނައިބް ރައީސް ވާހަކަފުޅުދައްކެވީ، ޑެޕިއުޓީ ޕްރައިމް މިނިސްޓަ ފޯ ސެކިއުރިޓީ، އިންޓާނަލް ޕޮލިސީ، ޔޫރަޕިއަން އެންޑް ފޮރިން އެފެއާޒް އަދި މޮންޓަނޭގްރޯގެ ރައީސް އެލެކްސާ ބެޗިޗްގެ ދައުވަތަކަށެވެ.

މި ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވަނީ ރައްޔިތުން ބާރުވެރިކޮށް އެމީހުންގެ ބައިވެރިވުމާއެކު ގައުމުގެ މިސްރާބު ބައްޓަންކުރުމަށްޓަކައި ހުރިހާ އެންމެންވެސް ބަހާއި އަމަލުން ޑިމޮކްރަސީގެ ރޫހަށް ތަބާވުމަށް އެދިވަޑައިގެންފަ އެވެ.

ދިވެހިރާއްޖެއާއި މޮންޓަނޭގްރޯއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ ނޮވެމްބަރު 24، 2009 ގައެވެ.