ދިރާގު

ދިރާގުން ތައްޔާރުކުރި 2024 ވަނަ އަހަރުގެ ކަލަންޑަރު "އިންޓު ދަ ފިއުޗަ" ލޯންޗުކޮށްފި

ދިރާގުން އެ ކުންފުނީގެ 2024 ވަނަ އަހަރުގެ ކަލަންޑަރު "އިންޓު ދަ ފިއުޗަ" ލޯންޗުކޮށްފި އެވެ.

ހާއްސަ ހަފްލާއެއްގައި ދިރާގުގެ އާ އަހަރުގެ ކަލަންޑަރު އިފްތިތާހުކޮށްދެއްވީ މިނިސްޓާ އޮފް އެޑިޔުކޭޝަން ޑރ. އިސްމާއީލް ޝަފީއު އެވެ.

މިހަފްލާގައި ދިރާގުގެ އިސްވެރިންގެ އިތުރުން ސްކޫލް ދަރިވަރުންނާއި ބެލެނިވެރިން އަދި އެހެން ބައެއް ހާއްސަ މެހެމާނުންވެސް ވަނީ ބައިވެރިވި އެވެ.

ދިރާގުގެ 35 ވަނަ އަހަރު ފާހަގަކުރަމުންދާއިރު ދިރާގުގެ އަންނަ އަހަރުގެ ކަލަންޑަރުން ދައްކުވައިދެނީ ތުއްތު ކުއްޖެއްގެ ލޮލުން މިހާރަށް ވުރެ ކުރިއަރާފައިވާ "ޑިޖިޓަލް ރާއްޖެ"އެއްގެ ތަސައްވަރެވެ. އެގޮތުން ކުރިއަރަމުން މިދާ ޓެކްނޮލޮޖީގެ ސަބަބުން މުސްތަގުބަލުގައި އާންމު ދިރިއުޅުން ލުއިފަސޭހަވެ އިތުރަށް މުއްސަނދިވެފައިވާ ގޮތް ކަލަންޑަރުގެ ގަނޑުތަކުން ދައްކުވައިދެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިސްމާއީލް ޝަފީއު ވިދާޅުވީ ދިރާގަކީ ރާއްޖެ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރުވާ، ގައުމުގެ ޑިޖިޓަލް ދަތުރުގެ މޭސްތިރިޔާ ކަމަށެވެ. ދިރާގަކީ ކުޑަކުދިންނާއި ޒުވާނުން ބާރުވެރިކުރުވާ އެ މީހުން މިދާއިރާއަށް ނެރުމަށް އިސްސަފުގައި ހަރަކާތްތެރިވާ ކުންފުންޏެއް ކަމުގައިވެސް ވިދާޅުވި އެވެ.

"ދިރާގަކީ ކޮންމެ އަހަރަކުވެސް ގިނަ ބަޔަކު އިންތިޒާރު ކުރާ ފަދަ ތަފާތު ކަލަންޑަރު ފަރުމާ ކުރާ ކުންފުންޏެއް. މިއަހަރުގެ 'އިންޓު ދަ ފިއުޗަ' ކަލަންޑަރަކީވެސް އެފަދަ ކަލަންޑަރެއް،" ދިރާގުގެ ކަލަންޑަރަށް ތައުރީފް ކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒު ވިދާޅުވީ ކަލަންޑަރުގައި ދައްކުވައިދޭ "ޑިޖިޓަލް ރާއްޖެ" އެއްގެ ތަސައްވަރަކީ ދިރާގުން ވެސް އެކަމަށް މަސައްކަތް ކުރާ ކަމެއް ކަމަށެވެ. އެގޮތުން ރާއްޖޭގައި ދިރިއުޅޭ މީހުންގެ ދިރިއުޅުން މިހާރަށް ވުރެ ފަސޭހަކުރުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތްތައް ރިޔާޒު ފާހަގަކުރެއްވި އެެވެ.

"މި ކަލަންޑަރުގެ ސަބަބުން ކުރިއަށްވުރެ ފާގަތި މުސްތަގުބަލެއް ބިނާކުރުމަށް މިއަދުގެ ޒުވާން ޖީލު 'އިންސްޕަޔަ' ވެގެންދާނެ ކަމަށް އުއްމީދުކުރަން،" އަލީ ރިޔާޒު ވިދާޅުވި އެވެ.

މި ކަލަންޑަރުގައިވާ ކޮންމެ މަހެއްގެވެސް ކުރެހުމާއި ގުޅުވާލާފައިވާ 12 ސްނެޕްޗެޓް ގޭމް ހިމެނެ އެވެ. އެގޮތުން ކަލަންޑަރުގައިވާ ސްނެޕްކޯޑް ސްކޭންކޮށް، ކަލަންޑަރު ބޭނުންކުރާ މީހުންނަށް ގޭމް ކުޅުމަށްފަހު އެ މީހެއްގެ ސްކޯގެ ސްކްރީންޝޮޓެއް އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓްވިޓާގައި #DhiraaguCalendarGames މި ހޭޝްޓެގާއެކު ޕޯސްޓުކުރެވެ އެވެ.

މި ޕޯސްޓް ކުރާ ސްކްރީންޝޮޓްތަކުން ކޮންމެ ތިން މަހަކު ދިރާގުން ހާއްސަ ގުރުއަތެއް ބާއްވާ، ނަސީބުވެރި މީހަކަށް ހަދިޔާއެއްގެ ގޮތުގައި ޓެކް ބަންޑްލްއެއް ދޭނެ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގެ އިސްސަފުގައި ދެމިތިބުމަށާއި ރާއްޖޭގައި ދިރިއުޅޭ މީހުންގެ ދިރިއުޅުން މުއްސަނދިކޮށް، ޑިޖިޓަލް މުސްތަގުބަލެއްގައި ކުރިއެރުމަށް މަގުފަހިކޮށްދިނުމަށް ކަމަށްވެސް ބުންޏެވެ.