ލުބްނާނަށާއި އަވައްޓެރި އެހެން ގައުމުތަކަށް ކުޅަދާނަ ނުވި ކިތަންމެ ކަމެއް ކުރުމުގެ ކުޅަދާނަކަން ޒަޔަނިސްޓުންނަށް ލިބިފައިވާ ކަމަށް އިޒްރޭލުގެ ކުރީ އަސްކަރިއްޔާގެ ވެރިޔާ ބެނީ ގަންޒް ވިދާޅުވެއްޖެ އެވެ.
ބެނީ ގަންޒް ވިދާޅުވި ގޮތުގައި އިޒްރޭލުގެ ބޯޑަރު ސަރަހައްދުގައި ހިޒްބުﷲ ޖަމާއަތުން ރޭވުންތަކެއް ރާވަމުން އެބަ ގެންދެ އެވެ. އެ މީހުން ދުރަށް ޖައްސައި މުޅި ޖަމާއަތް އެ ހިސާބުން ފައްސާލުމަކީ ޒަޔަނިސްޓް ދިފާއީ ބާރުތަކަށް އެއްވެސް ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
ލުބްނާނުން ދީފާނެ ހަމަލާއަކަށް ތައްޔާރުވުމަށް އިޒްރޭލު ސިފައިންގެ ވެރިޔާ ހެރްޒީ ހަލަވީވެސް ވަނީ އަސްކަރިއްޔާއަށް ގޮވާލާފަ އެވެ. ހިޒްބުﷲ އިން ދީފާނެ ހަމަލާއަކަށް ރައްދުދިނުމަށް ތައްޔާރަށް ތިބުމަށްވެސް ސިފައިންގެ ކިބައިން އެދިފައިވެ އެވެ.
ފަލަސްތީންގެ ޣައްޒާއަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން ލުބްނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުންވެސް ވަނީ މި ހަނގުރާމައިގައި ބައިވެރިވާ ކަމަށް ބުނެފަ އެވެ.
ހިޒްބުﷲ ޖަމާއަތުން ބުނާ ގޮތުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ޔަހޫދީން ހުއްޓާނުލައިފިނަމަ، ހަނގުރާމައިގެ މައިދާނަށް ހަނގުރާމަވެރިން ފޮނުވާނެ އެވެ. އަދި ޒަޔަނިސްޓު އާބާދީތަކަށް ލުބްނާނުން ދެމުން ގެންދާ ހަމަލާތައް އިތުރުކުރާނެ ކަމަށްވެސް ބުންޏެވެ.
ހިޒްބުﷲ އަކީ ލުބްނާންގެ ސިޔާސީ ގޮތްޕެއް ނޫން ކަމަށް އިޒްރޭލުން ބުނެ އެވެ. ހިޒްބުﷲގެ ހަރަކާތްތައް ހުއްޓުވުމުގައި ލުބްނާން ސަރުކާރުން ކަމެއް ނުކޮށްފިނަމަ -- އިޒްރޭލުގެ ހަމަލާތައް ލުބްނާނަށް އާންމުވެދާނެ ކަމަށްވެސް ހެރްޒީ ހަލަވީ ވިދާޅުވި އެވެ.
އުތުރު ޣައްޒާގައި ހަރަކާތްތެރިވާ ޒަޔަނިސްޓުންނަށް ހިޒްބުﷲގެ ހަމަލާތައް އިތުރުވުމަކީ އަޅާނުލައި ތިބެވޭނެ ކަމެއް ނޫން ކަމަށް އިޒްރޭލުގެ ދިފާއީ ވަޒީރުވެސް ވަނީ ކުރިން ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ ހިޒްބުﷲ އިން ޑްރޯން މެދުުވެރިކޮށް އިޒްރޭލު ސިފައިންނަށް ހަމަލާދިނުމުގެ ސަބަބުން ދުވާލު އެތައް ބަޔަކު ޒަޚަމްވާ ކަމަށެވެ.
ހިޒްބުﷲ ހުއްޓުވުމަށްޓަކައި ދެން އޮތް ގޮތަކީ ޣައްޒާއަށް ކުރި ވަރު ކުރުން ކަމަށްވެސް ޔަހޫދީ އަސްކަރިއްޔާއިން ބުނެ އެވެ. ނަމަވެސް ހިޒްބުﷲ އަކީ އަސްކަރީ ގޮތުން ހަމާސް އަދި މުސްލިމް ޖިހާދަށް ވުރެ ވަރުގަދަ އަސްކަރީ ބާރަކަށްވާތީ އެ މީހުންނާ ކުޅެން އިޒްރޭލު ބިރުގަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.