ޑރ. މުހައްމަދު މުއިއްޒު

ރައީސްއާއި ޔާމީން ބައްދަލުކުރަން ގާނޫނީ ހުރަސްތަކެއް އެބަހުރި: ޝަހީބް

ރައީސް އަބްދުﷲ ޔާމީން ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ ސިޔާސީ ކަންކަމުގައި އުޅުއްވުމާއި ސިޔާސީ ބޭފުޅުންނާ ބައްދަލުކުރެއްވުން އެމަނިކުފާނަށް މަނާކޮށްފައި އޮތުމުން އެ ހާލަތުގައި ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭނުން ނުވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް މުއިއްޒު ވަނީ މިދިޔަ ހަފްތާއާއި މި ހަފްތާގެ ތެރޭގައި ކުރީގެ ބައެއް ރައީސުންނާއި ސިޔާސީ ޕާޓީތަކުގެ އެންމެ އިސް ބައެއް ލީޑަރުންނާ ވަކިވަކިން ބައްދަލުކުރައްވާފަ އެވެ. ނަމަވެސް ރައީސް މުއިއްޒު ރައީސް ކަމަށް އިންތިހާބުވީ ފަހުންވެސް އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުންވެސް އަދި މިހާތަނަށް ރައީސް ޔާމީނާ ބައްދަލުކުރައްވާފައެއް ނުވެ އެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒާއި ރައީސް ޔާމީން ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވޭތޯ ނޫސްވެރިޔަކު ސުވާލުކުރެއްވުމުން އެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބް ވިދާޅުވީ ރައީސް ޔާމީން ހުކުމެއްގެ ތެރެއިން މިވަގުތު ގޭބަންދުގައި ބަހައްޓާފައިވަނީ ސިޔާސީ އެއްވެސް ކަމެއްގައި އުޅުން މަނާކޮށްފައި ކަމަށެވެ. އެހެންކަމުން ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށް ރައީސް މުއިއްޒަށް ގާނޫނީ ހުރަސްތަކެއް އެބަހުރި ކަމަށް ވިދާޅުވި އެވެ.

""ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް ޔާމީނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައި ނުވަތަ ފޯނުންވެސް އެކަހަލަ ކަމެއް ކުރެއްވުމަކީ ގާނޫނީ ގޮތުން ރަނގަޅު ކަމެއްގެ ގޮތުގައި ދެކެވަޑައެއް ނުގަންނަވާ،" ޝަހީބް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް މުއިއްޒު އެންމެ ގިނައިން ވެވަޑައިގެންނެވި އެއް ވައުދަކީ ރައީސް ޔާމީން މިނިވަންކުރުމުގެ ވައުދެވެ. ނަމަވެސް ރައީސް ޔާމީން އަދިވެސް ހުންނެވީ ޖަލު ހުކުމެއްގައެވެ.

ރައީސް ޔާމީން މިނިވަންކުރުމުގެ ވައުދާ ގުޅޭގޮތުން ޝަހީބް ވިދާޅުވީ "މުތުލަގަށް" ރައީސް ޔާމީން މިނިވަންކުރަން ރައީސް ވައުދުވެވަޑައިގެންފައި ނެތް ކަމަށެވެ. ރައީސް ވައުދުވެވަޑައިގަތީ ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރުމަށާއި ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވުމަށް ކަމުގައި ވިދާޅުވި އެވެ. އެހެންކަމުން ރައީސް ޔާމީން މިނިވަންކުރުމާ ގުޅޭގޮތުން ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދަވާފައިވާ ކަމަށާއި އަދި ރައީސް ވައުދުވެވަޑައިގެންނެވި ގޮތަށް ޝަރުއީ ދާއިރާއަށް ސަރުކާރުން އެއްވެސް ވަރަކަށް ނުފޫޒު ފޯރުވަމުން ނުދާ ކަމުގައި ވިދާޅުވި އެވެ. އެހެންވެ ރައީސް ޔާމީން މިނިވަންކުރުމުގެ ބާރު މިހާރު އޮތީ ޝަރުއީ ދާއިރާގެ ތެރޭގައި ކަމަށްވެސް ވިދާޅުވި އެވެ.

"ރައީސް މުއިއްޒުގެ ވައުދުފުޅު އޮތީ 17 ނޮވެމްބަރުވީ ދުވަހު ފުއްދަވާފައި. ޖުޑިޝަރީ އަތްމަތީގައި މިހާރު އޮތީ [ރައީސް ޔާމީން މިނިވަންކުރުން]. ހަމަގައިމުވެސް ސަރުކާރުން ނުފޫޒެއް ނުފޯރުވާނެ،" ޝަހީބް ވިދާޅުވި އެވެ.

ރައީސް ޔާމީނާއި ރައީސް މުއިއްޒު ސިޔާސީ ބައެއް ކަންކަމުގައި ހިޔާލުތަފާތުވެ ދެ ބޭފުޅުންގެ ގުޅުން ވަނީ ނިމުމަކަށް އައިސްފަ އެވެ. އަދި ރައީސް ޔާމީން ވަނީ ވެރިކަން ކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ ރައީސް ކަމުގައި ހުންނެވުމަށްފަހު އެ ޕާޓީން ވަކިވެވަޑައިގެން ޕީއެންއެފްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފަ އެވެ.