ރައީސް އޮފީސް

ރިޝްވަތު ދީގެން މެންބަރުން ނުގަންނަން: ޝަހީބް

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރުންނަށް ރިޝްވަތު ދީގެން "ނުގަންނަ" ކަމަށް ސަރުކާރުން ބުނެފި އެވެ.

ސަރުކާރުން މިހެން ބުނެފައި މިވަނީ އެމްޑީޕީގެ މަޖިލިސް މެންބަރުންތަކެއް ވެރިކަން ކުރާ ޕީއެންސީއަށް މިރޭ ސޮއިކުރަން ތައްޔާރުވަމުންދާ ވަގުތެއްގަ އެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބް ވިދާޅުވީ ސަރުކާރުން ރިޝްވަތު ދީގެން މެންބަރުން ގަންނަ ވާހަކަ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

އެމްޑީޕީ ދޫކޮށް އެ ޕާޓީގެ ބައެއް މަޖިލިސް މެންބަރުން ޕީއެންސީއަށް ދިއުމަކީ ކައިރި ކަމެއް ކަމަށް އެމްޑީޕީންވެސް ޔަގީންކޮށްދެ އެވެ. އަދި ޕީއެންސީން ވަނީ މާދަމާ ރޭ އެ ޕާޓީއަށް އެމްޑީޕީގެ މެންބަރުންތަކެއް ސޮއި ކުރައްވާކަން ޔަގީންކޮށްދީފަ އެވެ.

އެމްޑީން ވަކިވެވަޑައިގެން ޕީއެންސީއަށް ސޮއި ކުރައްވަނީ ކިތައް މެންބަރުން ކަމެއް އަދި ސާފުވާ ގޮތެއް ނުވި އެވެ. އެކަމަކު ހަތަރެއް ނުވަތަ ފަސް މެންބަރުން ސޮއި ކުރައްވާ ކަމަށް ޕީއެންސީގެ އެކި ބޭފުޅުން ވިދާޅުވެ އެވެ.

އެމްޑީޕީގެ ފަސް މެންބަރުން ޕީއެންސީއަށް ސޮއި ކުރައްވައިފިނަމަ ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބް މަޖިލިސް ތެރެއިން ވަކިކުރުމަށް އެމްޑީޕީއަށް މިހާރު އޮތް ފުރުސަތު އެއްކޮށް ބަންދުވެގެންދާނެ އެވެ.