ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރަކު ވެރިކަން ކުރާ ޕީއެންސީއާ ގުޅިވަޑައިގެންފި އެވެ.
މި ބޭފުޅުން ޕީއެންސީއާ ގުޅިވަޑައިގަތީ ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ހާއްސަ ޕީޕީއެމް ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ހާއްސަ ޖަލްސާއެއްގައެވެ.
މެންބަރުންގެ ފޯމުތަކާ ހަވާލުވެވަޑައިގަތީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ޕީއެންސީއާ ގުޅިވަޑައިގެންނެވި މެންބަރުން
- މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް
- މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް އަލީ
- މައްޗަށްގޮޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް
- ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު
- ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު
- ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝާޒް
- މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަސީރު
- ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްޙަކީމް
- ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް
- މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު
- ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން
- ނިލަންދޫ ދާއިރާ މެންބަރު އަބްދުލްމުޙުސިން ހަމީދު
- އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު
އެމްޑީޕީގެ ވަކިވެވަޑައިގެން ޕީއެންސީއާ މިރޭ ގުޅިވަޑައިގެންނެވި މެންބަރުންގެ ތެރެއިން ޝާޒްއާއި ނިހާދު އަދި ހަސަން ޝިޔާން ރަށުގައި ނޫޅުއްވާތީ މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.
ޕީއެންސީއާ މިރޭ ގުޅިވަޑައިގެންނެވި 13 މެންބަރުންނާ އެކު ޕީއެންސީގެ މަޖިލިސް މެންބަރުންގެ އަދަދު 15 އަށް އިތުރުވެ އެ ޕާޓީ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށް ބަދަލުވާނެ އެވެ. އަދި މަޖިލީހުގައި ހިމެނޭ ޕީޕީއެމްގެ ދެ މެންބަރުންނާ އެކު ޕީޕީއެމް ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މެންބަރުންގެ އަދަދު 17 މެންބަރުންނަށް އިތުރުވާނެ އެވެ.
މަޖިލީހުގައި މިހާރު ހިމެނޭ އެމްޑީޕީގެ މެންބަރުންގެ އަދަދު މިރެއަށް ފަހު 43 މެންބަރުންނަށް މަދުވެގެން ދިޔައިރު ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ 13 މެންބަރުން މަޖިލީހުގައި އެބައިތިއްބެވި އެވެ.