އިނގުރައިދޫ

އިނގުރައިދޫ އިސް މެޖިސްޓްރޭޓް ރަޝާދުގެ ސައިކަލުގައި ރޯކޮށްލައި އަންދާލައިފި

ރ. އިނގުރައިދޫ އިސް މެޖިސްޓްރޭޓް މުހައްމަދު ރަޝާދުގެ ސައިކަލުގައި ރޯކޮށްލައި އަންދާލައިފި އެވެ.

ރަޝާދުގެ ސައިކަލްގައި ރޯކޮށްލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 2:30 ހާއިރު އެވެ. ސައިކަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަންދާލާފަ އެވެ.

ފަނޑިޔާރުންގެ ޖަމިއްޔާ އިން ވަނީ ރަޝާދުގެ ސައިކަލަށް ގެއްލުން ދިން މައްސަލަ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. އަދި މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށްވެސް ގޮވާލާފައިވެ އެވެ.

"ކަމުގައި ބައިވެރިވެފައިވާ ފަރާތްތައް ހޯދައި ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ގޮވާލަން،" ފަނޑިޔާރުންގެ ޖަމިއްޔާގެ ބަޔާނުގައިވެ އެވެ.

މިބަޔާނުގައި ވަނީ ފަނޑިޔާރުންނަކީ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ގާނޫނު ލާޒިމުކުރާ ބަޔަކަށް ވާތީ ރަޝާދުއަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށްވެސް ގޮވާލާފަ އެވެ.

ރާއްޖޭގައި މީގެކުރިންވެސް ފަނޑިޔާރުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން ބައެއް ފަނޑިޔާރުންގެ މުދަލާއި ތަކެއްޗަށް ގެއްލުން ދީފައިވެ އެވެ.