ހަބަރު

މެޑަމް ފާތުން މާލޭގެ ބައެއް ގޭގެއަށް ޒިޔާރަތް ކުރައްވައިފި

ރައީސް އަބްދުﷲ ޔާމިން އަނބިކަނބަލުން މެޑަމް، ފާތިމަތު އިބްރާހިމް ހެންވޭރުގެ ބައެއް ގޭގެޔަށް ޒިޔާރަތް ކުރައްވައިފި އެވެ.

އެކަމާއި ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ (މުއާ) މިއަދު ވިދާޅުވީ މެޑަމް ފާތުން އަކީ އިޖްތިމާއީ ކަންތައްތަކުގައި ވަރަށް ގިނައިން އިސްނަންގަވައިގެން މަސައްކަތް ކުރާ ކަނބަލެއް ކަމަށާއި އެގޮތުން މިއަދު ހެނދުނު ރައްޔިތުންގެ ހާލު ބައްލަވާ ލެއްވުމަށް މާލޭގެ ބައެއް ގޭގެޔަށް ޒިޔާރަތް ކުރައްވާފަ ކަމަށެވެ.

"މިއީ އެއްވެސް ވަރަކަށް ސަރުކާރާއި ގުޅުން ހުރި ކަމެއް ނޫން. މިއީ އެކަމަނާ އަމިއްލަ ފުޅަށް އިސްނަންގަވައިގެން ކުރެއްވި މަސައްކަތެއް. އެކަމަނާ ގޮސް ގޭގޭގައި އުޅުއްވާ އަންހެން ބޭފުޅުންނާއި ނުވަތަ އެހެން މީހުނާވެސް އެކީ އިށީންދެ ބައްދަލު ކުރައްވާ، އެފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތާއި ދަތިވާ ބައެއް ކަންކަން އޮޅުން ފިލުވާ ހެއްދެވި،" މުއާ ވިދާޅުވި އެވެ.

އެގިފައިވާ ގޮތުގައި މެޑަމް މިއަދު ޒިޔާރަތްކޮށްފައި ވަނީ ހެންވޭރުގެ ބައެއް ގޭގެޔަށެވެ. އެހެން ނަމަވެސް އެކަމަނާ ޒިޔާރަތްކުރައްވީ ކިތައް ގެޔަށް ކަމެއް ސާފެއް ނުވި އެވެ. މިއީ ރިޔާސީ ލޯންޗު ކޮޅަށް ދިން ހަމަލާއަށް ފަހު މެޑަމް މިގޮތަށް ރައްޔިތުން ކާރިޔަށް ޒިޔާރަތް ކުރެއްވި ފުރަތަމަ ފަހަރެވެ. އެކަމަނާ އަންނަނީ ބަލި މީހުންނަށް ޒިޔާރަތް ކުރައްވައި ނުކުޅެދޭ މީހުންނާއި އެކަނިވެރި މައިންނަށް އަމިއްލަ ގޮތުން ބޮޑެތި އެހީތަކެއް ވެދެއްވަމުންނެވެ.