އާބަންކޯ

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުން: ދެވަނަ މަރުހަލާ ފަށައިފި

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތްތަކުގެ ދެވަނަ މަރުހަލާގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ތިން މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓްގެ ފުރަތަމަ މަރުހަލާގެ 10 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނި ނިންމާލާފ އެވެ.

ދެވަނަ މަރުހަލާގައި ހިއްކުމަށް ކަނޑައަޅާފައިވަނީ 29 ހެކްޓަރުގެ ބިމެވެ. އަދި ތިންވަނަ މަރުހަލާގައި ހިއްކާނީ 24 ހެކްޓަރުގެ ބިމެވެ.

ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު ހިއްސާކުރައްވަމުން އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ ފުރަތަމަ މަރުހަލާގެ ބިން ހިއްކުމަށްފަހު ޑްރެޖަރުގެ މަރާމާތަކަށް މަސައްކަތް މެދުކަނޑާލަން ޖެހުނު ކަމަށެވެ.

"ނަމަވެސް މިމަޝްރޫއުގެ މަސައްކަތް ނުހުއްޓި ކުރިއަށްދާނެ،" ފަޒުލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލެ ސަރަހައްދުން ގޯތި ލިބޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ބިން ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ތަރައްގީވެގެންދާއިރު ރައްޔިތުންނަށް ލުއިފަސޭހަ ވާނޭހެން ގިނަ ހިދުމަތްތަކަކާއި ވަސީލަތްތަކެއް އެތަނުގައި ގާއިމުކުރުމަށް އާބަންކޯ އިން ވަނީ ނިންމާފަ އެވެ.

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މި މަޝްރޫއަކީ މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ތަފާތު ދަތިތަކުން އަރައިގަތުމަށް ހިންގަމުންދާ ތަފާތު ތަރައްގީގެ މަޝްރޫއުތަކުގެ ބައެކެވެ.

މިމަޝްރޫއަކީ މާލޭގެ ގިނަ ރައްޔިތުން، އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރަމުންދިޔަ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި ގިނަ ބައެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވޭތޯ ދެކެމުންދިޔަ ހުވަފެންތައް ހަގީގަތަކަށް ވެގެންދާނެ މަޝްރޫއެއް ކަމަށްވެސް އާބަންކޯ އިން ބުނެ އެވެ.