ފުށިދިއްގަރު ފަޅު

ރަސްމާލެ ތަރައްގީކުރަން އެހެން ސަރަހައްދަކުން ވެލި ނުނަގާނެ: ފަޒުލް

މިސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެ ތަރައްގީކުރުމަށްޓަކައި އެހެން ސަރަހައްދަކުން ވެލި ނުނަގާނެ ކަމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެެއްޖެ އެވެ.

ފަޒުލް މިހެން ވިދާޅުވެފައި މިވަނީ ފުށިދިއްގަރު ފަޅު ހިއްކައިގެން ރަސްމާލެ ނަމުގައި އެތަން ތަރައްގީކުރަން ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެ މައުލޫމާތު ހޯދަން މަޖިލީހަށް ތަޅުމަށް މިއަދު ހުށަހެޅި މައްސަލައިގައި ބައެއް މެންބަރުން ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުންނެވެ.

ބައެއް މަޖިލިސް މެންބަރުން ތުހުމަތުކުރެއްވި ގޮތުގައި ފުށިދިއްގަރު ފަޅު ހިއްކަނީ ގުޅިފަޅާއި ގިރާފަޅު ހިއްކުމަށް ވެލި ނެގުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކުންނެވެ.

މެންބަރުން ވާހަަކަތައް ދޮގުކުރައްވަމުން ފަޒުލް ވިދާޅުވީ ރަސްމާލެ ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމަށް ގުޅިފަޅާއި ގިރާވަރުފަޅާއި ތިލަފުށި އަދި ހުޅުމާލެ ހިއްކާ ސަރަހައްދުން ވެލި ނަގައިގެން ނުގެންދާ ކަމަށެވެ.

"ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެއްދުމަށް ކުރާ މިމަސައްކަތް ކުށްވެރިކުރަން" ފަޒުލް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަސައްކަތްތަކުގެ ސަބަބުން މިހާރު ކުރިއަށްދާ ބިން ހިއްކުމުގެ އެހެން މަޝްރޫއުތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ. އަދި އީއައިއޭގައި ފާހަގަކޮށްފައިވާ ގޮތަށް ރަސްމާލެ ހިއްކުމަށް ވެލިނަގަނީ މާލެ އަތޮޅު ދެކުނު ސަރަހައްދުން ކަމަށްވެސް މުއްތަލިބް ވިދާޅުވި އެވެ.

"ގުޅިފަޅަށް ވެލި ނަގާ ސަރަހައްދަކީ މާލެ އަތޮޅު އުތުރު، ގުޅީފަޅު ކައިރީގައި އޮންނަ ސަރަހައްދު،" މުއްތަލިބް ވިދާޅުވި އެވެ.

ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތަކީ ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެށުމަށް މެނިފެސްޓޯގައި ހިމަނާފައިވާ ކަމެކެވެ. މާލެ ސަރަހައްދުގެ ތޮއްޖެހުމާއި، މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލުކުރުމަކީ މި ސަރުކާރުގެ އެންމެ މުހިއްމު އެއް ވައުދެވެ. މިކަމުގައި ރައީސް ގެންގުޅުއްވާ އެންމެ ބޮޑު ތަސައްވުރަކީ މާލޭ ކައިރީގައި އޮތް ފުށިދިއްގަރު ފަޅު ހިއްކައި އާބާދުކުރުމެވެ.