ދުނިޔެ

ޣައްޒާ ހަނގުރާމަ އަކީ ޔުކްރޭނުން ސަލާމަތްވާން އެމެރިކާއަށް ލިބުނު ރަނުގެ ފުރުސަތެއް

ޔަހޫދީ ދައުލަތުން ފަލަސްތީންގެ ޣައްޒާއަށް އަރައިގަނެ ދެމުން ގެންދާ އުދުވާނީ ހަމަލާތަކަކީ އެތައް ގޮތަކަށް ބަލާއިރު އެމެރިކާއަށް ލިބުނު ރަނުގެ ފުރުސަތަކަށް ވެއްޖެ އެވެ.

ދުނިޔޭގެ ސިޔާސީ މައިދާން އެނބުރެމުންދާ ގޮތް ދިރާސާކުރާ މީހުން ދެކޭ ގޮތުގައި، ޣައްޒާ ހަނގުރާމައިގެ ސަބަބުން -- ޔުކްރޭނުން ސަލާމަތްވާނެ ގޮތެއް އެމެރިކާއަށް މިހާރު އޮތީ ފެނިފަ އެވެ.

ރަޝިއާއާއި ޔުކްރޭނުން ކުރަމުން ގެންދާ ހަނގުރާމާގައި، އެމެރިކާއާ ޔޫރަޕް އޮތީ ޔުކްރޭން ކޮޅަށެވެ. މި ހަނގުރާމަ ދެ އަހަރު ދުވަހަށް ދިގުދެމިގެން އަންނައިރު -- ޔުކްރޭނަށް ކާމިޔާބުވާނެ އެއްވެސް ގޮތެއް އަދިވެސް ނެތެވެ.

އެމެރިކާ ހީކޮށްގެން އޮތީ ޔޫރަޕްގެ މަދަދާ އެކު ރަޝިއާ ބަލިކޮށް ޔުކްރޭނަށް ކާމިޔާބު ހޯދައިދިނުން ދިގުލައިގެން ނުދާނެ ކަމަށެވެ. އަދި އެއީ އެމެރިކާ އާއި ޔޫރަޕަށް ލިބިފައި ހުރި އަސްކަރީ ގާބިލު ކަމަށް ބަލާއިރު ދިގުދެމިގެންދާނެ ބޮޑު ހޭދައެއް ކުރަންޖެހޭ ހަނގުރާމައަކަށް ވާނެ ކަމަށް އެމެރިކާއާ ބައިވެރިންނަށް ވިސްނިފައެއް ނެތެވެ. ނަމަވެސް، ޔުކްރޭނަށް ކާމިޔާބުވާނެ ގޮތެއް ނެތި ހަނގުރާމަ ދިގުލައިގެންދާން ފެށުމުން -- އެމެރިކާއާއި ބައިވެރިން މިހާރު ބޭނުންވަނީ އެކަމުން ސަލާމާތްވާނެ ގޮތެކެވެ.

ޔުކްރޭނަށް ކުރަން ޖެހޭ ހަރަދުގެ ސަބަބުން ގައުމުގެ ބައިތުލްމާލު -- ދައުލަތުގެ ހަޒާނާ ހުސްވެދާނެ ކަމަށް އޮތް ބިރަކީވެސް އެމެރިކާ އަށާއި ޔޫރަޕްގެ ބައިވެރިންނަށް ބޮލުރިހުމަކަށް ވަނީ ވެފަ އެވެ.

ދުނިޔޭގެ ސިޔާސީ މަސްރަހު ދިރާސާކުރާ މީހުން ދެކޭ ގޮތުގައި ޣައްޒާ ހަނގުރާމައިގެ ސަބަބުން -- ޔަހޫދީ ދައުލަތަށް ހަތިޔާރު ވިއްކައިގެން ބައިތުލްމާލު ފުރާލުމުގެ ފުރުސަތު އެމެރިކާއަށް އޮތީ ތަނަަވަސްވެފަ އެވެ.

އަނެއްކޮލުން މެދުއިރުމަތިގައި ޔަހުދި ދައުލަތެއް ދެމެހެއްޓުމަށް ހުރަން ޖެހޭ ހޭދަ އުޒުރަކަށް ދައްކައި ޔުކްރޭނުން ސަލާމަތްވާނެ ގޮތެއްވެސް އެމެރިކާއަށް މިހާރު އޮތީ ފެނިފަ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ޔުކްރޭނަށް މާގިނައިން އެހީވުމަކީ އެމެރިކާގެ ރައްޔިތުންގެ މެދުގައިވެސް އޮތް ނުތަނަވަސް ކަމެކެވެ. ޔުކްރޭނަށް އެހީވުމަށް ގާނޫނު ހަދާ މަޖިލީހުގެ ތެރެއިން ފައިސާ ހޯދުމަކީވެސް ބައިޑަން ސަރުކާރަށް ފަސޭހަކަމެއް ނޫނެވެ.

އެމެރިކާގެ އެތެރޭގެ ހާލަތު މިހާރު އޮތް ގޮތުން ބޭރު ގައުމަކަށް ބޮޑެތި އަދަދުތަކުން އެހީވުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ބައިޑަންއަށް ޕްރެޝަރު ބޮޑު ކަމަކަށް ވާނެ އެވެ.