މޫސުން

އެންމެ ގިނައިން ވާރޭ ވެހުނީ ކައްދޫއަށް

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހުނީ ލ. ކައްދޫއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ހާމަކޮށްފި އެވެ.

މެޓް އޮފީހުން ހާމަކުރި ގޮތުގައި އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ކައްދޫއަށް ވަނީ 119 މިލިމީޓަރުގެ ވާރޭ ވެހިފަ އެވެ.

މާލެ ސަރަހައްދަށްވެސް ރެއާއި މިއަދު ބޯކޮށް ވާރޭ ވެހެމުންދާއިރު ހުޅުލެއަށް އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް 51.7 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. އަދި މިއަދު ހެނދުނު 8:00 ގެ ފަހުން ތިން ގަޑިއިރުގެ ތެރޭގައި 79.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

ވާރޭވެހި މާލޭގެ ބައެއް މަގުތަކުގައި ފެން ބޮޑުވެފައިވާއިރު ފިހާރަތަކާއި ބައެއް ގޭގެއަށް ފެން ވަދެއް ގެއްލުންވެފައިވެ އެވެ.

މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 7:30 އިން މެންދުރުފަހު 1:30 އަށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފަ އެވެ. އަދި ނ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ދެމެދުގެ ސަރަހައްދަށް މިއަދު ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ޔެލޯ އެލާޓް ނެރެފަ އެވެ.

މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށްފައިވާއިރު ވިލާގަނޑުގައި ބައެއް ސަރަހައްދުތަކަށް 45 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.