ވާހަކަ

މިލްކުވާނެބާ

( 26 ޑިސެމްބަރ 2023 އާ ގުޅޭ )

މިޔާއަށް ކަމުނުދިޔައީ ކޯޓުގައި ކައިވެނި ކުރާ ވާހަކަ އެކަންޏެވެ. އޭނާ ދެކެމުން އައީ ހުވަފެނަކަށް ބޮޑު ވަލީމާއެއް ބޭއްވުން ވެއެވެ. ރީތި އަގުބޮޑު ކައިވެނި ހެދުމުގައި އެހާމެ ފުރިހަމަ ޙަފުލާއެއްގައި ކައިވެނި ކުރެވެން މިޔާ ބޭނުމެވެ. ނަމަވެސް އިޒީކިއަލްގެ ނިންމުމާ ދެކޮޅުވާކަށް ނުކެރުނެވެ.

"މާދަމާގެ ވަގުތެއްގައި ހިލްމީ ފޯމު ގެނައިމަ މިޔާ ސޮއިކޮށްލާތި. އޭނާ އެހެން ހުރިހާކަމެއް ނިންމާނެ." އިޒީކިއަލް ބުންޏެވެ. ވަގުތުން ހުރިހާކަމެއް ނިންމާލަން އިޒީކިއަލް ބޭނުންވެފައި ހުރި ކަހަލަ އެވެ.

* * * * *

ޖެހިގެން އައި ދުވަހު ހެނދުނު ދިހައެއް ޖަހާކަން ހާއިރު މިޔާ އިނީ ކާމޭޒު ދޮށުގައި ކައިވެނި ފޯމުގައި ސޮއި ކުރާށެވެ. މިޔާގެ އަލަތު ކައިވެންޏެވެ. ފޯމުގައި އެއްވެސް މީހެއްގެ މަޢުލޫމާތެއް ނެތެވެ. ފޯމުގައި ސޮއި ކުރަންވީ ތަން ހިލްމީ ދައްކާލުމުން މިޔާގެ ހަނދާނަށް އައީ ބައްޕަ މަރުވި ރޭ އާމިލް އޭނާ ލައްވާ ސޮއި ކުރުވި ކަރުދާސްތަކެވެ. އޭނާގެ ސޮއި ބޭނުންވީ ކީއްވެބާއޭ މިހާރު މިޔާ ހިތަށް އަރަ އެވެ. އެކަމަކު މިޔާއަށް ވިސްނުނީ އެ ދިރިއުޅުމުގެ ހުރިހާ ކަމެއް މާޒީ ކަމުގައި ބަލައި ދޫކޮށްލުން ރަނގަޅު ކަމުގަ އެވެ. އަދި އޭނާ އިޒީކިއަލްއާއެކު އައު ދިރިއުޅުމެއް ފެށުމެވެ. ހިތްހަމަޖެހޭ އުފާވެރި މުސްތަޤްބަލެއް އިޒީކިއަލްއާއެކު ލިބޭނެކަން މިޔާ އިނީ ޔަޤީން ކޮށްގެންނެވެ. ހަޤީޤަތަކީ ހިތަށް ރީތިވެއްޖެ ކޮންމެ ކަމެއްގައި ގޯހެއްވެދާނޭކަން އިންސާނާއަށް ނޭނގުމެވެ. އަދި އޭނާގެ ހިތަށް ދުނިޔެ ކަމެއް ޒީނަތްތެރި ކުރުވައިފިނަމަ އޭނާގެ ބުއްދި ކޮށިކޮށް އަނދިރި މީހަކަށް އޭނާ ހަދާނެ އެވެ. މިޔާގެ އެފަދަ ހަރު ވިސްނުމެއް ނެތެވެ. ދުނިޔޭގެ ހާލަތު ވެސް މިވަގުތުވަނީ އޭނާއަށް ދަތިކުރުވާފަ އެވެ. އޭނާ އެދެނީ އޭނާއަށް އަޅާލާނޭ މީހެކެވެ. ހުރި ހާލަތު ވީހާ ވެސް އަވަހަކަށް ބަދަލުވުމަށެވެ.

"ރަނެއް ކިޔާ." މިޔާގެ އަތުން ފޯމު ނެގުމާއެކު ހިލްމީ ބުންޏެވެ.

ދޭހަނުވި ފަދަ ބެލުމަކުން ހިލްމީއަށް މިޔާ ބަލާލި އެވެ. ކައިވެންޏެއް ކުރުމުގައި ކަޑަތުކުރާ ހަރުފަތްތަކީ ކޮބާކަން މާ ރަނގަޅަކަށް މިޔާއަކަށް ނޭނގެ އެވެ. ކައިވެންޏަށް އެއްބަސްވާ ހިސާބުން ފިރިހެން މީހާއަށް އަންހެން މީހާ ރަނެއް ކިޔާ ކަމުގެ ޢިލްމު އޭނާގެ އެބަހުއްޓެވެ. ކައިވެންޏާ ބެހޭ ފިލާވަޅު ސުކޫލުގައި އޭނާ ކިޔެވި އެވެ. އެކަމަކު އެހެން ދަސްކުރި ފިލާވަޅަކާއި ހަޤީޤީ ދިރިއުޅުމާ ތަފާތެވެ. އިޒީކިއަލް އޭނާގެ ގާތުން ކައިވެނީގެ ރަނަށް ނޭހީ ކީއްވެބާއޭ މިޔާގެ ޟަމީރު، އޭނާގެ ހިތާ ސުވާލު ކުރި އެވެ. އިޒީކިއަލް ކައިވެންޏެއް ކުރާން ކެތްމަދުވެފައިވާއިރު މިޔާގެ ގާތުން ރަނަށް އަހާލަން އަންނާނޭ ވަގުތު ނުވީ ކީއްވެބާއޭ ޚުދު މިޔާގެ ހިތާ ސުވާލު ކުރެވެ އެވެ.

"އެވާނީ ހަޤީޤަތަށް ވެސް އިޒީކިއަލް މާ ބުރައީ ކަމަށް. މިހާ އަވަހަށް ގޯސްކޮށް ވިސްނައިގެން ނުވާނެ." މިޔާގެ ހިތް ޖަވާބުދޭން އަވަސްވެލި އެވެ.

"މިޔާ އެދޭ ކަމަކަށް ރަން ކިޔާ. ކިތަންމެ ބޮޑު އަދަދެއް ކިޔަސް، މިޔާ އެދެފި ކޮންމެ އެއްޗެއް ސަރ ހުރީ ދޭން ތައްޔާރަށް." ހިލްމީ ބުންޏެވެ.

"މިހާރުތަ ބުނަންވީ." މިޔާއަށް އަހާލެވުނެވެ. އެއްވެސް ކަމެއްގައި ޚިޔާލު ބަދަލުކޮށްލައި، ލަފައެއް ހޯދައި، މަޝްވަރާއެއް ކޮށްލާނޭ މީހަކު އޭނާގެ ނެތެވެ. ރަނުގެ އަގަކަށް ބުނާނީ ކިހާ ވަރެއްގެ އަދަދެއްކަމެއް ކުއްލިއަކަށް މިޔާގެ ހިތަކަށް ނާދެ އެވެ.

"އާން. މިއަދު ފޯމު ލެވޭނީ އޭރުން." ހިލްމީ ބުންޏެވެ.

"-/2023 ރުފިޔާ... އެވަރު އޯކޭތަ." ހިލްމީގެ ވާހަކަ އަޑުހާފައި އިރު ކޮޅު ވިސްނާލަން އިނދެފައި މިޔާ ހިތަށް އެރި އަގެއް ބުނެލި އެވެ. އަދި ހިލްމީގެ ޚިޔާލެއް ހޯދާލަން އަހާލި އެވެ.

"މިޔާ ކަނޑައަޅާ އަދަދެއް ރަނގަޅުވާނެ." ހިލްމީ ބުންޏެވެ. އަދި ރަނުގެ ގޮތުގައި މިޔާ ކީ އަދަދަކީ ޔަޤީން އަދަދެއްތޯ ހިލްމީ އަހާލި އެވެ. އެ އަދަދާ މެދު ޚިޔާލު ތަފާތުވުމެއް ނުވަނީނަމަ އޭނާ އެ އަދަދު ފޯމުގައި ލިޔަނީކަން ވެސް ބުނެލި އެވެ. އެ ވާހަކަތައް މިޔާ ޔަޤީންކަން ދިނީ ބޯޖަހާލުމަކުންނެވެ.

"ހަވީރު ހަތަރެއް ޖަހަންވާއިރަށް ތައްޔާރުވެލާތި... ސަރ ބުނިތަ ކައިވެންޏަށްފަހު މިޔާ އިންނާނީ މިތާކު ނޫންކަން." ހިލްމީ ދައްކަން އުޅުނު ވާހަކަ ފުރިހަމަ ކުރުމުގެ ކުރީން އޭނާ ކަމެއް އޮޅުންފިލުވާލާ ފަދައިން މިޔާއާ ސުވާލު ކޮށްލި އެވެ.

"މާފުށީގަ ހުންނަ އިޒީކިއަލްގެ ވިލާގައޭ ބުނި. އެކަމަކު އެއީ މެރީކޮށްގެން." މިޔާ ބުންޏެވެ.

"ކައިވެނީގެ ކަންކަން ކުރިޔަށް ދާނީ އެކޮޅުގައި. ހަވީރު މިކޮޅުން ފުރަން ހަމަޖެހިފައި އޮތީ. ތައްޔާރުވެގެން ހުންނަން މިޔާ ކައިރީ ބުނުމަށް ސަރ އޮތީ އެދިފައި." ހިލްމީ ބުންޏެވެ.

މިޔާއަށް އެއްޗެއް ބުނާން ނޭނގިފައި އިނދެވުނީ އެވެ. ކައިވެނި ފޯމު ހިފައިގެން ހިލްމީ ކާމޭޒު ދޮށުން ތެދުވި އެވެ. އޭނާ އެނބުރި މެންދުރު އެކެއް ޖަހަންވާއިރަށް އަންނާނޭކަން ބުންޏެވެ. މެންދުރުގެ ކެއުން އޮންނާނީ އެހާއިރުކަން ހިލްމީ ބުނެލި އެވެ. އަދި މިޔާ އެއްޗެއް ކާލަން ބޭނުންވެއްޖެ ނަމަ ބަދިގޭގައި ހުރި އައިސްއަލަމާރީގައި މޭވާގެ ބާވަތް ހުންނާނޭކަން ވެސް ހިލްމީ ބުންޏެވެ. އޭނާގެ ވާހަކަތައް ނިންމާލާފައި މިޔާ ބަލަން އިންދާ އެޕާޓްމެންޓުން ހިލްމީ ނުކުމެގެން ހިނގައްޖެ އެވެ.

"މާލެއިން ހުޅުމާލެއަށް... ދެން ދާން އޮތީ މާފުށްޓަށް. ދެ ދުވަސް ތެރޭ ހާދަ ކަމެކޭ ބަދަލުމިވީ. ކައިވެންޏަށްފަހު މުޅި އުމުރަށް ދިރިއުޅޭން ޖެހޭނީ އެ ރަށުގައިތަ. އިޒީކިއަލް ކީއްވެބާ މާލޭގައި އުޅޭން ގަސްދު ނުކުރީ. މި އެޕާޓްމެންޓް ވެސް އަހަރެމެން ދިރިއުޅޭން ރަނގަޅު. މިތާކު އިތުރު ބަޔަކު ވެސް އުޅެނީއެއްނޫން... އިޒީކިއަލް ވިސްނަނީ ކިހިނެއްކަމެއް އެއްގޮތަކަށް ވެސް ނޭނގެ. އެކަމަކު އޭނާ ކަންކަން ޕްލޭންކޮށްފައިވާކަން ގައިމު." މިޔާ އަމިއްލަ ނަފްސާ ހިތާހިތުން ވާހަކަދައްކަމުން ދިޔަ އެވެ.

ފޫހިވެފައި ނީނދެ މިޔާ ކާމޭޒު ދޮށުން ތެދު ވިއެވެ. ސިޓިންރޫމުގައި ހުރި ބޮޑު ސޯފާތަކުން ސޯފާއެއްގައި އިށީނެވެ. ޓީވީ ހުޅުވާލީ އެޕާޓްމެންޓަށް ވެރިވެފައި އޮތް ހިމޭންކަން ނެތި ކޮށްލުމަށެވެ. އޭނާ ދެން ފޯނު ނަގައިގެން އިންސްޓަގްރާމް ބަލަން ފެށި އެވެ. ކައިވެނި ހެދުމާއި މީސް މީހުން އެމީހުންގެ ކައިވެނީގައި ނަގާފައިވާ ހިތްގައިމު ފޮޓޯތައް ބަލަމުން ދިޔަ އެވެ. ފޮނި އިޙްސާސެއްގެ އަސަރު މިޔާގެ ހިތުގައި ވިއެވެ. އެކަމުގެ ރަމްޒެއްގެ ގޮތުން އޭނާގެ ތުންފަތް ވަނީ ދެމިލައިފަ އެވެ. އެފަދަ ކަންކަމަށް މިޔާގެ ހިތް އެދޭކަން ގައިމެވެ. އަދި ކުރެވެން އުޅޭ ކައިވެނީން އެފަދަ އުންމީދީ ކުލަވަރެއް ދުށުމަށް ލިބޭނޭކަން މިޔާ ޤަބޫލު ކުރެ އެވެ.

"ހިލްމީ ދިއުމުގެ ކުރީން އިޒީކިއަލްގެ ނަންބަރު ހޯދުނުނަމަ. މެރީކުރާން އުޅޭއިރު މިކަމުގައި އަހަރެންގެ ޚިޔާލު ވެސް އިޒީކިއަލްއަށް ހުށަހަޅަން ބޭނުން. ކޯޓުގައި ކައިވެނި ކުރިޔަސް ސަޅި ފޮޓޯ ސެޝަންއެއް ބާއްވާން އަހަރެން ބޭނުން. ކައިވެނި ހެދުމުގައި އަހަރެމެން ދެ މީހުންގެ ވަރަށް ލޯބި ފޮޓޯތަކެއް ހުރުން މުހިންމު. ސްވީޓް މެމޮރީއެއްގެ ގޮތުގައި ފަހުން ވެސް ބަލާލަން ހުންނާނީ އޭރުން." ފޯނަށް ގެއްލި އިނދެ މިޔާ ވާހަކަދެއްކި އެވެ.

ފޮނިފޮނި ޚިޔާލުތަކުގެ ތެރެއިން ބައްޕަގެ ހަނދާން އާވުމާއެކު މިޔާ ފެންކަޅިވެއްޖެ އެވެ. ކައިވެންޏަކީ ހަޔާތެއްގެ ކިހާ މުހިންމު ނިންމުމެއް ހެއްޔެވެ. އެފަދަ ބޮޑު ކަމަކާ މިޔާ ކުރިމަތިލާއިރު ގާތުގައި ޢާއިލާގެ އެކަކު ނެތަސް ބައްޕަ ހުރި ނަމައޭ އޭނާގެ ހިތަށް އަރަނީ އެވެ. އަނެއްކޮޅުން އެ ޚިޔާލާއެކު ޟަމީރު ބުނެދިނީ ބައްޕަ ދުނިޔޭގައި ހުރިނަމަ މިޔާ މިހާރު އިން ހާލަތަށް ނާންނާނޭ ކަމެވެ. އުމުރުގެ މިހާ ކުރީކޮޅު އޭނާ ކައިވެންޏެއް ނުކުރާނޭ ކަމެވެ. އެހެންނަމަވެސް މިއަދު ހާލަތާމެދު ޝުކުރުކޮށްލުން ނޫން ގޮތެއް މީޔާއަކަށް ނެތެވެ.

* * * * *

ހަވީރު ވެގެން އައިއިރު ވެސް މިޔާއަށް އިޒީކިއަލްއެއް ނުފެނުނެވެ. ހިލްމީ އައިސް އޭނާ ގާތު ދާންވީކަން ބުނުމުން ސުވާލު އުފެދުނެވެ.

"އިޒީކިއަލް ކޮބާ؟." މިޔާ އަހާލި އެވެ.

"ކުއްލިއަކަށް ކަމެއް ޖެހިގެން ސަރ ބިޒީވީ. ލާންޗު ހަމަޖައްސާފައި އޮތީ. ގަޑިއަށް ދާންޖެހޭނެ." ހިލްމީ ބުންޏެވެ.

"އަޅުގަނޑު އެކަނިތަ ދަނީ؟." މިޔާއަށް އަހާލެވުނީ މާޔޫސްކަމުގެ ރާގެއްގަ އެވެ. ބޭނުންވަނީ އޭނާގެ ކަންކަން ޚުދު އިޒީކިއަލް ކުރުމަށެވެ. ދެ މީހުން އިންނަން އުޅޭއިރު އެކަން އޮންނަން ޖެހޭނީ އެފަދައިން ކަމުގައި މިޔާގެ ހިތް ޤަބޫލުކުރެ އެވެ.

"ސަރ ދުރުވާނީ ފަހުން." ހިލްމީ ބުންޏެވެ.

މިޔާއަށް އެހާ ކަމުދާ ގޮތަކަށް އިޒީކިއަލްއާ ވަކިން އެކަނި ދިއުން ނުވެ އެވެ. އެ މޫނުން ފާޅުވާން ފެށި އަސަރުތައް ފެނި ހިލްމީއަށް އެއްޗެއް ވިސްނުނީ ކަހަލަ އެވެ. އޭނާ ފޯނު ނެގި އެވެ. އިޒީކިއަލްއަށް ގުޅާލުމާއެކު ވާހަކަދެއްކި އެވެ. އަދި މިޔާއަށް ފޯނު ދިއްކޮށްލި އެވެ. ފޯނުކޯލުގެ އަނެއްކޮޅުގައި ހުރީ އިޒީކިއަލްކަން އޭނާ ބުންޏެވެ. މިޔާ އެ ފޯނުގައި ހިފަން އަވަސްވެލި އެވެ.

"ހެލޯ..." ކަންފަތުގައި ފޯނު ޖައްސާލި ގޮތަށް މިޔާ ބުނެލި އެވެ.

"މިޔާ އެކަންޏެއް ނުވާނެ. ހިލްމީ ދާނެ މިޔާއާއެކީ. ކޮންމެހެން ވެސް އެޓެންޑްވާން ޖެހޭ ކަމެއް ދިމާވެގެން މިއުޅެނީ. އަހަރެން ހުރިހާ ކަމެއް ހަމަޖެއްސީ މިޔާ ގޮވައިގެން އެކޮޅަށްދާން. ސޮރީ މިއާ. މިފަހަރު ދެން ބަސްހައިގެން ހިލްމީއާއެކީ ދޭ. އަހަރެން ވަރަށް އަވަހަށް ދާނަން." ކުޑަކުއްޖަކު ރުއްސާ ފަދައިން އިޒީކިއަލް ވާހަކަދެއްކި އެވެ.

"ކޮންއިރަކުން އަންނާނީ؟." މިޔާއަށް އަހާލެވުނެވެ.

"އަދި ނޭނގެ." އިޒީކިއަލް ބުންޏެވެ.

މިޔާއަށް އިތުރަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. އޭނާ އުންމީދު ކުރި ފަދަ ޖަވާބެއް ވެސް ނުލިބުނެވެ. އިޒީކިއަލްއަށް އާދެވޭނޭ ދުވަހެއް ބުނެލިނަމަ ވެސް މިޔާ ހިތްހަމަޖެހުނީހެވެ. އޭނާއަށް ތުންފިއްތާލެވުނެވެ. އެވަގުތު ފޯނުން އިޒީކިއަލް ވާހަކަދައްކައިފި އެވެ.

"ބާއްވަނީ. ފަހުން ގުޅާނަން. މިޔާ ކަމެއް ބޭނުންވެއްޖެނަމަ ހިލްމީ ކައިރީ ބުނާތި. އޭނާ ހުރިހާކަމެއް ހަމަޖައްސައިދޭނެ. ބާއި." އިޒީކިއަލް މިހެންބުނެ ފޯނުކޯލު ކަނޑާލީ އެވެ. މިޔާގެ ޖަވާބަކަށް އޭނާ މަޑެއް ނުކުރި އެވެ.

ފޯނަށް ބަލާލާފައި ހިލްމީއަށް މިޔާ ފޯނު ދިއްކޮށްލި އެވެ. ހިމޭންކަމެއް ވެރިވެފައި ހުރެ ހިލްމީއާއެކު އެޕާޓްމެންޓުން މިޔާ ނުކުތެވެ. އިމާރާތުން ބޭރަށް ނުކުމެ އިރުކޮޅެއްވީތަނާއި ޓެކްސީއެއް އައިސް އެމީހުންގެ ކުރިމަތީ މަޑުކޮށްލައިފި އެވެ. އެ ޓެކްސީއަށް އަރަން މިޔާ ގާތުގައި ބުނެ ހިލްމީ ފަހަތު ސީޓުގެ ދޮރުފަތް ހުޅުވާލަ ދިނެވެ. ހުޅުމާލޭން އުޅަނދުތައް ފުރާ ފާލަން އޮތީ ނުހަނު ކައިރީގަ އެވެ. ހިނގާލާފައި ދެވުނީހޭ މިޔާގެ ހިތަށް އެރި އެވެ. އެއާއެކު ދެން ހިތަށް އެރީ އިޒީކިއަލް އިރުޝާދު ދީފައިވަނީ އެފަދައިންކަމަށް ވެދާނޭ ކަމެވެ. ހިލްމީ ކަމެއްކުރިއްޔާ އެކަން ކުރާނީ އިޒީކިއަލްގެ އަމުރަށްކަން މިޔާއަށް ޔަޤީން ވެއެވެ.

ފާލަން ކައިރީ އޮތް ލާންޗުން ފޭބި ޒުވާނާއާ ހިލްމީ ސަލާމްކޮށްލި އެވެ. ލާންޗަށް ހިލްމީ ފޭބި އެވެ. އަދި މިޔާއަށް އެހީތެރިވެދިނެވެ. އެ ދެ މީހުން ފިޔަވައި ލާންޗުން ދަތުރުކުރާ އިތުރު ބަޔަކު ނެތެވެ. ގޮނޑީގައި މިޔާ އިށީނުމުން ހިލްމީ އިށީނީ އަނެއްފަރާތުގައި ހުރި ގޮނޑީގަ އެވެ. އެމީހުން ހަމަޖެހުމާއެކު ލާންޗު ނައްޓާލައިފި އެވެ.

"މެރީ ކުރާ ދުވަހަށްތަ އިޒީކިއަލް އަންނާނީ. އެހާތަނަށް އަހަރެން އެކަނިތަ އުޅެންވީ. އެ ގެއަކީ އިޒީކިއަލް މެރީކޮށްގެން އުޅޭން ގަސްދުކޮށްފައިވާ ގެ ކަންނޭނގެ. އިޒީކިއަލްގެ ފެމެލީ ކޮބާބާ؟. އެކަކުވެސް ނުފެނޭ. ފެމެލީއާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނުބުނޭ. އަހަރެންގެ އެކަކުވެސް ނެތްކަން އެނގޭނެ. އިޒީކިއަލްގެ ޒާތީ އެއްވެސް ކަމެއް އަހަރެންނާ ޝެއަރކޮށްފައެއް ނެތް... އަދި ކިޔާދޭން ބޭނުންނޫނީ ކަންނޭނގެ. އަހަރެމެން ދިމާވިތާ އަދި ވީ އެންމެ ދެ ދުވަސް. ޓްރަސްޓްކޮށް ގުޅުން ބަދަހި ކުރާން ވަގުތު ނަގާނެ. އަހަރެން ވެސް ކެތްތެރިވާން އެބަޖެހޭ." މިޔާ ކޮންމެ ވާހަކައެއް ދައްކަމުން ދިޔައީ އަމިއްލަ ނަފްސާ އެވެ. އޭނާ ދަތުރު ފަށާފައި އެވަނީ މުޅީން އާ މަންޒިލަކާ ދިމާއަށެވެ. އުފާވެރިކަމާއި ހިތްހަމަޖެހުންވީ ނަސީބެއްގެ ފެށުންކަމުގައި މިޔާއަށް ޤަބޫލު ކުރެވެ އެވެ. އާ ދިރިއުޅުމާ ބައްދަލުކުރާން އެދެނީ ޔަގީންކަމާއެކީ އެވެ.

(ނުނިމޭ)