ދުނިޔެ

ހޫސީންގެ މިސައިލެއް ކޮންޓޭނަރު ބޯޓަކަށް އަރައިފި

ރަތް ކަނޑު ހުރަސްކޮށް ދަތުރުކުރި ކޮންޓޭނަރު ބޯޓަކަށް ހޫސީން މިސައިލަކުން ހަމަލާ ދީފި އެވެ. މިއީ ޑެންމާކުގައި ދުއްވާ އެކަމަކު ސިންގަޕޫރު ދިދަ ޖެހި ބޯޓެކެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން މައުލޫމާތުދޭ ގޮތުގައި ހޫސީން މިސައިލް ފޮނުވާލީ ސިދާ ޔަމަނުންނެވެ.

ސެންޓްރަލް ކޮމާންޑުން ބުނާ ގޮތުން ހޫސީން އިތުރު ދެ މިސައިލެއް ފޮނުވާލި ނަމަވެސް އެ ސަރަހައްދުގައި ދަތުރުކުރާ އެމެރިކާގެ އަސްކަރީ އުޅަނދަކުން އެ ދެ މިސައިލް ވަނީ ވައްޓާލާފަ އެވެ.

މި ހާދިސާގައި މީހަކަށް އެއްވެސް ގެއްލުމެއް ލިބުނުކަން އަދި ރިޕޯޓެއް ނުކުރެ އެވެ. އުޅަނދަށް ލިބުނު ގެއްލުމުގެ ތަފްސީލްވެސް އަދި ހިއްސާނުކުރެ އެވެ.

ޔަމަންގެ ރަތް ކަނޑާވީ ފަރާތުން ވަރަށް ބޮޑު ބައެއް އޮންނަނީ ހޫސީންގެ ބާރުގެ ދަށުގަ އެވެ. އެހެންކަމުން ރަތް ކަނޑުން ދަތުރުކުރާ ކޮންމެ އުޅަނދަކަށްވެސް ހޫސީންނަށް ހަމަލާދެވޭ ގޮތަށް އެ ޖަމާއަތުން ވަނީ އަސްކަރީ މާހައުލެއް ގާއިމުކޮށްފަ އެވެ.

ޔަހޫދީ ދައުލަތުން ފަލަސްތީންގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކަށް ބަދަލުހިފުމަށް ހޫސީން ކުރާ ކަމަކީ މިސްރުގެ ސުއޭޒް ކެނަލް ހުރަސްކޮށް ރަތް ކަނޑުން ދަތުރުކުރާ ކޮންޓޭރު ބޯޓުތަކަށް ހަމަލާ ދިނުމެވެ.

ހޫސީން ބުނާ ގޮތުން ރަތް ކަނޑު ހުރަސްކޮށް ދަތުރުކުރާ އުޅަނދުތަކުގެ ތެރޭގައި -- ޔަހޫދީ ދައުލަތަށް މުދާ އުފުލައިދޭ ބޯޓެއް ހިމެނޭނަމަ ހަމަލާދޭނެ އެވެ. އަދި އެހެން އެއްވެސް އުޅަނދަކަށް ހަމަލާ ނުދޭނެ ކަމަށްވެސް އެ ޖަމާއަތުން އޮތީ ބުނެފަ އެވެ.

ހޫސީންގެ ހަމަލާތަކުން ރަތް ކަނޑު ސަލާމަތްކުރުމަށް އެމެރިކާއާ ބައިވެރިން މިހާރު ތިބީ ރަތް ކަނޑަށް ނުކުމެ އެވެ. ހޫސީންގެ ހަމަލާއެއް ފެނިއްޖެ ނަމަ އެ ހަމަލާ މައިތިރިކުރުމަށް އަސްކަރީ އުޅަނދުތައް ތައްޔާރު ކަމަށްވެސް އެމެރިކާ ބުނެ އެވެ.

އެމެރިކާ ބުނާ ގޮތުން ހޫސީންގެ މިސައިލް ހަމަލާތައް ހުއްޓާނުލައިފިނަމަ -- ޔަމަނުގައި ހޫސީން އުޅޭ ސަރަހައްދަށް އެމެރިކާއިން ހަމަލާދޭނެ އެވެ. އަދި ހޫސީންނަށް އުޅުމަށް ދަތިކުރާނެ އެވެ.

ހޫސީން ބުނީ ޔަމަނަށް ހަމަލާދީފިނަމަ އެމެރިކާގެ އެއްވެސް އުޅަނދަކަށް ރަތް ކަނޑަށް އަރަން ލާހިކު ނޫން ކަމަށެވެ. އެމެރިކާއަށް ވޭންދެނިވި ހަމަލާތަކެއް ދޭނެ ކަމަށް ހޫސީން އޮތީ ބުނެފަ އެވެ.

ޔަހޫދީ ދައުލަތުން ފަލަސްތީންގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓައި ނުލައިފިނަމަ އެ ޖަމާއަތުގެ ސިފައިން ޣައްޒާއަށް ގޮސް ހަނގުރާމާގައި ބައިވެރިވާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.