ޔަހޫދީ އަސްކަރިއްޔާއާ ގުޅެން އިންކާރުކުރި 18 އަހަރުގެ ޒުވާނެއް ކަމަށްވާ ތާލް މިތުނިކް ޔަހޫދީ ދައުލަތުގެ އަމުރަށް 30 ދުވަހަށް ޖަލަށް ލައިފި އެވެ.
ދައުލަތުގެ އަމުރަށް ކިޔަމަންނުވެ އިންކާރު ކުރުމުގައި ތާލް މިތުނިކް ދެމިހުރެއްޖެނަމަ އޭނާއަށް އޮތް ޖަލު ހުކުމް އަލުން ބަލައި މުއްދަތު އިރުތުކުރާނެ ކަމަށް ޔަހޫދީ އިދާރާތަކުން ބުނެ އެވެ.
ޒުވާނާ ޖަލަށް ގެންދިއުމުމުގެ ކުޑައިރުކޮޅެއް ކުރިން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނި ގޮތުން ހަމަނުޖެހުމަކީ ހަމަނުޖެހުން މަސަލަސްކުރާ ހަތިޔާރެއް ކަމަށް އޭނާ ގަބޫލުނުކުރާ ކަމަށެވެ.
ހަނގުރާމައިގެ ސަބަބުން ނަފުރަތާއި ރުޅިވެރިކަން އާލާވުން ނޫން ކަމެއް ނުވާނެ ކަމަށްވެސް އޭނާ ބުންޏެވެ.
ތާލް މިތުނިކް ބުނީ ޣައްޒާއަށް ހަމަލާދީ އެތައް ބަޔަކު މެރުމަކީ އޮކްޓޯބަރު ހަތެއްގައި ހަމާސް އިން ޔަހޫދީ އާބާދީތަކަށް ދިން ހަމަލާއަށް ބަދަލުހިފަންޖެހޭ ގޮތް ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
ޒަޔަނިސްޓް ސަރުކާރުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކަކީ، ފަލަސްތީންގެ ރައްޔިތުންގެ ކިބައިން ބަދަލުހިފުން ކަމަށް ދެކޭ ކަމަށްވެސް އޭނާ ބުންޏެެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޣައްޒާއަށް ބޮންއެޅުމަށް އަދި ފަލަސްތީނަށް ހަމަލާދިނުމަށް އަސްކަރިއްޔާގައި ބައިވެރިވުމާ މެދު ޒުވާނުންގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް އޮތީ އުފެދިފަ އެވެ.
ޒުވާނުންގެ ގުރޫޕްތަކުން ޔަހޫދީ ދައުލަތުގެ މި ސިޔާސަތު ބަލައި ނުގަންނަ ކަމަށްވެސް ހަބަރުތައް ބުނެ އެވެ. އަދި އެ މީހުން ފުރާވަރަށް އެރުމުން އަސްކަރިއްޔާގައި ބައިވެރިވާން އަމުރު އަންނާނެ ކަމަށް ގަބޫލުކުރާ ކަމަށްވެސް ޒުވާނުން ބުނެ އެވެ.
އަސްކަރިއްޔާގައި ބައިވެރިވެ ފަލަސްތީނަށް ހަމަލަދިނުމަކީ ގައުމަށް ހިދުމަތްކުރުން ނޫން ކަމަށް ޔަހޫދީ ބައެއް ޒުވާނެ ދެކެ އެވެ. އެއީ ޔަހޫދީންނާ މެދު ރުޅިވެރިކަން އުފެއްދުމާއި އަދާވާތްތެރިން އުފެއްދުން ކަމަށް ޒުވާނުން ގަބޫލުކުރެ އެވެ.
ތާލް މިތުނިކް ކަހަލަ އެތައް ހާސް ޒުވާނުން ޔަހޫދީ އާބާދީތަކުގައި ދިރިއުޅޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަސްކަރިއްޔާގައި ބައިވެރިވެ، ތަމްރީން ހަދައި އަދި ޣައްޒާއަށް ބޮންއެޅުމަކީ ޒަމާނީ ޒުވާނުންނާ ގުޅޭ ކަމެއް ނޫން ކަމަށްވެސް ތަލް މިތުނިކްގެ އެކުވެރިން ބުނެ އެވެ.
ތަލް މިތުނިކަށް ލުއި ނުދީ ޖަލުގައި ދަމަހައްޓައިފިނަމަ އެ މީހުންނާ ބައިވެރިވާނެ އިތުރު ކުދިން ހޯދާނެ ކަމަށްވެސް ޒުވާނުންގެ ގުރޫޕްތަކުން ބުނެ އެވެ.