ޔަމަނުގައި ހަރަކާތްތެރިވާ ބާޣީ ގުރޫޕެއް ކަމަށްވާ ހޫސީންގެ ކިބައިން ރަތް ކަނޑު ސަލާމަތްކުރުމަށް އެމެރިކާއާ ބައިވެރިން ހިންގަމުން ގެންދާ ހަރަކާތްތަކުގައި -- ހޫސީންގެ ހަތަރު އުޅަނދަކަށް އެމެރިކާ އިން ހަމަލާދީފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ހޫސީންގެ ހަތަރު އުޅަނދުގެ ތެރެއިން ތިން އުޅަނދެއް އެމެރިކާ އިން ކަނޑަށް ފައްތާލުމުގެ ސަބަބުން އޭގައި ތިބި ހުރިހާ މީހުން ވަނީ މަރުވެފަ އެެވެ.
އުތުރު އެމެރިކާއާ ޔޫރަޕުން މުދާ ބަރުކޮށްގެން މިސްރުގެ ސުޒެޒް ކަނޑުއޮޅި ހުަރަސްކުރާ ކޮންޓޭރަނު ބޯޓުތަކަށް ހޫސީން ދަނީ މިސައިލުން ހަމަލާދެމުންނެވެ.
ރަތް ކަނޑުން ދަތުރުކުރާ މުދާއުފުލާ ބޯޓްތައް ބަލައި ފާސްކޮށް އަދި ޔަހޫދީންނާ ގުޅުމެއް އޮތް ނަމަ އެ އުޅަނދަކަށް ހަމަލާދޭ ސަބަބަކީ ހޫސީން ބުނާ ގޮތުން ޔަހޫދީ އަސްކަރިއްޔާ އިން ފަލަސްތީންގެ ޣައްޒާގައި ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތަކަށް ބަަދަލުހިފުމަށް ކަމަށެވެ.
ޔަހޫދީންނާ ގުޅުމެއް ނެތް މުދާ އުފުލާ ބޯޓަކަށް އެއްވެސް ގެއްލުމެއް، ބަދަލުހިފުމެއް ނޯންނާނެ ކަމަށްވެސް ހޫސީން ބުނެ އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެޓްކޮމް) އިން ބުނާ ގޮތުން ހޫސީންގެ ހަމަލާތައް އިތުރުކޮށް އަދި ރަތް ކަނޑުގައި ހަރަކާތްތެރިވާ ހޫސީންގެ އަދަދު މިހާރު ވަނީ އިތުރުކޮށްފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ރަތް ކަނޑުގައި ހޫސީން ހަރަކާތްތެރިވަމުން ގެންދަނީ އީރާނުން ދޭ އިރުޝާދަށް އަދި އީރާންގެ އަސްކަަރިއްޔާއިން ކުރާ އަމުރާ އެއްގޮތަށެވެ.
ރަތް ކަނޑުގައި ދަތުރުކުރާ އުޅަނދުތައް ވަކިކޮށް -- އެކި ގައުމަށް ނިސްބަތްވާ އެކި އުޅަނދު ހޫސީންނަށް ވަކިކޮށްދެނީ އީރާނުން ކަމަށްވެސް އެމެރިކާ ބުނެ އެވެ.
އީރާންގެ މަދަދާ ނުލައި އަމިއްލަ އަސްކަރިއްޔާއެއް ގޮވައިގެން ޔަމަނުގައި އަދި ރަތް ކަނޑުގައި ހަރަކާތްތެރިވުމަކީ ހޫސީންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އެމެރިކާ ގަބޫލުކުރެ އެވެ.
ރަތް ކަނޑުގައި ދަތުރުކުރާ ކޮންޓޭނަރު ބޯޓުތަކާ ގުޅޭ މައުލޫމާތު ހޫސީންނަށް ފޮރުކޮށްދެނީ އީރާނުން ކަމަށްވެސް އެމެރިކާ ބުނެ އެވެ. އީރާނާ ނުލަައި ހޫސީންނަށް އެއްވެސް ބާރުވެރި ކަމެއް ނޯންނާނެ ކަމަށްވެސް އމެރިކާ ބުނެ އެވެ.
ރަތް ކަނޑަކީ ދުނިޔޭގެ އިގުތިސާދަށް ވަރަށް މުހިއްމު ކަނޑުއޮޅި އެކެވެ. މި މަގު ހުރަސްކޮށް ދަތުރުކުރާ މުދާއުފުލާ ބޯޓުތަކަށް ގެއްލުމެއް ވެއްޖެ ނަމަ އޭޝިއާގެ ބާޒާރަށްވެސް ބޮޑެތި ބަދަލުތައް އަންނާނެ ކަމަށް ދިރާސާކުރާ މީހުން ބުނެ އެވެ.