ހަބަރު

އަންނަ މަހު ނަމްބަރު ޕޯޓެބިލިޓީގެ ހިދުމަތް ފަށަނީ

ނަމްބަރު ބަދަލު ނުކޮށް، ބޭނުންވާ ނެޓްވޯކް އޮޕަރޭޓަރެއްގެ ހިދުމަތް ހޯދޭނެ ގޮތެއް އަންނަ މަހު ތައާރަފް ކުރާނެ ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކެމް) އިން ބުނެފި އެވެ.

"އަވަސް"އަށް މައުލޫމާތު ދެއްވަމުން ކޮމިއުނިކޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދު ވިދާޅުވީ އެ ހިދުމަތް ތައާރަފް ކުރުމަށް މިހާތަނަށް އެއޮތޯރިޓީ އިން އައީ މަޝްވަރާތަކެއް ކުރަމުން ކަމަށާއި އަދި މި ހިދުމަތުގެ ސަބަބުން ނަމްބަރު ބަދަލު ނުކޮށް، ހިދުމަތް ހޯދައި ނެޓުވޯކް ބަދަލު ކުރުމަށް ކަސްޓަމަރުންނަށް މަގުފަހި ވެގެންދާނެ ކަމަށެވެ.

"އެބޭފުޅަކު ބޭނުންވާ ނަމްބަރެއް ބޭނުން އޮޕަރޭޓަރެއްގެ ހިދުމަތެއް ހޯދެއްވުމުގެ ހިދުމަތް އަންނަ މަހު ކުރީ ކޮޅު ތައާރަފް ކުރަން ވާނީ ނިންމާފަ. އަދި އެދުވަހު އަޅުގަނޑުމެން މިއާ ބެހޭ އިތުރު ތަފްސީލު ހާމަ ކުރާނަން،" އިލިޔާސް ވިދާޅުވި އެވެ.

މި ހިދުމަތް ތައާރަފް ކުރުމުން އޫރިދޫގެ ހިދުމަތް ހޯދައި ފަރާތްތައް ހަތަކުން ފެށޭ ނަމްބަރެއް ބޭނުން ކުރެވޭނެ އެވެ. އަދި ދިރާގުގެ ކަސްޓަމަރަކަށް ވެސް ނުވައަކުން ފެށޭ ފޯނު ނަމްބަރެއް ބޭނުން ކުރުމުގެ މަގު ފަހިވެގެންދާނެ އެވެ.