ރާއްޖޭގެ އިގްތިސާދީ ރައްކާތެރިކަން ކަށަވަރުކުރުމާއި ވެލިއުއެޑްކުރުމާއި ޓްރާންސްޝިޕްމަންޓް ރީއެކްސްޕޯޓް ވިޔަފާރިއަށް ހާއްސަ ދިވެހި ކުންފުނި -- މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯން އުފައްދަނީ ސަރުކާރުގެ ބޮޑު ފަސް ކުންފުންޏެއް ހިއްސާވާ ގޮތަށް ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.
ޓްރާންސްޝިޕްމަންޓްގެ ވިޔަފާރިއަށް ހާއްސަކޮށް ކުންފުންޏެއް އުފެއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ކެބިނެޓްގައި މަޝްވަރާ ކުރެއްވުމަށްފަހު އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވި ގޮތުގައި އެ ކުންފުނި އުއްދަނީ އެސްޓީއޯ، އެމްޓީސީސީ، އާބަންކޯ. އެމްޕީއެލް އަދި އެމްއޭސީއެލް ހިމެނޭ ގޮތަށެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯން އުފެއްދުމަށް ތިލަފުއްޓާއި ގިރާވަރުފަޅުން ބިން ހަމަޖެއްސުމަށް ވަނީ ނިންމާފަ އެވެ.
ނާޒިމް ވިދާޅުވީ ފްރީ ޓްރޭޑް ޒޯންތައް ގާއިމުކުރަން ބޯޑް އޮފް އިންވެސްޓްމަންޓްގެ ހުއްދައަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯންއާ ގުޅޭ ގޮތުން އިކޮމޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ކުރިއަށް ދެ ހަފުތާއެއްހާ ތެރޭގައި އެ ކުންފުނި އުފެއްދުމަށް ބޭނުންވާ ކެޕިޓަލް އާއި ބިމާއި މުވައްޒަފުން އަދި ވަސީލަތްތައް ހަމަޖައްސާނެ ކަމަށެވެ.
ޓްރާންޝިޕްމަންޓަށް ހާއްސަ ދިވެހި ކުންފުންޏެއް އުފެއްދުމަކީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކުރަން ނިންމާފައިވާ ކަމެކެވެ.