ހަބަރު

2012 ގައި ޓްރާންސްޕޯޓުން 10 މިލިޔަނަށްވުރެ ގިނަ ރުފިޔާއަށް އިހުމާލުވި: އޮޑިޓް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2014 ވަނަ އަހަރު އުވާލި ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން މިނިސްޓްރީން 2012 ވަނަ އަހަރު ގަވާއިދާ ހިލާފަށް ހިންގި މުއާމަލާތްތަކުގެ ސަބަބުން 10 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ދައުލަތުގެ މާލިއްޔާއަށް ނުލިބިވާ ކަމަށް އޮޑިޓް އޮފީހުން ހާމަކޮށްފި އެވެ.

އޮޑިޓް އޮފީހުން މިދިޔަ އަންގާރަ ދުވަހު ނެރުނު ޓްރާންސްޕޯޓް މިނިސްޓްރީގެ 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި، ގަވާއިދާ ހިލާފަށް ކޮށްފައިވާ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެ އެވެ. ހާއްސަ ގޮތެއްގައި ފައިސާގެ ބައެއް މުއާމަލާތްތައް ހިންގުމުގައި މިނިސްޓްރީން ގަވާއިދާއި ހިލާފުވެފައިވާކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން އެ އަހަރު އެ މިނިސްޓްރީގެ މުއާމަލާތްކުން އަހަރު ނިމޭއިރު ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބި ވާކަމަށް އޮޑިޓް ރިޕޯޓް ބުނެ އެވެ،

ދެހާސް ބާރަ ވަނަ އަހަރު ޓްރާންސްޕޯޓް މިނިސްޓްރީން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ގޮތުގައި ނުލިބި ވަނީ، ރީޖަނަލް އެއާޕޯޓްތަކުން ލިބެންޖެހޭ ނުވަ މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި ކާޑެއްދޫ އެއާޕޯޓުން ލިބެންޖެހޭ ދެ ލައްކަ އަށްވުރެ ގިނަ ރުފިޔާ އާއި، ހަނިމާދޫ އެއާޕޯޓުން ލިބެންޖެހޭ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ އެވެ. ސަރުކާރުގެ މުއައްސަސާތަކުން ކުރާ މަސައްކަތްތަކަށް ނުވަތަ ވިއްކި އެއްޗެއްގެ އަގަށް ލިބެންޖެހޭ ފައިސާ، އެ ކަމެއް ނިމޭތާ އެއް މަސް ދުވަހުގެ ތެރޭގައި ހޯދަން ގާނޫނުގައި ބުނެފައި އޮތް ނަމަވެސް އެ މިނިސްޓްރީން އެގޮތަށް އަމަލުކޮށްފަ އެއް ނުވެ އެވެ.

ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް އެ މިނިސްޓްރީއަށް ބޭނުންވާ ތަކެތި ގަނެފައިވާ މައްސަލައެއް އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން އެއްފަހަރާ ގަނެވެންހުރި ބައެއް ސާމާނު ބައިބަޔަށް ބަހާލައިގެން ގަނެފައިވާތީ އެއީ ވަކި ފަރާތަކަށް މަންފާވާ ގޮތަށް ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށް އެ އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވ ގޮތުން، އެއްފަހަރާ ގަންނަންޖެހޭ ތަކެތީގެ ޖުމްލަ އަގު 25،000ރ. އަށްވުރެ ބޮޑުވާނަމަ، އެތަކެތި ގަންނަންވާނީ، އާންމުކޮށް ލިބޭ އަންދާސީ ހިސާބުތަކަށް ބަލައިގެންނެވެ. ނަމަވެސް ރީޖަނަލް އެއާޕޯޓްސް އިން އެއްތަނަކުން އެއް ދުވަހެއްގައި 103 ވިއްސާރަ ކޯޓު ގަނެފައިވާއިރު، އެތަކެތި ހޯދާފައިވަނީ ދެބަޔަކަށް ބަހާލައިގެންކަން ފާހަގަވެ އެވެ. އެއީ މާލިއްޔަތު ގަވާއިދުގެ 8.01 މާއްދާ އާ ހިލާފު ކަމެއް ކަމުގައި ދަންނަވަމެވެ،" ރިޕޯޓުގައި ބުންޏެވެ.

މީގެ އިތުރުންވެސް މިނިސްޓްރީއަށް ހަރު މުދާ ގަނެފައިވާ ގޮތުގެ ސައްހަ ރިކޯޑު ނެތުމާއި، 2012 ވަނަ އަހަރު މިނިސްޓްރީގެ މާލީ ބަޔާންތަކުގައި ދައްކާ އަދަދާއި ފިނޭންސް މިނިސްޓްރީގެ ޖެނަރަލް ލެޖާ އާ ބޮޑު ތަފާތުތަކެއް ހުރި މައްސަލައަކާއި މިނިސްޓްރީން ހިނގާ ހަރަދު ރިކޯޑް ކުރުމުގައި ގަވާއިދާއި ހިލާފުވެފައިވާ މައްސަލައެއް ވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

ދެހާސް ބާރަ ވަނަ އަހަރު ރައީސް ވަހީދުގެ ވެރިކަމުގެ ޓްރާންސްޕޯޓް މިނިސްޓަރަކަށް ފުރަތަމަ ހުންނެވީ ޑރ. ޝަމްހީދެވެ. އޭގެ ފަހުން ކުޑަ ދުވަސްކޮޅަކަށް އަމީން އިބްރާހިމް ހުންނެވުމަށްފަހު ރައީސް ޔާމީނުގެ ވެރި ކަމުގައި ވެސް އެ މިނިސްޓްރީ ގައި ހުންނެވީ ވެސް އަމީނެވެ. އަމީން މަގާމުން ވަކި ކުރެއްވުމަށް ފަހު ރައީސް ޔާމީން ވަނީ މިނިސްޓްރީ އުވާލައްވާފަ އެވެ.