އާރްޑީސީ

ވިލިމާލޭގެ މަގު ހެދުމުގެ ކުރިން ސާވޭ ކުރަން އާރްޑީސީއާ ހަވާލުކޮށްފި

ވިލިމާލޭގެ މަގުތައް އަލުން ހެދުމަށްޓަކައި ސާވޭ އާއި ޑިޒައިންގެ މަސައްކަތް ކުރުމަށް ރޯޑް ޑިވެލޮފްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.

ސާވޭ އާއި ޑިޒައިންގެ މަސައްކަތް ނިންމާ ކަމާ ގުޅޭ ރިޕޯޓް 120 ދުވަސް ތެރޭގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއަށް ހުށަހަޅަންޖެހެ އެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ 1.79 މިލިއަން ރުފިޔާ އަށެވެ.

ވިލިމާލޭގައި ތަރައްގީކުރަން ނިންމާފައިވަނީ 5.6 ކިލޯމީޓަރުގެ މަގެވެ.

މިމަޝްރޫއުގެ މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރު ޑރ. އަބަދުﷲ މުއްތަލިބު ވިދާޅުވީ ވިލިމާލޭގައި ކަރަންޓާއި ނަރުދަމާގެ ނިޒާމުވެސް އަލުން ގާއިމުކުރުމަށްޓަކައި ބޭނުންވާ ސާވޭ ހެދުމަށް ސަރުކާރުގެ ކަމާގުޅޭ ކުންފުނިތަކާ ހަވާލުކޮށްފައިވާތީ އެ މަސައްކަތް ނިމެންވާއިރަށް ވިލިމާލޭގެ މަގުތައް އަލުން ހެދުމަށްޓަކައި އެ މަސައްކަތް ފެށޭ ވަރަށް ތައްޔާރުވާން ބޭނުންވާ ކަމަށެވެ.

"މިއަދު އާރްޑީސީއާ ހަވާލުކުރެވުނު މަސައްކަތް ނިމުމުން ވިލިމާލޭގެ މަގުތަކުގެ ހާލަތު އެނގި މަޝްރޫއަށް ސީދާ ކުރަންޖެހޭ ހަރަދު އެނގޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މުއްތަލިބް ވިދާޅުވީ ވިލިމާލޭގެ މަގުތައް ހަދަން ފެށުމުގެ ކުރިން އެ ތަނުގައި ދިރިއުޅޭ އާންމުންނާ މަޝްވަރާކޮށް ހިޔާލު ހޯދާނެ ކަމަށެވެ. ވިލިމާލޭގެ މަގުތައް ތާރުއަޅައިގެން ހަދާނީ އެ އަވަށުގެ މަގުތަކުގައި ހުރި މައްސަލަތަކަށް ޖުމްލަ ހައްލެއް ލިބޭ ގޮތަށް ކަމުގައިވެސް ވިދާޅުވި އެވެ.