ވިލިމާލެ

ވިލިމާލޭގެ މަގު ހެދުމުގެ މަޝްރޫއާ ގުޅިގެން ކަންބޮޑުވުންތަކެއް

ވިލިމާލޭގެ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތްތައް ކުރުމަށްޓަކައި ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ސާވޭތަކާ ގުޅިގެން އެ އަވަށުގައި ހަރަކާތްތެރިވާ ދެ ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެގޮތުން ވިލި ޖޯލި އާއި ސޭވް ދަ ބީޗް ޖަމިއްޔާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ވިލިމާލޭގެ މަގުތަކަކީ ރަނގަޅު ފެންވަރެއްގައި ތަރައްގީ ކުރެވިފައި ހުރި މަގުތަކެއް ކަމަށެވެ. އެ މަގުތައް މިހާރު ހަލާކުވެފައި ހުރީ އެ މަގުތައް ގިނަ ދުވަސްވަންދެން ނުހަދާ ހުރުމުން ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި މި ދަތިތައް ފިލުވުމަށްޓަކައި ބޭނުންވަނީ ވަކި ވަކި މަރާމާތުތަކެކެވެ. ޕޭވްމެންޓާއި މަގު އެއްވަރު ކުރުމާއި، ހަލާކުވެފައިވާ ކާނުތަކާއި މަގުގެ ބައިތައް މަރާމާތު ކުރުން ފަދަ ކަންކަމެވެ. ޕޭމަންޓަށް ގަސްގަހުގެ މޫގަނޑު އަރައިގެން އުފުލިފައި ހުންނަ ތަންތަން ރަނގަޅު ކުރުމަށްޓަކައި ގަސްތައް ކެނޑުމުގެ ބަދަލުގައި ތަރައްގީވެފައިވާ އެހެން ގައުމުތަކުގައި ވެސް ބޭނުންކުރާ ތަފާތު ގޮތްގޮތް ބޭނުންކޮށްގެން ގަސްތައް ހިމާޔަތްކުރުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެމެވެ،" ބަޔާނުގައިވެ އެވެ.

މިބަޔާނުގައި ބުނެފައިވަނީ މިދިޔަ މަހާ މި މަހުގެ ކުރީ ކޮޅުގައި މާލެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ފެންބޮޑުވިއިރުވެސް ވިލިމާލޭގެ އެއްވެސް މަގެއް މަތީ ފެން ބޮޑު ނުވާ ކަމަށެވެ. މިކަމުންވެސް ފާހަވެގެން ދިޔައީ ވިލިމާލޭގެ ގުދުރަތީ ވިލުންތެރިކަމުން ފޯރުކޮށްދޭ ރައްކާތެރިކަން ކަމުގައިވެސް ބުންޏެވެ.

ވިލިމާލޭގެ ރައްޔިތުން އެދެނީ މިހާތަނަށް ހުރިހާ ސަރުކާރަކުންވެސް ވިލިމާލެ ތަރައްގީ ކުރުމުގައި ގެންގުޅެފައިވާ "އިކޯ ފްރެންޑުލީ އައިލެންޑް" ކޮންސެޕްޓު މި ސަރުކާރުން ވެސް ދެމެހެއްޓުމަށް ކަމަށް ބަޔާނުގައިވެ އެވެ. އަދި މަގު ބޭނުން ކުރާ މީހުންނަށް ހިޔާކަމާއި ފިނިކަމާއި އުފާ ގެނެސްދޭ ގޮތަށް މަގުތައް ހެދުމުގެ ވިސްނުން ގެންގުޅެން ޖެހޭ ކަމަށްވެސް ބަޔާނުގައިވެ އެވެ.

"ވިލިމާލެއަކީ މީހުން ދިރިއުޅުމަށް އެކަށީގެންވާ ރަށެއްގެ ގޮތުގައި ބޭއްވުމަށް އެ ރަށުގައި އުސްކޮށް އިމާރާތް ކުރުމުގެ ހުއްދަ ނުދިނުން ވެސް އެއީ މުހިއްމު ކަމެއް. އެ ފުރުސަތު ދީފިނަމަ ވިލިމާލޭ ތޮއްޖެހި ރައްކާތެރިކަން ގެއްލިގެން ދާނެ،" ބަޔާނުގައިވެ އެވެ.

މިއީ މާލެ ސަރަހައްދުގައި ގުދުރަތީ މާހައުލު މުއްސަނދިކޮށް އޮތް ހަމައެކަނި ރަށެވެ.

ވިލިމާލެ މަގު ހެދުމުގެ މަޝްރޫއުގެ ސާވޭ އަދި އީއައިއޭ ހެދުމުގެ މަސައްކަތް 1،7 މިލިއަން ރުފިޔާއަށް އާރްޑީސީއާ ހަވާލުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މިމަސައްކަތް ހަވާލުކުރީ 120 ދުވަސް ތެރޭގައި މަސައްކަތް ނިންމަންޖެހޭ ގޮތަށެވެ.