ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވީއައިއޭގެ ތަރައްގީގެ މަޝްރޫއު ބަދަލުކޮށްލައި މުޅި މަންޒަރު ބަދަލުކޮށްލަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަކީ އަހަރަކު 25 މިލިއަން މީހުންނަށް ހިދުމަތް ދެވޭ ފެންވަރުގެ ތަނަކަށް ހެދުމަށް ނިންމާ، ވީއައިއޭ ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްރޫއު ރަސްމީކޮށް ފަށައިފި އެވެ. މިއީ ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ބަދަލެއް ގެންނާނެ މަލްޓި ބިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މިމަޝްރޫއު ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

ވީއައިއޭގެ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ކުރިއަށް އޮތް 20 އަހަރަށް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސިނާއަތް ތަރައްގީކުރުމަށް މިސަރުކާރުން އެކުލަވާލަން ނިންމާފައިވާ މާސްޓާ ޕްލޭންގެ ދަށުންނެވެ.

ވީއައިއޭގެ ތިންވަނަ ފިޔަވަހީގެ މަޝްރޫއު ނިމުމުން އަހަރަކު 25 މިލިއަން މީހުންނަށް ހިދުމަތްދެވޭއިރު ގަޑިއަކު 4،000 މީހުންނަށް ހިދުމަތް ދެވޭނެ އެވެ. މި މަޝްރޫއުގެ ތެރެއިން ޑޮމެސްޓިކް ޓާމިނަލް 35،000 35000 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑުކޮށް ޑޮމެސްޓިކް ޓާމިނަލްގައި މިހާރު ގަޑިއަކު ހިދުމަތް ދެވޭ 300 މީހުންގެ އަދަދު 2،000 މީހުންނަށް އިތުރުކުރެވިގެންދާނެ އެވެ. ޕަސެންޖަރުންނަށް ހިދުމަތް ދިނުމަށް އަށް ގޭޓް ޑޮމެސްޓިކް އެއާޕޯޓުގައި ގާއިމުކުރުމަށްވެސް ހަމަޖެހިފައިވެ އެވެ.

މީގެއިތުރުން އަގުހެޔޮ ދަތުރުތައް ކޮށްދޭ ބަޖެޓް އެއާލައިންތަކުގައި ދަތުރުކުރާ ޕެސެންޖަރުންނަށާއި ޖެޓްތަކުގައި ދަތުރުކުރާ ޕަސެންޖަރުންނަށް ހާއްސަ ޓާމިނަލެއްވެސް މިމަޝްރޫއުގެ ތެރެއިން ހެދުމަށް ނިންމާފައިވެ އެވެ. ބަޖެޓް އެއާލައިންތަކަށް ހަދާ ޓާމިނަލްގައި ހަތަރު ގޭޓް ގާއިމުކޮށް ގަޑިއަކު 1000 ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ އެވެ.

އެމްއޭސީއެލް އިން ބުނީ މިމަޝްރޫއާ އެކު ވީއައިއޭ އަކީ ހަމައެކަނި ފަތުރުވެރިން ވަދެ ނިކުމެ ހަދަން އޮތް ދޮރާށީގެ ގޮތުގައި ދެކޭ ދެކުން ބަދަލުކޮށްލާނެ ކަމަށާއި އަދި މިއީ ރާއްޖޭގެ އިގްތިސާދު މުޅިން އެހެން މަރުހަލާތަކަކަށް ގެންދާނެ މަޝްރޫއަކަށް ވާނެ ކަމަށެވެ.

މިމަޝްރޫއު ނިމުމުން ވީއައިއޭގައި ތެޔޮ ރައްކާކުރުމުގެ ގާބިލްކަން 100 މިލިއަނަށް އިތުރުކުރެވޭނެ އެވެ. އަދި ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ މިންގަނޑުތަކަށް ފެތޭ ގޮތަށް ފްލައިޓްތަކަށް މެއިންޓަނަންސް ރިޕެއާ އަދި އޮވަހޯލް ކުރެވޭނެ ފެސިލިޓީއެއް ވީއައިއޭގައި ގާއިމުކުރާނެ އެވެ.

ވީއައިއޭ ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި ނިމުމުން ވީއައިއޭގައި އެއްފަހަރާ 73 އެއާކްރާފްޓަށް ޕާކް ކުރެވޭނެ އެވެ. މިހާރު ޕާކް ކުރެވެނީ 34 އެއާކްރާފްޓެވެ. ވީއައިއޭގައި މިހާރު ހަދާފައިވާ ކާގޯ ޓާމިނަލްގެ ބަދަލުގައި 25،000 އަކަމީޓަރުގެ ކާގޯ ޓާމިނަލެއް ހަދައި އެތަނުގެ ތްރޫޕުޓް ކެޕޭސިޓީ 300،000 މެޓްރިކް ޓަނަށް މިމަޝްރޫއުގެ ތެރެއިން އިތުރުކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި ފަސް ސީޕްލޭން އޮޕަރޭޓަރުންނަށް ހިދުމަތް ދެވޭ ގޮތަށް ތިން ވޯޓަ ރަންވޭ ހެދުމަށްވެސް ހަމަޖެހިފައިވެ އެވެ.

މީގެއިތުރުން ވީއައިއޭ ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހީގެ ދަށުން ސެލްފް ސާވިސް ކިއޮސްކް ތަކާއި، ޒަމާނީ ޗެކިން ފެސިލިޓީ ތަކާއި، ކެފޭ، ރެސްޓޮރަންޓް ހަދައި، ވީއައިއޭއަށް ދަތުރުކުރަން ފަސޭހަ ނިޒާމެއްވެސް ގާއިމުކުރުމަށް ހަމަޖެހިފައިވެ އެވެ. މީގެތެރޭގައި އާ ބްރިޖުތައް ހަދައި މޮނޮރެއިލް ތައާރަފްކުރުމަށްވެސް ހަމަޖެހިފައިވެ އެވެ.

ވީއައިއޭ ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގެ ބޮޑު ބައި މިހާރު ނިމިފައިވާއިރު މިއަހަރު މިފިޔަވަހި ނިމިގެންދާނެ ކަމަށް ސަރުކާރުން އުއްމީދުކުރެ އެވެ. އެމްއޭސީއެލް އިން ބުނީ ވީއައިއޭ ތަރައްގީކޮށް ނިމުމުން 1،000 އަށް ވުރެ ގިނަ އާ ވަޒީފާ ވެސް އެތަނުގައި އުފެދިގެންދާނެ ކަމަށެވެ.