މާލެ އާއި ޖެހިގެން އޮތް ކ. ފުނަދޫ ހުސްކުރުމަށްފަހު އެތަން ސްޕެޝަލް އިކޮނޮމިކް ޒޯނަކަށް ހަދައި އެރަށުގައި ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރެއް ހެދުމަށް ނިންމައިފި އެވެ.
ވީއައިއޭ ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްރޫއު ފެށުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ސަރުކާރުގެ ފަރާތުން މިކަން އިއުލާންކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ފުނަދޫ އަކީ ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނި -- އެސްޓީއޯ އިން ތެޔޮ ރައްކާކުރުމަށް މިވަގުތު ބޭނުންކުރާ ރަށެކެވެ.
ރައީސް ވިދާޅުވީ ފުނަދޫގައި ތެޔޮ ރައްކާކުރުން ނިމުމަކަށް ގެނެސް އެ މަސައްކަތް އެހެން ސަރަހައްދަކަށް ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިހާރުވެސް ފެށިގެން ކުރިއަށްދާ ކަމަށެވެ. އަދި ފުނަދޫގައި ހަދަންޖެހޭ ފައިނޭންޝަލް ސެންޓަރު ހެދުމަށް އުފައްދަންޖެހޭ ކުންފުންޏާ ގުޅޭގޮތުން އަންނަ އާދިއްތަ ދުވަހު ބާއްވާ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ގޮތްތަކެއް ނިންމަވާނެ ކަމުގައި ވިދާޅުވި އެވެ. މި ކުންފުންޏަކީ ރާއްޖޭގައި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ހެދުމަށް ކުރާ މަސައްކަތަށް ހާއްސަކޮށްގެން އުފައްދާ ކުންފުންޏެއް ކަމުގައިވެސް ވިދާޅުވި އެވެ.
"އިރާދަކުރެއްވިޔާ މި އަންނަ އާދީއްތަ ދުވަހު އޮންނަ ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާކޮށް ނިންމޭނެ ކަމަށް މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސާސް އޮތޯރިޓީގެ ނަމުގައި އާ އޮތޯރިޓީއެއް އެސްޓެބްލިޝް ކުރަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ފުނަދޫގައި ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރެއް ހަދާއިރު ފުނަދޫއާއި މާލެ އަދި ފުނަދޫއާއި ހުޅުލެ ބްރިޖަކުން ގުޅާލައި މި ސަރަހައްދުގައި މޮނޮރެއިލްގައި ދަތުރުކުރެވޭނެ ގޮތްތަކެއް ހަމަޖައްސާނެ ކަމަށެވެ.
މާލޭގެ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކޮށް ބައިނަލްއަގްވާމީ ފެންވަރުގެ ވިޔަފާރި ބަނދަރެއް ތިލަފުށީގައި ގާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ނިމިދިޔަ ސަރުކާރުގައި މިބަނދަރު ތަރައްގީކުރަން ނިންމާފައި އޮތީ ގުޅިފަޅު ގައެވެ.
ރައީސް ވިދާޅުވީ މާލެ ސަރަހައްދުގައި މިހާރު ހިއްކަމުންދާ ބިންތަކުން ގެދޮރު ދިނުމަށްފަހު ސަރުކާރުން ހަދަން ނިންމާފައިވާ މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯން ކޮމްޕެނީއަށް ބިން ދޭނެ ކަމަށެވެ. އެތަނުގައި ރާއްޖެއަށް ކޮންމެހެން ބޭނުންވާ އުފެއްދުންތައް އުފެއްދުމަށްފަހު ބައެއް ތަކެތި އެކްސްޕޯޓް ވެސް ކުރާނެ ކަމުގައި ވިދާޅުވި އެވެ. އަދި އެ ސަރަހައްދު ވެގެންދާނީ އެސްއީ ޒޯނަކަށް ކަމުގައި ވިދާޅުވި އެވެ.
އެސްއީޒެޑްގެ ގާނޫނެއް ފާސްކުރިތާ ނުވަ އަހަރުވީ ނަމަވެސް މިހާތަނަށް ރާއްޖޭގައި އެސްއީ ޒޯންތަކެއް ހަދާ އިއުލާންކޮށްފައެއް ނުވެ އެވެ. އެސްއީ ޒޯނަކީ އާންމު ވިޔާފަރި ސަރަހައްދުތަކާ ހިލާފަށް ބައެއް ހާއްސަ އިނާޔަތްތައް ހަމަޖެހިފައި ހުންނަ ތަންތަނެވެ.