އިލެކްޝަންސް ކޮމިޝަން

އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ޕާޓީ އުފައްދަން ހުށަހެޅޭ ގޮތް ހަދައިފި

ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އެކަކަށްވުރެ ގިނަ މީހުންނަށް އެދެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގަވާއިދު އިސްލާހުކޮށްފި އެވެ.

ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް އިލެކްޝަންސް ކޮމިޝަނުން ގެނައި އިސްލާހަށް މިއަދުން ފެށިގެން ވަނީ އަމަލުކުރަން ފަށާފަ އެވެ.

އަލަށް ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ މީގެ ކުރިން ދެނީ އެންމެ މީހަކަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ އަލަށް ސިޔާސީ ޕާޓީ އުފައްދާއިރު އެކަމުގެ ހުއްދަ އެންމެ މީހަކަށްދޭތީ އެކަން ފާހަގަކޮށް ކޮމިޝަނަށް ތަކުރާރުކޮށް ހުށަހަޅާފައިވާ ކަމަށެވެ.

އެކަކަށްވުރެ ގިނަ މީހުންނަށް ސިޔާސީ ޕާޓީ އުފައްދަން އެދެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފައިވާއިރު ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ މަސްއޫލުވެރިންގެ ގޮތުގައި އަށް ބޭފުޅުން ހިމެނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވި އެވެ.

ނަމަވެސް އޭރު ގަވާއިދުތައް ހުރި ގޮތުން ޕާޓީއެއް އުފެއްދުމަށް މަސްއޫލުވެރިޔަކަށް ހިމެނެނީ އެއް ބޭފުޅަކު ކަމަށްވާތީ ޕީއެންއެފް އުފެއްދުމުގެ ހުއްދައަށް އެދި ހުށަހެޅުއްވީ ރައީސް ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީންގެ މަސްއޫލުވެރިކަމުގަ އެވެ.