މިނިސްޓްރީ އޮފް އެޑިއުކޭޝަން

މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން މެއި މަހު ފަށަނީ

މިއަހަރު ދިރާސީ އާ އަހަރުގެ ކިޔެވުން މެއި މަހުގެ 26 ވަނަ ދުވަހު ފަށާ ގޮތަށް އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ދިރާސީ އަހަރުގެ ކަލަންޑަރަށް ބަދަލުތަކެއް ގެނެސް ނެރުނު އާ ކަލަންޑަރުގައިވާ ގޮތުން މިހާރު ހިނގަމުން މިދާ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ނިމޭނީ އޭޕްރީލް 30 ވަނަ ދުވަހު އެވެ. ކުރިން ދެވަނަ ޓާމުގެ ކިޔެވުން ނިންމާ ގޮތަށް އޮތީ ޖޫން 31 ވަނަ ދުވަހު އެވެ.

ދިރާސީ އަހަރުގެ ކަލަންޑަރަށް ބަދަލު ގެނެސްފައި މިވަނީ 2026 ވަނަ އަހަރުން ފެށިގެން ދިރާސީ އަހަރުގެ ކިޔެވުން ކުރިން އޮތް ގޮތަށް ޖެނުއަރީގައި ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމާފައިވާތީ އެކަމަށް ތައްޔާރުވުމުގެ ގޮތުންނެވެ.

ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީގައި ފަށާ ގޮތަށް ހަމަޖެއްސުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ދިރާސީ އަހަރުގެ ކިޔެވުން މިހާރު މިއޮތް ގޮތަށް އޮގަސްޓްގައި ފަށާ ގޮތަށް ހަމަޖެއްސީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި 2021 ވަނަ އަހަރު އެވެ.