ތައުލީމު

ޗުއްޓީއަށް ފަހު ދެވަނަ ޓާމްގެ ކިޔެވުން ފަށައިފި

ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުމުގެ ޗުއްޓީ ނިމި، ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފަށައިފި އެވެ.

ސްކޫލުތަކުގެ ކިޔެވުން މިއަދު ފެށީ ސަރުކާރުން ކުރިން އިއުލާންކުރި ގޮތަށް ގައުމީ ސަލާމުންނެވެ. ސްކޫލުތަކުގެ ދެ ދަންފަޅީގެ ކިޔެވުންވެސް ގައުމީ ސަލާމުން ފެށުމަކީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުމެކެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ކުރިން ބުނި ގޮތުގައި ހިނގަމުންދާ ދިރާސީ އަހަރުގެ ކިޔެވުން ފެށީ 84،000 ދަރިވަރުންނާ އެކު އެވެ. އެގޮތުން ސަރުކާރުގެ 216 ސްކޫލެއްގައި 73،000 އެއްހާ ދަރިވަރުން ތައުލީމު ހާސިލުކުރެވެ. މީގެތެރެއިން 25،000 އަށް ވުރެ ގިނަ ދަރިވަރުންނަކީ މާލެ ސަރަހައްދުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނެވެ.

އެއް ދަންފަޅިއަށް ސްކޫލުތަކުގައި ކިޔަވައިދިނުމުގެ ސިޔާސަތުގެ ދަށުން ދިރާސީ އަހަރާ އެކު 156 ސްކޫލެއްގައި އެގޮތައް ކިޔަވައިދޭން ފަށާފައިވެ އެވެ. އަދި ސެޓްލައިޓް ސްކޫލް ނިޒާމަށް ހަ ސްކޫލެއްގައި ކިޔަވައިދެމުންވެސް އެބަދެ އެވެ.

ހިނގަމުންދާ ދިރާސީ އަހަރުގެ ކިޔެވުން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ހަވަނަ ދުވަހު އެވެ.

ރައީސް މުއިއްޒު ވަނީ 2025 ވަނަ އަހަރުން ފެށިގެން ކުރިން އޮތް ގޮތަށް ޖެނުއަރީ މަހުގެ ތެރޭގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާ ގޮތަށްވެސް ނިންމަވާފަ އެވެ.