ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

ފޫޖިއާން ޕްރޮވިންސްގެ އިސްވެރިންނާ ރައީސް ބައްދަލުކުރައްވައިފި

ޗައިނާގެ ފޫޖިއާން ޕްރޮވިންސްގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފި އެވެ.

ރައީސް މުއިއްޒު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުުރުފުޅުގައި މިއަދު ވަނީ ސެކްރެޓަރީ އޮފް ދަ ސީޕީސީ ފޫޖިއާން ޕްރޮވިންޝަލް ޕާޓީ ކޮމިޓީ އަދި ޗެއާމަން އޮފް ދަ ސްޓޭންޑިން ކޮމިޓީ އޮފް ފޫޖިއާން ޕްރޮވިންޝަލް ޕީޕަލްސް ކޮންގްރެސް ޗޯ ޒު އީ އާއި، ޑެޕިއުޓީ ސެކްރެޓަރީ އޮފް ދަ ސީޕީސީ ފޫޖިއާން ޕްރޮވިންޝަލް ޕާޓީ ކޮމިޓީ އަދި ފޫޖިއާން ޕްރޮވިންސްގެ ގަވަރުނަރު ޖާއޮ ލޮންއާ ބައްދަލުކުރައްވާފަ އެވެ.

މިބައްދަލުކުރެއްވުމުގައި ސަގާފީ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ސެކްރެޓަރީ ރައީސް މުއިއްޒާއި ފޫޖިއާންގެ އިސް ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

މީގެއިތުރުން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އިންވެސްޓް މޯލްޑިވްސް ފޯރަމަށްފަހު ދިވެހިރާއްޖެއާއެކު އިންވެސްޓްމަންޓްގެ ދާއިރާއިން މިހާރަށްވުރެ އިތުރަށް ގުޅުން ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ފޫޖިއާންގެ އިސްވެރިން ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގާތް ގުޅުން ފާހަގަކުރައްވައި އެ ގައުމާއެކު ތަފާތު ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިވެގެން ދިއުމަށް އއުއްމީދު ކުރައްވާ ކަމުގައި ވިދާޅުވި އެވެ. އަދި ފުރަމާނަ ދަތުރުފުޅެއްގައި އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންނެވި ގައުމަކަށް ޗައިނާ ވެގެންދިއުމަކީ ރާއްޖެއާއި އެ ގައުމާ ދެމެދު އޮންނަ ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއާއި ޗައިނާއާ ދެމެދު އިތުރަށް ގުޅުން ބަދަހިވެ އެ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ދެ ގައުމުގެ އިސްވެރިންވެސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.