ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

އެއާޕޯޓް މަޝްރޫއުގެ މަސައްކަތަށް ޗައިނާގެ އެހީއަށް އެދިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަކީ އަހަރަކު 25 މިލިއަން މީހުންނަށް ހިދުމަތް ދެވޭ ފެންވަރުގެ ތަނަކަށް ހެދުމަށްޓަކައި މިހާރު ފަށާފައިވާ ވީއައިއޭ ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްރޫއަށް ޗައިނާގެ އިންވެސްޓަރުންގެ އެހީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.

ޗައިނާގެ ފުޖިއަން ޕްރޮވިންސްގައި ކުރިއަށްދާ ރާއްޖޭގެ ބިޒްނަސް ފޯރަމްގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ މައި އެއާޕޯޓް -- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތަކީ ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއް މަޝްރޫއު ކަމަށެވެ.

"ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ އޮނިގަނޑުގެ ދަށުން މި މަޝްރޫއުތައް ހޯދުމާއި، ޕާޓްނާޝިޕްތައް ނެގުމަށް ސަރުކާރުން ވަރަށް ބޮޑަށް ޝައުގުވެރިވޭ،" ރައީސް ވިދާޅުވި އެވެ.

ވީއައިއޭގެ ތަރައްގީގެ ކުރިއަށް ހުރި މަސައްކަތްތަކަށް ޗައިނާގެ އެހީ ލިބޭތޯ ދިވެހި ސަރުކާރުން މަސައްކަތް ކުރަމުންދާއިރު ވީއައިއޭގައި މިހާރު ބޭނުންކުރާ އާ ރަންވޭ އަކީވެސް ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕުން ހަދާފައިވާ ރަންވޭ އެކެވެ.

އެއާޕޯޓް މަޝްރޫއުގެ މަސައްކަތަށް ޗައިނާގެ އެހީއަށް ރައީސް އެދިވަޑައިގެންފައިވާއިރު ވީއައިއޭ ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްރޫއު ރައީސް ފައްޓަވައިދެއްވީ މިމަހުގެ ހަތަރުވަނަ ދުވަހު އެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ކުރިއަށް އޮތް 20 އަހަރަށް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސިނާއަތް ތަރައްގީކުރުމަށް މިސަރުކާރުން އެކުލަވާލަން ނިންމާފައިވާ މާސްޓާ ޕްލޭންގެ ދަށުންނެވެ.

ވީއައިއޭގެ ތިންވަނަ ފިޔަވަހީގެ މަޝްރޫއު ނިމުމުން އަހަރަކު 25 މިލިއަން މީހުންނަށް ހިދުމަތްދެވޭއިރު މަޝްރޫއު ނިމުމުން ގަޑިއަކު 4،000 މީހުންނަށް ހިދުމަތް ދެވޭނެ އެވެ. މި މަޝްރޫއުގެ ތެރެއިން ޑޮމެސްޓިކް ޓާމިނަލް 35،000 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑުކޮށް ޑޮމެސްޓިކް ޓާމިނަލްގައި މިހާރު ގަޑިއަކު ހިދުމަތް ދެވޭ 300 މީހުންގެ އަދަދު 2،000 މީހުންނަށް އިތުރުކުރެވިގެންދާނެ އެވެ. ޕަސެންޖަރުންނަށް ހިދުމަތް ދިނުމަށް އަށް ގޭޓް ޑޮމެސްޓިކް އެއާޕޯޓުގައި ގާއިމުކުރުމަށްވެސް ހަމަޖެހިފައިވެ އެވެ.

ވީއައިއޭ ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި ނިމުމުން ވީއައިއޭގައި އެއްފަހަރާ 73 އެއާކްރާފްޓަށް ޕާކް ކުރެވޭނެ އެވެ. މިހާރު ޕާކް ކުރެވެނީ 34 އެއާކްރާފްޓެވެ. ވީއައިއޭގައި މިހާރު ހަދާފައިވާ ކާގޯ ޓާމިނަލްގެ ބަދަލުގައި 25،000 އަކަމީޓަރުގެ ކާގޯ ޓާމިނަލެއް ހަދައި އެތަނުގެ ތްރޫޕުޓް ކެޕޭސިޓީ 300،000 މެޓްރިކް ޓަނަށް މިމަޝްރޫއުގެ ތެރެއިން އިތުރުކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި ފަސް ސީޕްލޭން އޮޕަރޭޓަރުންނަށް ހިދުމަތް ދެވޭ ގޮތަށް ތިން ވޯޓަ ރަންވޭ ހެދުމަށްވެސް ހަމަޖެހިފައިވެ އެވެ.

މީގެއިތުރުން ވީއައިއޭ ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގެ ބޮޑު ބައި މިހާރު ނިމިފައިވާއިރު މިއަހަރު މިފިޔަވަހި ނިމިގެންދާނެ ކަމަށް ސަރުކާރުން އުއްމީދުކުރެއެވެ. އެމްއޭސީއެލް އިން މީގެ ކުރިން ބުނީ ވީއައިއޭ ތަރައްގީކޮށް ނިމުމުން 1،000 އަށް ވުރެ ގިނަ އާ ވަޒީފާ ވެސް އެތަނުގައި އުފެދިގެންދާނެ ކަމަށެވެ.