އިލެކްޝަންސް ކޮމިޝަން

މަޖިލިސް އިންތިހާބު މާޗް 17ގައި

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މާޗް 17 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

މަޖިލިސް އިންތިހާބު ބާއްވާ ތާރީހު އިއުލާނުކޮށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި މަޖިލިސް އިންތިހާބު ރޯދަ މަހާ ދިމާވާތީ ރޯދަ މަހުގެ ފަހުގެ ތާރީހެއްގައި އިންތިހާބު ބޭއްވުމަށް އިދާރީ ބޮޑެތި ހުރަސްތަކެއް ހުރިކަން ފާހަގަކޮށްފަ އެވެ.

އެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން އިސްލާހުކޮށް އާންމުކޮށްފައިވާ ދިރާސީ ކަލަންޑަރުގައި އީދު ބަންދަށްފަހު ފެށޭ ހަފުތާއަކީ ސްކޫލުތަކުގެ އިމްތިހާނު ދުވަސްވަރަށްވާތީ ސްކޫލުތައް ލިބުން ދަތިވެ ވޯޓުލާ މަރުކަޒުތައް ގާއިމުކުރުމަށްޓަކައި އެކަށީގެންވާ ތަންތަން ނުލިބިދާނެކަން ފާހަގަކޮށްފައިވެ އެވެ.

ރޯދަ މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާތީ ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިތަކެއް ދިމާވެދާނެތީ އިންތިހާބު މާޗް 17 ވަނަ ދުވަހު ބޭއްވުމަށް ނިންމީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މި ނިންމުމާއެކު މަޖިލިސް އިންތިހާބު އޮންނާނީ ރޯދަ މަހު އެވެ. ކަލަންޑަރުގައިވާ ގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާޗް 11 އެވެ.