ހަބަރު

ކައްދޫއަށް ހޮނުއެޅި ވަގުތު، "ޝޮކެއް" ޖެހުނު މީހަކަށް އައީސީޔޫގައި ފަރުވާދެނީ

ލ. ކައްދޫއަށް މިއަދު ހެނދުނު މޫސުން ގޯސްވެ، ވަރަށް ބާރަށް ގުގުރާ ހޮނުއެޅި ވަގުތު، މަސްބާނަށް ހުރި މީހަކަށް ލިބުނު ކުއްލި ޝޮކެއްގައި އޭނާ ހޭނެތި އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

ގަމުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ހޮނު އެޅި ވަގުތު ތިން މީހަކު ތިބީ އެ ރަށުގެ ޖެޓީމަތީ މަސްބާނަން ކަމަށެވެ. އަދި ހޭނެތުނީ އެތަނުން އެކަކު ކަމަށް ވެސް އޭނާ ބުންޏެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލް ހިންގުމާ ހަވާލުވެ ހުންނެވި އަބްދުލް ހަންނާން، "އަވަސް" އާ ވާހަކަ ދައްކަމުން ވިދާޅުވީ ހޮނު އަޅައިގެން ހޭނެތުނު ކަމަށް ބުނާ މީހަކަށް ފަރުވާ ދޭން ފެށީ މިއަދު މެންދުރު 11:00 އެހާކަން ހާއިރު ކަމަށެވެ. ޑޮކްޓަރުންނާ ހަވާލާދީ އޭނާ ވިދާޅުވީ އެ މީހާގެ ގަޔަށް ހޮނުއަޅާފައި ހުރި ކަމުގެ އަސަރެއް އެއްވަސް ވަރަކަށް ފެންނަން ނެތް ކަމަށެވެ. އަދި އެ މީހާ ހޭނެތުނު ކަމަށް ބެލެވެނީ ބާރު ގުގުރިއަކާ އެކު ހޮނު އެޅި ވަގުތު އޭނާއަށް ލިބުނު، "ޝޮކެއް"ގެ ސަބަބުން ކަމަށް ވެސް ހަންނާން ވިދާޅުވި އެވެ. އޭނާ ވަނީ ހޭ އަރައިފަ އެވެ.

"ރިޕޯޓުތަކަށް ބަލާ އިރު ފިހިފަ ހުރި ކަމުގެ އަސަރެއް ނެތް. ހަމަ އެކަނި ޝޮކެއް ލިބުނީ. މިހާރު އޭނަގެ ހާލު ރަނގަޅު ވަމުން އަންނަނީ. އެކަމަކު ޑޮކްޓަރު ބުނީ އަދި އައިސީޔޫގައި ބާއްވާލަން،" ހަންނާން ވިދާޅުވި އެވެ.

މީޓިއޮރޮލޮޖިކަލް ސެންޓަރުން މައުލޫމާތު ދޭގޮތުގައި މިއަދު ދެކުނުގެ ބައެއް ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެއެވެ.