އެމްއެމްއޭ

މިދިޔަ އަހަރު ނިމުނުއިރު ޔޫޒަބަލް ރިޒާވް ހުރީ 140 މިލިއަން ޑޮލަރުގައި

މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ރިޒާވްގައި ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 140 މިލިއަން ޑޮލަރު ކަމަށް މަރުކަޒީ ބޭންކް -- އެމްއެމްއޭ އިން ހާމަކޮށްފި އެވެ.

މިދިޔަ އަހަރު ފެށިއިރު ދައުލަތުގެ ރިޒާވްގައި ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 254 މިލިއަން ޑޮލަރެވެ. އެކަމަކު މިދިޔަ އަހަރު ފެށިއިރު ރަސްމީ ރިޒާވްގެ ގޮތުގައި 790 މިލިއަން ޑޮަލަރު ހުއްޓެވެ. ނަމަވެސް އަހަރު ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 588.1 މިލިއަން ޑޮލަރެވެ.

ފިނޭންސް މިނިސްޓްރީ އާއި އެމްއެމްއޭ އިން މައުލޫމާތުދޭ ގޮތުގައި ދައުލަތުގެ ރިޒާވް ދަށްވާ މައިގަނޑު ސަބަބަކީ ތެލާއި ބޭހަށް ކުރާ ހަރަދު ކުރިއާ އަޅާބަލާއިރު މާބޮޑަށްވެސް މައްޗަށް ދިއުމެވެ.

ޔޫޒަބަލް ރިޒާވްގައި ތާށި ކަމެއް އުޅޭތީ އެމްއެމްއޭ އިން އާންމުކޮށް ޑޮލަރު ވިއްކަނީ ރާއްޖޭގައި ހިންގާ ބޭންކްތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ތެލާއި ކާޑާއި ބޭސް ގަތުމަށެވެ.

ރާއްޖޭގެ ރިޒާވް މަތިކުރުމަށްޓަކައި ހަރަދުކުޑަކުރުމަށާއި އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދުމަށް ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.