(9 ޖަނަވަރީ 2024 އާ ގުޅޭ )
ހަރުވާޅުގެ ދެ އަރިމަތީ ޖީބަށް ދެ އަތްތިލަ ކޮށްޕާލައިގެން ހުރެ މިޔާއަށް އިޒީކިއަލް ބަލަން ފެށީ ފަރުވާތެރިކަމާއެކު އެވެ. އޭރު ލޯ މަރައިގެން އެހަނަސް ހޭލާ އޮތް މިޔާއަށް އެ ބެލުމުގެ ހޫނުކަން އިޙްސާސް ކުރެވޭ ކަހަލަ އެވެ. ހަށިގަނޑުގެ އެކި ދިމާއިން އިޒީކިއަލްގެ ނަޒަރު ދަތުރުކުރާ ވަރަކަށް ހަމުގައި ޒާތެއްގެ ހިރުވުމެއް އުފެދެމުން ދިޔަ ކަހަލަ އެވެ. ފުދޭވަރަކަށް ގިނައިރު ވަންދެން އިޒީކިއަލް އެގޮތަށް ބަލަން ހުއްޓެވެ. ހޭލާ އޮތްކަން އިޒީކިއަލްއަށް ޝައްކުވާން ވެސް ނޭދޭތީ މިޔާއަށް ލޯ ހުޅުވާލާކަށް ނުކެރުނެވެ. އޭނާގެ ނޭވާ ތާށިވީ ރަޖާމަތީ އޮތް އޭނާގެ ވައަތްތިލައި އިޒީކިއަލް ހިފާލުމުންނެވެ. އެސްފިޔަތައް ދުރުކޮށްލެވުނު ހިނދު ފެނުނީ އޭނާގެ ގާތަށް އިޒީކިއަލް ގުދުވެލި ތަނެވެ. މެޔަށް ފިނިވެލައި ހިތުގެ ހިނގުން މަޑުޖެހިލި ހިނދު މިޔާއަށް ހިންދިރުވާލެވުނެވެ. އިޒީކިއަލް ކުރަން އުޅޭ ކަމަކާމެދު ނަފްސުވީ ޖެހިލުންވެފަ އެވެ. ވަސްވާހީ ޚިޔާލުތައް ސިކުނޑިއަށް ވަގުތުން ބޮނޑިވެގަތެވެ. އެހެންވިޔަސް ލޯ މަރާލި ގޮތަށް ހުޅުވާލާކަށް ނުކެރުނެވެ. އިޒީކިއަލްގެ އަތްތިލައިގައިވާ ފިނިކަން މިޔާގެ ވައަތްތިލައަށް އިޙްސާސް ވޭވޭ ހުއްޓެވެ. އިޒީކިއަލް އޭނާގެ އަތް މަޑުމަޑުން އުފުލާލުމާއެކު މިޔާގެ ގައިމަތީ އޮތް ރަޖާ ހިއްލާލީ އެވެ. އަދި މިޔާގެ ބަނޑުމަތީވާހެން އަތް ބާއްވާލަދީފައި ރަޖާގަނޑުން އެ ހަށިގަނޑު ބޮޑަށް ފޮރުވާލަ ދިނީ އެވެ.
"ޔޫ އާ ޓޫ ވެލިއުބަލް." ވައި އަޑުން ނިކަން ސިއްރުން އިޒީކިއަލްއަށް ބުނެލެވުނެވެ. މިޔާއަށް ކަމެއްވާން އޭނާ ނޭދޭ ފަދަ އެވެ. ޔަޤީނުން ވެސް އޭނާއަށް މިޔާ ޚާއްޞަ އެވެ.
މަޑުމަޑުން އިޒީކިއަލް ގޮސް ކޮޓަރިން ނުކުތުމާއެކު މިޔާ ވަގުތުން ލޯ ހުޅުވާލި އެވެ. ދެ އަތުގެ މައްޗަށް އޭނާ ހަށިގަނޑު އުފުލާލައި ދޮރާ ދިމާއަށް ބެލި އެވެ. އިޒީކިއަލް ދިޔައީކަން ޔަގީން ކުރީ ކަހަލަ އެވެ. ކުއްލިއަކަށް އަތުން ވާގި ދޫކޮށްލައި ތަންމައްޗަށް ހަށިގަނޑު ވައްޓާލި އިރު މިޔާގެ ތުންފަތުގައިވީ ފުޅާ ހިނިތުންވުމެކެވެ.
"ޔޫ އާ ޓޫ ވެލިއުބަލް." އަޑު އިވުނު ލަފުޒުތައް ހަމަ އެފަދައިން މިޔާ ތަކުރާރުކޮށްލި އެވެ. ދެން މޫނުގައި ދެ އަތް އަޅައި އުފަލުން ހޭންފެށި އެވެ. އިޒީކިއަލްއަށް އޭނާ މުހިންމުވެފައިވާ ވަރު އެ ލަފުޒުތަކުން މިޔާއަށް ދޭހަވީ ފަދަ އެވެ.
"އައި ލައިކް ހިމް. މިހާ އަވަހަށް މީހަކު ދެކެ ލައިކް ވެވިދާނެތަ؟. އިޒީކިއަލްއާއެކު ވަގުތު ދާގޮތް ވެސް ނޭނގޭ. އެކްސިޑެންޓަކުން ދެ މީހުން ބައްދަލުވީއިރު... މީ ޑެސްޓިނީތަ؟. މިހާރު އަބަދު ހިތް ބުނަނީ އިޒީކިއަލްއަކީ އަހަރެންގެ މުސްތަޤްބަލޭ. އަހަރެންގެ ދިރިއުޅުން ބަދަލުކޮށްލަދޭނެ މީހަކީ އޭނާއޭ... މިހާ ވަރުގަދަ އިޙްސާސެއް ހިތުގައި ކުރިޔަކުން ނުވޭ. ލުހާމްދެކެ ލޯބިން މިހާ ދުވަހު އުޅުނުއިރު ވެސް މިހާރު މިކުރެވޭ ފަދަ އިޙްސާސެއް ނުކުރެވޭ. އިޒީކިއަލް ވަރަށް ތަފާތު." ހިނިއައިސްފައި މިޔާއަށް އޮވެވުނީ އިޒީކިއަލްގެ ޚިޔާލަށް ގެއްލިފަ އެވެ. އޭނާގެ ވައަތްތިލަ ހިއްލާލައި ނޭފަތާ ކައިރިކޮށްލި އެވެ. އިޒީކިއަލް އެ އަތުގައި ހިފާލި ހިސާބުން އޭނާ ބޭނުންކުރާ "ކޮލޯން"ގެ ވަސް މިޔާއަށް ދުވި އެވެ. ނަފްސަށް އަރާމު ލިބިގެންދިޔަ ފަދައިން މިޔާއަށް ދެ ލޯ މަރާލެވުނެވެ. އޭނާއަށް އިޒީކިއަލްދެކެ ލޯބިވެވެނީކަން އެނގެ އެވެ. ނަމަވެސް ހުރިހާކަމެއް ވަމުން މިދަނީ ޤަބޫލުކުރާން ދަތިވާހާ އަވަހަށްކަން ވެސް އެނގެ އެވެ. ހިތުގެ އިޙްސާސްތަކަށް ލޯބީގެ ނަންދޭން އަވަހީ އެހެންވެ އެވެ.
* * * * *
ހެނދުނުގެ ނާސްތާގައި މިޔާއާއެކު އިޒީކިއަލް ބައިވެރިވި އެވެ. ނަމަވެސް ހެނދުނުގެ ކާމޭޒުދޮށުން ފެނިލުމަށްފަހު އިޒީކިއަލް ގެއްލުނީ އެވެ. މުޅި ދުވަސް ނިމުމަކަށް އައިސް އިރުއޮއްސުނު އިރު ވެސް ގޭތެރެއަކުން އިޒީކިއަލްއެއް ނުފެނުނެވެ. ދިޔައީ ކޮންތާކަށްކަމެއް މިޔާއަށް ނޭނގެ އެވެ. ހިލްމީ ކައިރިން އޮޅުންފިލުވާލަން ހިތަށް އަރާފައި ވެސް ބޭކާރު ކަމަކަށް ވެދާނޭތީ މިޔާ އަޅާނުލީ އެވެ.
އިރުއޮއްސެންވީއިރު ގޯތިތެރޭގައި އުނދޯލިގެއާ ދިމާގައި އޮތް ހުސްތަނުގައި މޭޒެއް ބަހައްޓައި ފޮތިދަމައިފައި ހުއްޓެވެ. ހަ މީހުންނަށް އިށީނދެވޭނޭހެން މޭޒުގެ ދެ ފަރާތުންކުރެ ކޮންމެ ފަރާތެއްގައި ތިން ގޮނޑި ހުއްޓެވެ. މައިގޭގެ ފާރުކައިރީ ބަހައްޓާފައި ހުރި ދިގު މޭޒުމައްޗަށް ތަށިތައް ނެރެން ނަފީޒާ އުޅެ އެވެ. ބޮޑު ޙަފުލާއެކޭ ބުނާވަރު ނުވިޔަސް ޚާއްޞަ ކަމަކަށް ތައްޔާރުވާކަމުގެ ލިސާންތައް މިޔާއަށް ފެންނަން ފަށައިފި އެވެ.
"މީތަ އަހަރެންގެ ވެޑިން އޮންނާނެ ގޮތަކީ... ޢާއިލާ މީހެއް ގާތް ރައްޓެއްސެއް ވެސް ނެތި... އަހަރެން މެރީ ކުރާކަން އެނގޭ މީހަކުނެތް. ބުނާނެ މީހަކު ވެސް ނެތް... އަހަރެންގެ މީހަކުނެތަސް އިޒީކިއަލްގެ މީހުން ތިބޭނެއެއްނު. އޭނާ ފަދަ މީހެއްގެ ރައްޓެހިން ނުތިބެ ހިނގައިދާނެތަ؟. މާލޭގައި ނޫޅެ ކީއްވެ މިތާ ދިރިއުޅޭން އިޒީކިއަލް އެ ވިސްނަނީ؟."
އެނގެން ބޭނުންވާ އެހެނަސް ނޭނގޭ ސުވާލުތައް މިޔާގެ ބައިވަރެވެ. އިޒީކިއަލް މާގިނަ ވާހަކަތަކެއް ނުދައްކާތީ އެވެ. މިޔާއަށް ވާހަކަދައްކަން ލިބުނު މަދު ފުރުޞަތުގައި ވެސް އިޒީކިއަލްގެ ޖާދޫގައި ޖެހި ދޫބަންދުވެފައި އިނދެވުނީ އެވެ.
"ތައްޔާރުވާން ދާންވީނު. ވަގުތެއް ނެތެއްނު." އުނދޯލީގައި އިން މިޔާއަށް ހިލްމީގެ އަޑު އިވުނެވެ. އެއާއެކު ޚިޔާލުތަކާއި ދުރުވެލަމުން ހިލްމީއަށް ބަލާލި އެވެ.
"މީހެއްގެ އެހީތެރިކަމެއް މިޔާ ބޭނުންވާނެތަ؟." ހިލްމީ އަހާލި އެވެ.
"ހުރިހާކަމެއް އަމިއްލައަށް ކޮށްލެވޭނެ." އުނދޯލިން ފައިބައި މިޔާ ބުންޏެވެ.
ކޮޓަރިއަށް އައިސް މިޔާ ފާޚާނާއަށް ވަނީ ފެންވަރާލައިގެން ނުކުންނާށެވެ. އާ ކައިވެނީގެ ރެއަކީ ފިރިމީހާއަށް ޓަކައި ތައްޔާރީތަކެއް ވާންޖެހޭ ރެއެއްކަން މިޔާއަށް އެނގެ އެވެ. އާންމުކޮށް ފާޚާނާގައިވާ އިރަށްވުރެ ތަންކޮޅެއް ގިނައިރު ހޭދަވެގެން ދިޔައީ އެހެންވެ އެވެ. ފެންވަރާ ބައިން ނުކުމެގެން އައިސް ބޮޑު ލޯގަނޑު ކުރިމަތީ މިޔާ ހުއްޓިލި އެވެ. ތުވާލިން ހަށިގަނޑުގައިވާ ފެންތައް ހިއްކަމުން އޭނާ އަމިއްލަ ހަށިގަނޑަށް ބަލަމުން ދިޔަ އެވެ. މިހާތަނަށް ފިރިހެނަކު ބީހިފައިނުވާ އެ ހަށިގަނޑުގެ މައުސޫމްކަން ގެއްލިދާނޭކަން އޭނާއަށް އެނގެ އެވެ. އިޒީކިއަލްގެ ޢަމަލުތައް ހުންނާނޭ ގޮތް ތަސައްވުރުކޮށްލަން ވެސް މިޔާއަށް ނޭނގެ އެވެ. އޭނާ ވާނީ ކޮންކަހަލަ ފިރިއަކަށްކަމެއް ދެނެގަންނާން އަވަހީ އެވެ. ކުރެވެން އުޅޭ ކައިވެންޏަކީ ދެ މީހުން ރައްޓެހިގެން ދުވަސްތަކެއްގައި އެކުގައި އުޅެފައި ކުރާން އުޅޭ ކައިވެންޏެއް ނޫނެވެ. ދެ މީހުންނަކީ އަދިވެސް ދެ ބީރައްޓެހިން ފަދަ އެވެ. ރަނގަޅަށް އެކަކުއަނެކަކު ނޭނގެ އެވެ. އެހެންވިޔަސް މީހެއްގެ އެހީތެރިކަމަށް ބޭނުންވެފައި ހުރި ވަގުތެއްގައި އިޒީކިއަލް ހުޅުވާލި ފުރުޞަތު މިޔާއަށް ވެސް ކަމުދިޔައީ އެވެ.
ރީތިވާ މޭޒުކައިރީ އިނދެ އާދައިގެ ލުއި މޭކަޕެއް މިޔާ ކުރި އެވެ. މޭކަޕްގެ ހުނަރަކީ އެކަމަށް އެހެން މީހަކަށް ބޭނުންނުވާ ވަރަށް މިޔާ ދަސްކޮށްފައިވާ ކަމެކެވެ. އޭނާގެ ފަން އިސްތަށިގަނޑު ކުޑަކޮށް އޮޅިފައި ހުންނާނޭހެން ސްޓައިލްކުރި އެވެ. އެއަށްފަހު "ވޯކިން ވޯޑްރޯބް" ތެރެއަށް ވަދެގެން އައިސް ވަކިން އެއްފަރާތެއްގައި އަޅުވާފައިވާ ހެދުމުގެ ކުރިމަތީ އޭނާ ހުއްޓިލި އެވެ. ކަވަރުގެ ތެރެއިން ހެދުން ނަގައި ބަލާލުމަށްފަހު "ސްޓީމް އަޔަން" އިން ހެދުމުގައި ހުރި ބައެއް ރޫތައް ފިލުވަން ފެށި އެވެ. އެކަން ކޮށްލުމަށްފަހު ހަށިގަނޑުގައި އޮޅާލެވިފައިވާ ތުވާލި ނައްޓާލި އެވެ. ދެން އޭނާ ހުޅުވާލި ވަތްގަނޑުން ނެގީ ކަޅުކުލައިގެ "ލޯންޖަރީ" ސެޓެކެވެ. މުޅީން ލޭސްފޮތީގައި ހުރުމުން ހަށިގަނޑު ނިވާވިކަމުގެ އިޙްސާސެއް މިޔާއަށް ނުކުރެވުނެވެ. އެހެންނަމަވެސް އެ ވަތްގަނޑުގައި ހުރީ އެފަދަ ސެޓުތަކެވެ. އިޒީކިއަލްއަށް ކަމުދަނީކަމުގައި ވެދާނެ އެވެ. ޔަގީނުން ވެސް އެތަނުގައި ހުރި އެއްވެސް އެއްޗަކީ މިޔާގެ ޚިޔާލަށް ހޯދާފައިވާ އެއްޗިއްސެއް ނޫނެވެ.
"އައި މިސް ޔޫ ބައްޕާ." އިސްކޮޅު ފެންނަހާ ދިގު ލޯގަނޑު ކުރިމަތީ މަޑުކޮށްލައިގެން އަމިއްލަ ސޫރައަށް ބަލަން ހުރި މިޔާއަށް ބުނެލެވުނެވެ. އޭނާ އެ ހުރީ ތައްޔާރުވެވޭނޭ އެންމެ ފުރިހަމައަށް ތައްޔާރު ވެގެންނެވެ. އިޒީކިއަލްގެ އަނތްބަކަށް މިރޭ އޭނާ ވާނެ އެވެ. ހަޔާތުގައި އަންނާނެ ނުހަނު ޚާއްޞަ ވަގުތުކޮޅެކެވެ. މިޔާ އެންމެ ހިތުގައި ޖެހެނީ މަންމައާއި ބައްޕަ ގާތުގައި ނެތީމަ އެވެ. އޭނާގެ ހިތާމަތަކާއި އުފާވެރިކަން ދުށުމަށް އެމީހުން ގާތުގައި ތިބިނަމައޭ ހިތަށް އަރަނީ އެވެ.
ކޮޓަރިއަށް މީހަކު ވަންކަމުގެ ހިލަންވެގެން މިޔާ ރީތިވާ ކޮޓަރިތެރޭން ނުކުތެވެ. އޭނާއާއި އިޒީކިއަލްގެ ނަޒަރު ބައްދަލުވެލީ އެހިނދު އެވެ. ފަރުވާތެރި ބެލުމަކުން މިޔާއަށް އިޒީކިއަލް ބަލާލި އެވެ. ލުއި ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިކޮށްލި އެވެ.
"އަހަރެން ރެޑީވެލައިގެން މި ނިކުންނަނީ. މިޔާ މަޑުކޮށްލަންވީނު. ދެ މީހުން އެއްކޮށް ތިރިއަށް ދާނީ." އިޒީކިއަލް ބުނެލި އެވެ. އެއްބަސްވުމުގެ ގޮތުން މިޔާ ބޯޖަހާލީ އެވެ.
މަޑު ހިނގުމެއް މިޔާ ނުކުތީ ބެލްކަންޏަށެވެ. ދުވާލުގެ ހުރިހާ ވަގުތަކު އިޒީކިއަލް އުޅުނީ ކޮންތާކުތޯ އަހަން މިޔާ ބޭނުންވި އެވެ. ނަމަވެސް އަހަން ނުކެރެނީ ކީއްވެކަމެއް ޚުދު މިޔާއަކަށް ނުވިސްނުނެވެ. އިޒީކިއަލްއާ ދެބަސްވާންޖެހިދާނެތީ މިޔާ ޖެހިލުންވަނީ ކަމަށް ވެދާނެ އެވެ. ނޫނީ އެފަދަ ސުވާލުތައް ދެމަފިރިންނަށް ވެވުނީމާ ކުރުން ރަނގަޅުވާނޭ ހީކުރެވެނީ އެވެ. ޚިޔާލުތަކުގައި މިޔާ ހުއްޓާ ބެލްކަންޏަށް ނުކުމެވެން ހުރި ދޮރު ކައިރިން އިޒީކިއަލް ގޮވާލި އަޑު އިވުނެވެ. ފަސްއެނބުރި އެދިމާއަށް ބަލާލިއިރު އިޒީކިއަލް ހުރީ އަތްދިގު ހުދުގަމީހަކާއި ކަޅުފަޓުލޫނެއްގަ އެވެ. ގަމީހުގެ އަތްކުރި ވަނީ މުލައްދަނޑި ފެންނަ ވަރަށް މައްޗަށް އޮޅާލާފަ އެވެ. އަރާފައި ހުރީ އޮފުކަމެއް ހުރި ކަޅު ބޫޓަކަށެވެ. ފެންނަ ފެނުމަށް ނުހަނު އާދައިގެ އެވެ. މިޔާ އުންމީދުކުރީ މިރޭ އިޒީކިއަލް ފެންނާނީ ސޫޓެއް ލައިގެން ހުއްޓާކަމަށެވެ. ނަމަވެސް އެހެނެއްނުވިތާ އެވެ.
"ހިނގާ ދަމާ." އަތުކުރީ އޮތް ގަޑިއަށް ބަލާލާފައި އިޒީކިއަލް ބުންޏެވެ.
ހިމޭންކަމުގައި ހުރެ އިޒީކިއަލްއާއެކު މިޔާ ހިނގައިގަތެވެ. ދެ ޒުވާނުން ސިޑިން ފޭބީ ގާތްގާތުން އެކުއެކީ އެވެ. މިޔާގެ ހިތް އެދޭފަދަ ޚާއްޞަކަމެއް ނުފެންނާތީ އޭނާއަށް ނުތަނަވަސްކަމެއް ލިބިފައިވެ އެވެ. ލާފައި ހުރި ހެދުން މިޔާއަށް ކަމުނުދިޔައިރު އޭނާއަށް އިޒީކިއަލް އެރެއަށް ޓަކައި އާ ހެދުމެއް ހޯދައިފައިނުވާކަން ފާހަގަވީ އެވެ. އިޒީކިއަލްއަކީ އެފަދަ ޚަރަދެއް ނުކުރެވޭވަރު މީހެއްނޫނެވެ. އަނެއްކޮޅުން ކައިވެނި ކުރަނީ ދެ މީހުން މުޅި އުމުރަށް އެކުގައި އުޅޭންކަން މިޔާ ޤަބޫލު ކުރެ އެވެ. ވީއިރު މިރޭ މީ އޭގެ ދެ ޒުވާނުންނަށް ކިހާ ޚާއްޞަ މުހިންމު މުނާސަބާއެއް ހެއްޔެވެ. އެކަމަށް ޓަކައި ވެސް އާ ހެދުންލައި ވީ އެންމެ ނަލައެއް ވެގެން ތިބުމަކީ މުހިންމު ކަމެއްކަމުގައި މިޔާ ދުށްޓެވެ.
"އަހަންނަށް ޓަކައި ހޯދާފައި ހުރި އެއްޗެހި ފެނޭ. އެއީ ގައިމު ވެސް ކުޑަ ޚަރަދެއްނޫން. ދެން ކީއްވެ ވެޑިންނަށް ޚަރަދު ނުކުރަންވީ." މިޔާގެ ޟަމީރު އިޒީކިއަލްއަށް ލެނބެމުންދިޔަ އޭނާގެ ހިތާ ސުވާލު ކުރެ އެވެ. އެ އަޑު ހިނދިގެން ދިޔައީ ޖަވާބެއް ނުދެވި އެވެ.
ކައިވެނިކޮށްދޭން ކޯޓުން އަންނަ މީހުން އަންނަން ދެން މިޔާ ގާތުގައި ސިޓިންރޫމުގައި އިނުމަށް ބުނެ އިޒީކިއަލް ނުކުތީ ގޯތިތެރެ އަށެވެ. ހަމައެވަގުތު އޭނާއަށް ފޯނެއް އައެވެ. އެ ކޯލާއެކު އޭނާގެ ހަރަކާތްތައް އަވަސްވެލައިފި އެވެ. ބޭރަށް ދެމިގަތީ ނުހަނު ހަލުވިކޮށެވެ. ބަލަބަލާ އިން މިޔާއަށް އިޒީކިއަލް ދޮރުމަތިން ގެއްލުނީ އެވެ.
ކޯޓުން އަންނަން ހަމަޖެހިފައިވާ މީހުން ގޮވައިގެން އައިސް ދޮރޯށިން ވަންތަން ފެނުނީ ހިލްމީ އެވެ. އެއާއެކު އުނދޯލީގައި އިނދެފައި އިޒީކިއަލް ތެދުވި އެވެ. ގާޟީއާއި އައިސް ތިބި އެހީތެރީންނާއި އިޒީކިއަލް ސަލާމްކުރި އެވެ. އެ މަޖިލީހުގައި ހެކިވެރިއެއްގެ ގޮތުގައި އިނީ ހިލްމީ އެވެ. ކަންކަން ހަމަޖެހިފައި އޮތީ އިޒީކިއަލް ބޭނުންވީ ގޮތަށެވެ. ފަށަންވީކަން ގާޟީ ވިދާޅުވުމުން އިޒީކިއަލް އައިސް މައިގޭގެ ދޮރުމަތިން މިޔާއަށް ގޮވާލި އެވެ. ކައިވެނިކޮށްދޭ މީހުން އަތުވެއްޖެކަން އިޒީކިއަލް ބުނެލި އެވެ. އަދި ދެ ޒުވާނުން އެކުގައި އައިސް މޭޒު ދޮށުގައި އިށީނެވެ. އެއާއެކު ގާޟީ އަދާކުރަން ޖެހޭ ވާޖިބު އަދާކުރަން ފަށައިފި އެވެ. އެއްފަރާތެއްގައި ދުރުގައި ކައިވެނީގެ މަޖިލިސް ކުރިޔަށްދާ ގޮތް ބަލަން ނަފީޒާ ހުއްޓެވެ.
"އަނބިޤަބޫލުކޮށްފިން." ގާޟީ އެހުމުން އިޒީކިއަލް ބުނެލި އެވެ.
މޭޒު ދޮށުގައި އިށީން ވަގުތުން ފެށިގެން ހިތް އަވަސްވެފައި އިން މިޔާއަށް ހިންދިރުވާލެވުނެވެ. އޭނާ އިޒީކިއަލްގެ އަނބިމީހާއަށް ވީތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ. ލަސް ހަރަކާތަކުން އިސްއުފުލައިލާ މޭޒުދޮށުގައި ތިބި މީހުންނަށް މިޔާ ބަލާލި އެވެ. އިޒީކިއަލްގެ މޫނުން ފެންނަނީ އަބަދުވެސް ފެންނަން ހުންނަ ސީރިއަސްކަމެވެ. އޭނާގެ ސަމާލުކަން ދެވިފައިވަނީ ގާޟީއަށެވެ. އެހެންވެ އިޒީކިއަލްގެ ހިތުގައި މިވަގުތު ހިނގަމުންދަނީ ކޮންކަހަލަ ޝުޢޫރުތަކެއްކަމެއް ދެނެގަތުން މިޔާއަށް ފަސޭހައެއް ނުވި އެވެ.
މައިގޭގެ ފާރު ކައިރީ ބަހައްޓާފައި ހުރި ދިގުގެ މޭޒުގެ މަތީ ރޭގަނޑުގެ ކެއުމަކަށް ކަމުދާނޭ ބާވަތްތައް އަތުރާފައި ހުއްޓެވެ. ކައިވެނި ކޮށްދީ ނިމުމާއެކު އިޒީކިއަލް އަވަސްވެލީ ކޯޓުން އައިސް ތިބި މީހުންނަށް ފަރިއްކޮޅު އަރުވާށެވެ. މަޑުމަޑުން އެއްފަރާތަށް ޖެހެމުން ގޮސް މިޔާ އިށީނީ އުނދޯލީގަ އެވެ. އެވަގުތު އޭނާއަށް ބޭނުންވާ އެކަކު ވެސް އެތާކު ނެތް ފަދަ އެވެ. އެންމެންގެ ހަރަކާތްތަކަށް ބަލަން މިޔާ އިނީ އެވެ.
"މޭބީ މައި އެކްސްޕެކްޓޭޝަންސް އާ ޓޫ ހައި." ހިތާހިތާ މިޔާ އަމިއްލަ ނަފްސަށް ބުނެލި އެވެ. އަނބިމީހާއަށް ވީމާ އިޒީކިއަލް ފަހަތު ލައިގެން އުޅޭނޭ މިޔާއަށް ހީވީ އެވެ. ނަމަވެސް އިޒީކިއަލްގެ ސަމާލުކަމެއް ނުލިބުނެވެ. ފިރިމީހާ އަނބިމީހާއަށް ގަސްދުގައި އަޅާނުލައެއް ނުހުންނާނޭކަން މިޔާގެ ހިތް އޭނާއަށް ވިސްނައިދިނެވެ.
(ނުނިމޭ)