ހަބަރު

މަޝްވަރާތަކުގައި ޖޭޕީ އާއި ޑީއާރުޕީ ބައިވެރިވާނެކަން އަންގައިފި

Feb 26, 2016
11

ސަރުކާރުން އިސްވެ ބާއްވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އިން ބައިވެރިވާން ނިންމައިފި އެވެ.

ޖޭޕީ އަދި ޑީއާރްޕީ އިން މަޝްވަރާ ތަކުގައި ބައިވެރިވާން ނިންމާފައިވާ އިރު އިދިކޮޅު މައި ދެ ޕާޓީ، އެމްޑީޕީ އަދި އަދާލަތު ޕާޓީ އިން މި މަޝްވަރާތަކުގައި ބައިވެރިވާން އަންނަނީ ދެކޮޅު ހަދަމުންނެވެ. އެދެޕާޓީ އިން ބުނާ ގޮތުގައި ހައްޔަރުކޮށްފައި ތިބި ސިޔާސީ މީހުން ދޫނުކުރަނިސް މަޝްވަރާ ފެށޭކަށް ނެތެވެ.

މަޝްވަރާތަކުގައި ބައިވެރިވާނެކަން އިއުލާން ކުރަމުން ޖޭޕީ އިން ބުނެފައި ވަނީ އެ ޕާޓީ އިން ބައިވެރިވާނެ މަންދޫބުން ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށެވެ. ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު ކާނަލް ވިދާޅުވީ މި މަޝްވަރާތައް އިންސާފުވެރިކޮށް ހަމަޖެހޭ ގޮތަަކަށް ގެންދިޔުމަށް ޑީއާރުޕީ ފަދަ ވަކި ކޮޅަކަށް ނުޖެހި އޮތް ޕާޓީއެއް މަޝްވަރާތަކަށް އައުން މުހިންމު ކަމަށެވެ. ނަޝިދު ވިދާޅުވީ ޑީއާރުޕީގެ ކައުންސިލްގައި މަޝްވަރާ ކުރުމަށް ފަހު ނިންމާފައި ވަނީ ޑީއާރުޕީގެ ފަރާތުން މަޝްވަރާތަކުގައި އޭނާގެ އިތުރަށް ކައުންސިލް މެންބަރު، ޑރ. ހާމިދު ރަޝީދު ބައިވެރިވުމަށް ކަމަށެވެ.

"މިހާރު ސަރުކާރަށް ވާނީ އެކަން ލިޔުމުން ވެސް އަންގާފައި،" ނަޝީދު ވިދާޅުވި އެވެ.

މަޝްވަރާތަކުގައި ސަރުކާރު ފަރާތުން ބައިވެރިވަނީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްގެ އިތުރުން ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރެވެ. އަދި ޕީޕީއެމް ފަރާތުން އެޕާޓީގެ ޕީޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވުމަށް ވަނީ ނިންމާފަ އެވެ.