އުމްރާ ދަތުރު

އުމްރާއަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ

އުމްރާއަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.

މައްކާގައި ރޭ މެންދަމު ނިޔާވީ ހ. ފޮއްދޫގެ، ނަޝީދާ ހުސައިން (67 އ) އެވެ.

ނަޝީދާ ނިޔާވީ އާއިލާ މީހަކާ އެކު އަލްމަނާސިކް ގުރޫޕާ އެކު އުމްރާއަށް ގޮސް އުޅެނިކޮށެވެ.

ނަޝީދާ ނިޔާވީ އުމްރާއަށް ދިޔަ ފަހުން ރޯގާ ޖެހިގެން ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދިޔަތާ ހައެއްކަ ދުވަސް ފަހުންނެވެ.

ނަޝީދާގެ އާއިލާ ބޭފުޅަކު އަވަސްއަށް މައުލޫމާތު ދެމުން ބުނީ ނަޝީދާ އަކީ އުމުރު ދޮށީ މީހަކަށްވީ ނަމަވެސް ސިއްހީ ބޮޑެތި މައްސަލަތަކެއް ހުރި މީހެއް ނޫން ކަމަށެވެ.

"ނިއުމޯނިއާ ޖެހި ހާލު ދެރަވަމުން ގޮސް މައްކާ ގަޑިން ރޭ މެންދަމު 12:30 ހާއިރު ނިޔާވީ. ދައްތަގެ ކުދިންވެސް މިހާރުވީ މައްކާގައި،" މައުލޫމާތު ދިން މީހާ ބުންޏެވެ.

ނަޝީދާގެ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު މައްކާގެ ހަރަމްފުޅު -- އަލް މަސްޖިދުލް ހަރާމް ގައެވެ.