އުމްރާ ދަތުރު

މަޝްއަރު ޓުއާސްއާ އެކު އުމްރާއަށް ދިޔަ މީހުން ރާއްޖެ ގެނެސްފި

މަޝްއަރު ޓުއާސްގެ ހަވާލުގައި މިދިޔަ ރޯދަ މަހު އުމްރާއަށް ގެންދިޔަ މީހުން ރާއްޖެ ގެނެސްފި އެވެ.

މަޝްއަރު ގުރޫޕުން 53 މީހަކު އުމްރާއަށް ގެންދިޔައީ އެ މީހުންގެ އަތުން ދެކޮޅު ޓިކެޓަށްވާ ފައިސާ ނަގައިގެންނެވެ. ނަމަވެސް އުމްރާގެ އަޅުކަން ނިންމުމަށްފަހު އެމީހުން ރާއްޖެ އައުމަށްޓަކައި މަޝްއަރު ޓުއާސްގެ ފަރާތުން ޓިކެޓަށް ފައިސާ ދެއްކުމަށް އޭސް ޓްރެވެލްސްއަށް ދޫކުރި ޗެކް ބައުންސްވުމުން ގިނަ ދުވަސްތަކަކަށް އެމީހުން މައްކާގައި ތާށިވި އެވެ.

އަވަސްއަށް މައުލޫމާތު ދެމުން މަޝްއަރު ގުރޫޕްގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުން ބުނީ އެ ގުރޫޕުން ފުރަތަމަ އެންގީ އެ މީހުން އަމިއްލަ ޓިކެޓް ނަގައިގެން މާލެ ދިއުމަށް ކަމަށެވެ. ނަމަވެސް ފަހުން އެ ގުރޫޕުން ޓިކެޓް ހަމަޖައްސައިދީ މިދިޔަ ހޮނިހިރު ދުވަހު އެންމެން މާލެ ގެނެސްދީފައިވާ ކަމަށްވެސް ބުންޏެވެ.

މަޝްއަރު ގުރޫޕުން މިދިޔަ ރޯދަ މަހު މީހުން އުމްރާއަށް ގެންދިޔައީ މީހެއްގެ އަތުން 38،500 ރުފިޔާ ނަގައިގެންނެވެ.

މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި މިދިޔަ އަަހަރު އުމްރާއަށް ގެންދިޔަ މީހުން ރާއްޖެ ގެނައުމަށް އެއާލައިން އެޖެންޓަށް ދޫކުރި ޗެކް ބައުންސްވެ މައްސަލަތަކެއް ދިމާވުމުން އިސްލާމިކް މިނިސްޓްރީން ވަނީ އެ ޖަމާއަތަށް ދިން ހުއްދަ އޭރު ބާތިލްކޮށްފަ އެވެ. އެހެންވެ މިއަހަރު މަޝްއަރު ގުރޫޕުން މީހުން އުމްރާއަށް ގެންދިޔައީ "މަޝްއަރު ޓުއާސް"ގެ ނަމުގައި ޓްރެވަލް އެޖެންސީއެއް ހަދައިގެން ކަމަށްވެ އެވެ. ނަމަވެސް މި އެޖެންސީ ރަޖިސްޓްރީކޮށްފައި ނުވާ ކަމަށްވެ އެވެ.