ހައްޖުގެ އަޅުކަން

ހައްޖުން އައުމަށްފަހު ރައްކާތެރިވުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފި

ހައްޖުން ނުވަތަ އުމްރާއިން އެނބުރި އައުމަށްފަހު ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭ އިން ވަނީ އަރުދަފުސް ރޯގާ އާއި ވައިރަލް ހުމުން ރައްކާތެރިވުމުގެ ގޮތުން ކެއްސާ، ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުމަށާއި ޓިޝޫ ފަދަ ތަކެތި ބޭނުންކުރުމަށްފަހު ރައްކާތެރި ގޮތުގައި ނައްތާލުމަށް އެދިފަ އެވެ.

މީގެ އިތުރުން ގިނަގިނައިން ސައިބޯނި ބޭނުންކޮށްގެން އަތް ދޮވުމަށާއި ހައްޖު ނުވަތަ އުމްރާ އަޅުކަމުގެ ތެރޭގައި އަދި ދަތުރުމަތީގައި މާސްކް އެޅުމަށްވެސް އެދިފައިވެ އެވެ.

ރޯގާޖެހި ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށް ވަނީ ނަސޭހަތް ދީފަ އެވެ. މީގެ ތެރެއިން ހާއްސަކޮށް ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުން އަދި ބަލިތައް ތަހައްމަލު ކުރަމުންދާ މީހުން، އާންމުކޮށް މީހުން އެއްވާ ތަންތަނަށް ނުދިޔުމަށް ވަކިން ބޮޑަށް އެޗްޕީއޭ އިން އެދެ އެވެ. އަދި ރޯގާޖެހި ކެއްސާނަމަ ކުޑަކުދިންނާއި ގާތް ނުވުމަށާއި އެކުދިން އުރާ ނެހެދުމަށްވެސް އެދިފައިވެ އެވެ.

ހައްޖު ނުވަތަ އުމްރާއިން އެނބުރި އައުމަށްފަހު 14 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ހުން އައިސް، ކެއްސާ، ނޭވާލުމަށް އުނދަގޫވެ، މޭގައި ރިއްސާނަމަ ނުވަތަ އިތުރު ބައްޔެއްގެ އަލާމާތެއް ފެންނަނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށްވެސް އެޗްޕީއޭ އިން އެދެ އެވެ. އަދި ޑޮކްޓަރަށް ދައްކާއިރު، ހައްޖު ނުވަތަ އުމްރާއިން އެނބުރި އައި މީހެއް ކަމަށް މައުލޫމާތު ދިނުމަށްވެސް ބުނެފައިވެ އެވެ.

ހުމާއި އަރުދަފުސް ރޯގާ ޖެހިއްޖެނަމަ ގޭގައި ދެވޭނެ ބައެއް ފަރުވާއާ ގުޅޭގޮތުން އެޗްޕީއޭ އިން ބުނީ ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުމަށާއި، އަރާމުކުރުމަށާއި، ހުން ގަދަނަމަ ތާފަނާ ފެން ގައިގައި ހޭކުން އަދި ޕެރެސެޓްމޯލް ފިޔަވައި އެއްވެސް އެހެން ބޭހެއް ޑޮކްޓަރެއްގެ މަޝްވަރާއާއި ނުލާ ބޭނުން ނުކުރުން މުހިއްމު ކަމަށެވެ.