އަލް ބުރޫޖް ހައްޖު އެންޑް އުމްރާ ގްރޫޕުގެ ހަވާލުގައި މިއަހަރުގެ ރޯދަމަހު އުމްރާއަށް ދިޔަ އުމްރާވެރިންނަށް ރާއްޖެ ނާދެވުނީ އެއާޕޯޓަށް ދިއުމަށް ކަނޑައެޅި ބަސް ހޮޓަލަށް އައުން ލަސްވުމުގެ ސަބަބުން ކަމަށް އެ ގްރޫޕުން ބުނެފި އެވެ.
އެ ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނީ އުމްރާވެރިން އެއާޕޯޓަށް ދިއުމަށް ކަނޑައެޅިފައިވާ ބަސް ހޮޓަލަށް އައުން ލަސްވުމާއި ގުޅިގެން ޖިއްދާ އެއާޕޯޓްގެ ސެކިއުރިޓީގެ ކަންކަން ފުރިހަމަކޮށް އެއާލައިންގެ ޗެކިން ކައުންޓަރަށް ދިއުމަށް ކަނޑައެޅިފައިވާ ގަޑިއަށް ނުދެވުމުގެ ސަބަބުން ޗެކިންވުމުގެ ފުރުސަތު ނުލިބި އެނބުރި ހޮޓަލަށް އަންނަން ޖެހުނު ކަމަށެވެ.
އުމްރާވެރިން އެނބުރި ރާއްޖެ އައުމަށް ޓިކެޓް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށާއި އެ ބޭފުޅުންގެ ދަތުރު ނިމުމާއި ހަމައަށް މައްކާގައި ތިބޭ ތިބުމާއި ކެއުމުގެ އިންތިޒާމުތައް ކުރިއެކޭވެސް އެއްފަދައިން ހަމަޖައްސާފައިވާ ކަމަށެވެ.
މި މުއްދަތުގައި މައްކާގައި ހޭދަވާ މުއްދަތުގައި ތިބޭ ތިބުމަށާއި ކެއިންބުއިމަށް އުމްރާވެރިންގެ އަތުން އެއްވެސް އަގެއް ނުނަގާނެ ކަމަށްވެސް އެ ގްރޫޕުން ވަނީ ބުނެފަ އެވެ.
އެ ގްރޫޕުން ބުނި ގޮތުގައި ބަސް ލަސްވުމުގެ ޒިންމާ ސައުދީގެ އުމްރާ އެޖެންޓް ވަނީ ނަގާފަ އެވެ.
މީގެ އިތުރުން އަރަބި ބައެއް ގައުމުތަކަށް ދިމާވެފައިވާ ވިއްސާރަ އާއި ފެންބޮޑުވުމުގެ ހާދިސާގެ ސަބަބުން ދުބާއީގެ އެއާޕޯޓްގެ ރަންވޭތައް ބަންދުކޮށްފައިވާކަން ފާހަގަކޮށް އެ ގްރޫޕުން ބުނީ އެމިރޭޓްސް އެއާލައިނުން ދުބާއީ މަގުން ރާއްޖެ ދިއުމަށް ހަމަޖެހިފައިވާ އުމްރާ ވެރިންނަށްވެސް ނުފުރޭ ކަމަށެވެ.
އެ އުމްރާ ވެރިން މިވަގުތު ތިބީ ޖިއްދާ ސިޓީގައި އެއާލައިންގެ ހަރަދުގައި ބައި ތިއްބާފައިވާ ހޮޓަލެއްގައި ކަމަށްވެސް އެ ގްރޫޕުން ބުނެ އެވެ.