ގއ. ވިލިނގިލި

ބަލި ކުއްޖަކު ފުރުވާލުން ލަސްވެގެން ވިލިނގިލީގައި މުޒާހަރާކުރަނީ

ގއ. ވިލިނގިލީގައި ހިންގަމުންދާ އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކުޑަ ކުއްޖަކު އިތުރު ފަރުވާއަށް މާލެ ގެނައުން ލަސްވާތީ އެރަށުގައި މުޒާހަރާކުރަން ފަށައިފި އެވެ.

މުޒާހަރާގައި ހުރި މީހަކު އަވަސްއަށް މައުލޫމާތު ދެމުން ބުނީ އެ ކުއްޖާއަށް އިތުރު ފަރުވާ ބޭނުންވާތީ މާލެ ގެންދިއުމަށް ޑޮކްޓަރު އަންގަވާފައިވާ ކަމަށެވެ. ނަމަވެސް ކުއްޖާ ފުރުވާލުން ލަސްވަނީ ހޮސްޕިޓަލްގެ ފަރުވާ ކުޑަކަމުން ކަމަށް އެ މީހާ ބުންޏެވެ.

އޭނާ ބުނީ ވިލިނގިއްޔަކީ ގއ. އަތޮޅުގައި އެންމެ ބޮޑު އާބާދީއެއް އޮތް އަދި އަތޮޅުގެ ވެރިކަން ކުރާ ރަށް ކަމަށްވީ ނަމަވެސް އަތޮޅުގެ އެހެން ބައެއް ރަށްތަކަށް ވުރެ ވިލިނގިލި އަތޮޅު ހޮސްޕިޓަލްގެ ހާލަތު ގޯސް ކަމަށެވެ.

"ހަގީގަތުގައި ވަރަށް ދެރަވަރުކޮށް މިތަނުގައި ހުރިހާ ކަމެއް މިހުންނަނީ. މިކަމާ ކަންބޮޑުވާތީ ރައްޔިތުން ނިކުމެ މުޒާހަރާކުރަނީ." އޭނާ ބުންޏެވެ.

މުޒާހަރާ ކުރަމުން ދިޔަ މީހުން ވަނީ ގއ. އަތޮޅު ހޮސްޕިޓަލްގެ ނަމުގެ މަތީގައި "ހެލްތް ޕޯސްޓް" ޖެހުމަށްފަހު ކަރުދާސްގަނޑެއްވެސް ނަން ބޯޑުގައި ތަތްކޮށްފަ އެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ ވިލިނގިލީގައި އޮތް ބަލި ކުއްޖަކު މާލެ ގެނައުމަށް ފްލައިޓެއް ހަމަޖެއްސުމުގެ މަސައްކަތް އެ ކުންފުނިން ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށެވެ.