ގއ. ވިލިނގިލި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެ ރަށު ކައުންސިލުން ބުނީ ޕޮޒިޓިވްވެފައިވަނީ ހޯމް ކަރަންޓީންގައި ހުރި މީހެއް ކަމަށެވެ. މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ރައްޔިތުން ސަމާލުވުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.
މިދިޔަ އޮގަސްޓް މަހުން ފެށިގެން ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާއިރު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 9000 އަށްވުރެ މައްޗަށް އަރާފައެވެ. އޮގަސްޓް މަހަކީ އެންމެ ގިނަ ބަޔަކަށް ކޮވިޑް ޖެހުނު މަހެވެ. އެ މަހު އެކަނިވެސް 3900 ވުރެ ގިނަ މީހުންނަށް ބަލި ޖެހުނެވެ. އަދި އެ މަހު އެކަނިވެސް 12 މީހަކު އެ ބަލީގައި މަރުވިއެވެ.
ކޮވިޑްގެ ބަލި މީހުން މާލެއިން ފެންނަ ނިސްބަތް މިިދިޔަ ފަސް ދުވަހު ވަނީ ދަށްވެފައެވެ. ނަމަވެސް އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި ކޮވިޑްގެ ބަލި މީހުން މިހާރު އެބަތިއްބެވެ. އެގޮތުން 25 ރަށެއްގައި ކޮވިޑްގެ ބަލި މީހުން އެބަ ތިއްބެވެ. އެ ރަށްރަށުގައި 89 ބަލި މީހުން އެބަތިއްބެވެ. އެއީ 82 ދިވެހިންނާއި ހަތް ބިދޭސީންނެވެ.
ކޮވިޑްގެ ބަލި މީހުން ހއ. އާއި ށ. އަތޮޅާއި ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅާއި އއ. އަތޮޅާއި ފ. އަތޮޅާއި ދ. އަތޮޅާއި ލ. އަތޮޅާއި ގދ އަދި ސ އަތޮޅުގެ އެކި ރަށްރަށުގައި އެބަ ތިއްބެވެ.