ސިއްހަތު

ކުއްޖާ މަރުވީ އިހުމާލަކުންތޯ ބަލަނީ

ގއ. ވިލިނގިލިން އިތުރު ފަރުވާއަށް މާލެެއަށް ގެނައުން ލަސްވި ކުއްޖާ މަރުވީ އިހުމާލަކުންތޯ ބަލަން ފަށައިފި އެވެ.

ފަރުވާއަށް މާލެ ގެނައުން ލަސްވި ގއ. ވިލިނގިލި ޕެންޒީއާގޭ މުހައްމަދު ޖާހު ހާލިދު (13އ) މަރުވީ އިއްޔެ ހެނދުނު އެވެ.

ޖާހު މާލެ ގެނެވުނީ އިތުރު ފަރުވާއަށް މާލެ ފޮނުވަން ޑޮކްޓަރުން އެންގިތާ 16 ގަޑިއިރު ފަހުން މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލަކު މިއަދު އަވަސް އަށް ވިދާޅުވީ ކުއްޖާ މަރުވީ ފަރުވާގެ އިހުމާލަކުންތޯ ބަލަމުންދާ ކަމަށެވެ. އަދި ކަމެއް ފާހަގަކުރެވިއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނެ ގޮތަށް ބަލި މީހުން ކުއްލި ފަރުވާއަށް ގެނެސްދިނުމުގައި އަމަލުކުރަމުން އަންނަ ނިޒާމު އިސްލާހު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަމާ ގުޅުން ހުރި ސަރުކާރުގެ ހުރިހާ އިދާރާތަކަށް އަންގަވާފަ އެވެ.

ރައީސްގެ އެންގެވުމުގައި ވަނީ ބަލި ހާލަތެއް މެދުވެރިވެގެން އިތުރު ފަރުވާ ދިނުމަށް، ވައިގެ މަގުން ބަލި މީހަކު ގެނެސްދޭންޖެހޭ އެއްވެސް ހާލަތެއްގައި، އާސަންދަ ފަދަ އިދާރާތަކުން ކަންކަން ހަމަޖެހެންދެން މަޑުނުކުރައްވައި، ސިއްހީ ފަރުވާދޭ ތަނަކުން އެފަދަ ކަމަކަށް އެދުމާއެކު، ވީއެންމެ އަވަހަށް ބަލިމީހާ ގެނައުމަށް އިސްކަން ދިނުމުގެ އުސޫލެއް ކަނޑައަޅައި، އެގޮތަށް އައިލެންޑް އޭވިއޭޝަނުން އަބަދުވެސް އަމަލުކުރަމުން ގެންދިއުމަށްވެސް އެދިވަޑައިގެންފަ އެވެ.